ރިޕޯޓް

މަސްތުގެ ހާލިން އިޖުތިމާއީ ހިދުމަތުގެ އުހަށް!

"އޭނާ ބަދަލެއް ނުވާނެ، މާދަން ބޮމުން ދުވާ ތަން ފެންނާނީ،" މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތްކުރާ މީހުންނާ ދިމާލަށް ގިނަ ފަހަރަށް ބުނެވެނީ މިހެނެވެ. އެ ވަބާއިން މީހަކަށް ސަލާމަތްވެވިދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އަދި، އެ ވަބާގައިޖެހޭ މީހުން ބަދަލުވެދާނެ ކަމަކަށް ވެސް ނުދެކެވެ އެވެ.

އެކަމަކު ބުނަން ހެއްޔެވެ؟ އެއީ މުޅިން ކުށް ހީއެކެވެ. އެމީހުން ވެސް ބަދަލުވެ އެވެ. މަސްތުގެ ވަބާއިންމީހުން ސަލާމަތްވެސް ވެއެވެ. މިއީ އޭގެ މިސާލެކެވެ. ގދ. ގައްދޫއަށް އުފަން އެ ރަށު ދުންމާރި، މުހައްމަދު އަދީލް އާދިލެވެ. މަސްތުވާތަކެތީގެ ހާލިން، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ އިނާމާ ހަމައަށް އޭނާ ވާސިލުވީ ހަމަ އެ ހާލުގައި ހުރެގެެނެއް ނޫނެވެ. ވަރަށް މަސައްކަތުންނެވެ. ހިތްވަރުންނެވެ. --އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ދާއިރާއިން މި އަހަރު ހިތްވަރު ދިނުމުގެ އިނާމް ހާސިލުކުރީ އަދީލެވެ.

އެންމެ ފަސޭހައިން ގޯޅިއަޅާ އުމަރަށް އައިއިރު އަދީލަށް ވެސް އުޅެން ޖެހުނީ ތޮއްޖެހިފައިވާ މި މާލޭގަ އެވެ. މީހުން ފުރިބާރުވެފައިވާ ކޮޓަރި ގަނޑެއްގަ އެވެ. ރަށުގެ ހިތްފަސޭހަކަން ދޫކޮށް، އެ ދަތި ބޮލަށް އުނދަގޫ ދިރިއުޅުން އަދީލަށް ކެތެއް ނުކުރެވުނެވެ. ބޯ ހަމަޖައްސަން އަދީލަށް ވެސް ނިކުމެވުނީ މަގު މައްޗަށެވެ. ދިމާވި ތެދުވެރި ނޫން އެކުވެރިންނާ އެވެ. "ނޫން ނޫން" ބުނަން ޖެހޭ ކަންކަން "އާން ހޫން" ބުނެ، އެންމެ ނުރައްކާތެރި ވަބާގެ ތެރެއަށް އަދީލް ގެނބިގެން ދިޔައީ ފުރާވަރުގަ އެވެ. ބަސްއަހާ ދަރި ގޯޅި އަޅައިގެން ދިޔައީ މަންމައަށް ވެސް ނޭނގި އެވެ.

"ކޫލް" ވެލަން ބޯލި ސިނގިރޭޓުން ގޮސް ނަން ހުސްކޮށް މަސްތުވާތަކެތި އަދީލު ބޭނުންކުރި އެވެ. އެ ވިއްކަން ވެސް ވިއްކި އެވެ. އެ ފައިސާގައި ވެސް ޖެހުނެވެ. އޭރު ކުރެވޭ ނުބައި އިހުސާސެއް ނެތެވެ. އެކަމުން ހިތްހަމަ ޖެހުން އޭރު ލިބުނެވެ. އެހެނަސް އެ "ބަލި" އާދިލު މުޅިން ބަލިކޮށްލި އެވެ. ހަތް ފަހަރަށް އަދީލު އަމިއްލަ މަރުވާން މަސައްކަތްކުރީ އެ ވޭނުގައި ކެތް ނުވެގެންނެވެ. އެއީ ވެސް އަދީލްގެ ހުންނަ އެޑިކްޝަނެކެވެ. އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމެވެ. ޖަޒުބާތީ ކަމެއް ދިމާވެއްޖެނަމަ އޭނާގެ ގައިން ލޭ އޮހޮރުވާލަން އޭނާ ބޭނުންވެ އެވެ. އެ ދުނިޔެ މަތިން ފޫހިވެ، އާއިލާ މެންބަރުންނަށް ދުއްތުރާކުރަން ވެސް އަދީލްއަށް ފެށުނީ އެވެ. އެ ވަބާގެ ހާލީގައި ނުވަ ވަރަކަށް އަހަރު އަދީލް ހޭދަކުރި އެވެ.

