ރާއްޖެ ކުޅިވަރު

ވޮލީލީގުގެ ފުރަތަމަ އަންހެން ޗެމްޕިއަނަކަށް މޯލްޑިވިއަން

Nov 17, 2016

ޕޮލިސް ކުލަބު މައްޗަށް ކާމިޔާބު ހޯދައި ގައުމީ ވޮލީބޯޅަ ލީގްގެ އަންހެން ޑިވިޝަންގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ގައުމީ އެއާލައިން، މޯލްޑިވިއަން ހޯދައިފި އެވެ.

ރޭ ކުޅު މެޗް، މޯލްޑިވިއަން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އެޓީމުން ސެޓްތައް ކާމިޔާބު ކުރީ 25-18، 25-23، 25-21 ންނެވެ.

މޯލްޑިވިއަން ލީގް ކަށަވަރު ކުރީ ފުވައްމުލަކު މިސްކިތް މަގު އެންމެންގެ ގުޅުމާއި ޕޮލިސް ކުލަބު ވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެ ފައިދާ ސެޓަށް މޯލްޑިވިއަން އާއި މިސްކިތް މަގު އެއްވަރުވުމުން ފައިދާ ޕޮއިންޓަށް ބެލުމަށްފަހު ފައިދާ ޕޮއިންޓުން މޯލްޑިވިއަން ކުރި ލިބުމުންނެވެ.
ފައިދާ ޕޮއިންޓްގައި މޯލްޑިވިއަން ލިބިފައިވަނީ 55 ޕޮއިންޓެވެ. ދެ ވަނަ އަށް ދިޔަ މިސްކިތް މަގަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ ޕޮލިސް ކުލަބަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.

ޕޮލިސް ކުލަބަށް ތިން ވަނަ ލިބުނީ ފައިދާ ސެޓުން މޯލްޑިވިއަން އާއި މިސްކިތް މަގަށްވުރެ ދެ ޕޮއިންޓް ފަހަތުގައި އޮތުމުންވެ. މޯލްޑިވިއަން އާއި މިސްކިތް މަގަށް ހަ ޕޮއިންޓް ލިބިފައިވާއިރު ޕޮލިސް ކުލަބަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

މުބާރާތުގެ ޑްރީމް ޓީމު

މޯލްޑިވިއަންގެ އައިޝަތު މާޖިދާ، އައިޝަތު ޝައްފަ، ޕޮލިސްކުލަބުގެ ހައްވާ ސަހާ، ހައްވާ ރާޝިދާ، ފާތިމަތު ޒޫޒަން ޒަރީރު ފައިސްޑާގެ އާމިނަތު ރާޝިދާ، ޑްރީމް ޓީމު ލިބަރޯ މިސްކިތް މަގުގެ ފާތިމަތު ނާޒިޔާ އެވެ.

ޑްރީމް ޓީމުގެ ކޯޗަކީ މޯލްޑިވިއަންގެ ކޯޗް މުހައްމަދު އިކްލީލްއެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފައިސްޑާގެ އާމިނަތު ރިޔާސާއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ މިސްކިތް މަގުގެ ޕްރަތިބާ މާލީއެވެ. ފެއާ ޕްލޭ ޓީމަކީ މިސްކިތް މަގު އެންމެންގެ ގުޅުމެވެ.