އެ ދިރިއުޅުން މަތިން ފޫހިވެ އާދިލު ބޭނުންވީ، އާ ދިރިއުޅުމެކެވެ. އެހެނަސް އާ ދިރިއުޅުމެއް ހޯދުންވީ އުނދަގޫ ކަމަކަށެވެ. ގޮންޖެހުންތައް އަދީލު ވަށާލި އެވެ. އޭރު އެއީ އާއިލާ އަދި މުޖުތަމައު ވެސް ބަލައިގަންނަ މީހެއް ނޫނެވެ. އަދީލު އެކަނިވެ ބިކަވެސްވި އެވެ. އޭނާ ބަދަލުވެދާނެ ކަމަށް ވެސް ބަޔަކު ގަބޫލެއް ނުކުރި އެވެ. އެ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތެއް ނޭނގިހުރެ، އަދީލު ޓަކި ޖެހީ ރީހެބުގެ ދޮރުގަ އެވެ. ރީހެބުގައި އޭނާ ދުވަސްތައް ގުނަން ފެށި އެވެ. އޭނާއަށް ބަދަލުތައް އަންނަން ފެށީ އެ ހިސާބުންނެވެ. ޖަޒުބާތާއި އިހުސާސްއަކީ ކޯޗެއްކަން އެނގެން ފެށި އެވެ. ދެރަވާން، އުފާވާން އެނގުނެވެ. އަދީލުގެ ލޯބިވާ މަންމަ މި ދުނިޔެ ދޫކޮށް ދިޔައީ އޭނާ ރީހެބުގައި މަންމަ އެދޭ ފަދަ މީހަކަށްވުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ. އޭނާގެ މަންމަ މަރުވެގެން ދިޔައީ އަދީލަށް ދުވަހަކުވެސް ހިތް ހަލާސް ނުދޭނެ ކަމަށް ބުނެފައި އޮވެ އެވެ. އެއީ އަދީލު އަދިއަދަށް ވެސް ހިތާމަކުރާ ކަމެކެވެ. މަންމަ ކިބައިން މާފަށް އެދެން އޭނާއަށް ފުރުސަތެއް ނުލިބެ އެވެ.

ރީހެބުގައި ކުރި ހިތްވަރުގަދަ މަސައްކަތާއެކު އަލުން މުޖުތަމައަށް އަދީލަށް ނިކުމެވިއްޖެ އެވެ. އާ މީހެއްގެ ގޮތުގަ އެވެ. އެތަނުން ނުކުތްތަނާ އަދީލުގެ އަތުގައި ހިފީ އދ. އިންނެވެ. އެތަނުން އޭނާއަށް ވަޒީފާ ހަމަޖެހުނެވެ. އޭރުގެ އޭނާގެ ޔާރެއް ވަންނާނެ ގެއެއް ކާނެ ގޮތެއް ވެސް ނެތެވެ. އެ ހުރިހާ ހުސްކަމެއް ފުރިހަމަ ކޮށްދިނީ އޭނާއަށް ވަޒީފާދިން ފަރާތްތަކެވެ.

އދ. އިން ލިބުނު ވަޒީފާއެކު ރާއްޖެއިން ބޭރަށް ކޮންފަރެންސްގައި ބައިވެރިވުމަށް ދާން އަދީލަށް ފުރުސަތު ލިބުނެވެ. އެ ބައްދަލުވުމުގައި އޭނާ ކަހަލަ އެތައް ބަޔަކާ ދިމާވެ ވާހަކަ ދެކެވުނެވެ. އެ ހާލުގައި އުޅެނީ އޭނާ އެކަނި ނޫންކަން އެނގުނެވެ. އެއީ، އެ ވަބާއިން މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަށް އޭނާ އަޒުމު ކަނޑައެޅި ހިސާބެވެ. އެމީހުންގެ ހިތްވަރުން ހިތްވަރު ލިބިގެން އެފަދަ ދިވެހިން ސަލާމަތްކުރުމަށް އަދީލް އަޒުމު ކަނޑައަޅައި އެ މަސައްކަތުގައި މަސްއޫލުވި އެވެ. އޭނާ އަމިއްލައަށް ވެސް އަދި އެހެން މީހުންނަށް ވެސް ދަސްކޮށްދެއްމުން ގެންދަނީ އަމިއްލަ ނަފުސު ކޮންޓްރޯލުކުރުމަށެވެ. ރީތި ދިރިއުޅުމެއް އުޅުމަށެވެ.

ރީހެބުން ނިކުމެ ކުރަން ފެށި މަސައްކަތުގައި މިހާރު އަދީލް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް ގޮސްފަ އެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި، އެކަމުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާ މީހުންނަށް ބައްދަލުކޮށް ހިތްވަރުދީފަ އެވެ. އޭނާއަށް 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް 2500 އެއްހާ އެޑިކްޓުންނާ ވަނީ ބައްދަލުވެފަ އެވެ.

ރީހެބުން ނިކުމެ ހޭދަކުރަން ޖެހުނު ދުވަސްތަކަކީ ވެސް އޭނާއަށް އެހާ ފަސޭހަ ދުވަސްތަކެއް ނޫނެވެ. އެކަމަކު އޭނާގެ ހިތްވަރުން ރީހަބަށް ދިޔަ ދުވަހުން ފެށިގެން އަދާ ހަމައަށް ވެސް މަސްތުވާތަކެތީގެ އެއްވެސް ބާވަތެއްގެ ކުޑަ މިންވަރެއް ވެސް އޭނާ ބޭނުންކޮށްފައެއް ނުވެ އެވެ. އެއީ އޭނާ ވަރަށް ހިތްވަރުން ކުރި ކަމެކެވެ. ކުޑަ ކަމެއް ދިމާވެލިއަސް އެ ދިމާލަށް އޭނާގެ ހިތްދެ އެވެ. ނަމަވެސް ސިކުނޑިއަށް ބާރު ފޯރުވައިގެން އެ ދިމާލަށް ނުގޮސް އޭނާ ހިފަހައްޓާލީ އެވެ. އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމުގެ އެޑިކްޝަނުން ވެސް އޭނާ މިހާރު އެ ހުރީ ސަލާމަތްވެފަ އެވެ.

މިކަމުގައި ދެމި ހުރުމަށް އޭނާއަށް އެންމެ ބޮޑު ފަސޭހައަކަށް ވަނީ އެ ވާހަކަތައް އެމީހުންނާ ހިއްސާކުރުމެވެ. އެ ހިތްވަރާއި އެ ވޭން އެހެން މީހުންނަށް ބުނެދިނުމެވެ. އެ ވަބާއިން އެހެން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުމުން އޭނާގެ ހިތަށް އަދަޔާ ހިލާފަށް ފިނިކަން ލިބެ އެވެ. މިހާރު ވެސް ރީހެބަށް ގޮސް، އެތަނުގައި ފަރުވާ ހޯދާ ކުދިންނަށް އުއްމީދު އާލާކޮށްދީ، ހިތްވަރުދެ އެވެ.

އދ. ގައި ވަޒީފާ އަދާކުރުމަށްފަހު ރާއްޖެއަށް އެރި ސުނާމީއަށްފަހު އޭނާ ވަނީ ބްރިޓިސް ރެޑް ކްރޮސްގައި ވަޒީފާ އަދާކޮށްފަ އެވެ. އެގޮތުން ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ލ. އަތޮޅާއި ތ. އަތޮޅުގައި މަސައްކަތްތަކެއް އޭނާ ވަނީ ކޮށްފަ އެވެ. ސުނާމީގައި ހާލުގައި ޖެހުނު ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެ ދެ އަތޮޅުގައި އޭނާ އުޅުނު ދުވަސްވަރު ވެސް މަސްތުވާތަކެތީގެ ވަބާއިން ގިނަ ޒުވާނުންތަކެއް އޭނާ ސަލާމަތްކޮށްފައިވެ އެވެ. އެ ޒުވާނުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނެވެ.

މިހާރު ދިވެހި ރެޑް ކްރެސެންޓްގެ ލޮޖިސްޓިކްސް އޮފިސަރުގެ މަގާމު އަދާކުރަމުންދާ އާދިލަށް އެ ވަޒީފާ ވެސް ލިބުނީ ފަސޭހަ ގޮތަކަށް ނޫނެވެ. މުޖުތަމައުއަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައި އޭރުވީ ނަމަވެސް އެ ވަޒީފާއަށް އޭނާއަށް ހޮވީ އޭނާއަށް އެކަން ވެދާނެ ކަމާމެދު ސުވާލު އުފައްދަމުންނެވެ. އެހެނަސް މިއަދު އެއީ މުޅި ދިވެހި ރެޑް ކްރެސެންޓް ފަހުރުވެރިވާ މުވައްޒަފެކެވެ. އަދީލުގެ އެންމެ ކަންބޮޑުވުމަކީ ވެސް އެއީ އެވެ. ރީހެބުން ފަރުވާ ހޯދުމަށް މުޖުތަމައުއަށް ނިކުންނަ ކުދިން ބަލައިނުގަތުމެވެ. އެއީ އެ ކުދިން އަލުން އެ ވަބާގެ ތެރެއަށް ވަނުމަށް މަގު ފަހިގެންދާ ކަމެކެވެ. އެ ވަބާއިން ސަލާމަތްވުމަށް ބޭނުންވަނީ އެމީހުންގެ ހިތްވަރާއި އަޅާލުމެވެ. އެ މުޖުތަމައުގައި މަދެވެ.

ހަތަރު ކައިވެންޏެއް ކޮށްފައިވާ އަދީލްގެ ލޯބިވާ ތިން ދަރިއެއް އެބަ ތިއްބެވެ. އޭނާގެ މިހާރު އެންމެ ބޮޑު އެއް މަސައްކަތަކީ އެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމެވެ. އެ ވަބާގެ ހިޔަނި ވެސް އެ ދަރިންނާ ކައިރި ނުކުރުމެވެ. މިހާރުގެ ލޯބިވާ އަނބިމީހާއާއެކު އުފާވެރި ދިރިއުޅުމެއް އޭނާ ދަނީ ވޭތުކުރަމުންނެވެ. އެއާއެކު އަމިއްލަ އަގީދާ ވަރުގަދަކުރުމަށް ވެސް އަދީލް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެނބުރި އެ ހާއްޔަށް ނުދިއުމަށް އޭނާ ގެންގުޅޭ އެންމެ ވަރުގަދަ ހަތިޔާރަކީ އަގީދާ ވަރުގަދަކުރުމެވެ.

ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ އަދީލަށް ހަޔާތް މިހާރު ވަރަށް "ކޫލް" އެވެ. ޑްރަގް ނަގަމުން މަގުމަތީގައި އުޅުނު އިރަކީ "ކޫލްވުން" ނޫން ކަމަށް އޭނާ ދެކެ އެވެ. ހަމަ ނޭވާ ލެވެނީ މިހާރު އެވެ. ފުރިހަމަ ހިތްހަމަޖެހުން ލިބެނީ ވެސް މިހާރު އެވެ. މިހާރު އޭނާގެ އާއިލާއަކާއި ތެދުވެރި ރައްޓެހިން ވެސް އެބަ ތިއްބެވެ. އޭނާގެ އެދުމަކީ އެ ވަބާގައި ޖެހިފައި ތިބި އެންމެން އެކަމުން ސަލާމަތްވުމެވެ. އަދި، އެކަމަށް އޭނާ ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކޮށް، ސަރުކާރުން އޭނާއަށް ގައުމީ އިނާމް ދިނުމަކީ އޭނާ ދެކޭ ގޮތުގައި އެކަމުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާ އެންމެންނަށް ލިބުނު އާ ހިތްވަރެކެވެ. އާ އަޒުމެކެވެ.