ރިޕޯޓް

މޫސަގެ ނިންމުންތައް ސީދާ އިދިކޮޅަށް، މިވަނީ ކިހިނެއް؟

ވަކި ފަރާތަކަށް ވެރިކަން ހަވާލު ކުުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރަށް، އެމްޑީޕީގެ އެންމެ އިސް އެއް މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ދެކޮޅު ހެއްދެވި އެވެ. އަންނަ އަހަރުގެ ބަޖެޓަށް ވޯޓު ނުދިނުމަށް ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕް ނެރެފައި އޮއްވާ އެކަން ވެސް އެއް ފަރާތްކޮށް މޫސަ މިއަދު ވޯޓު ދެއްވީ އެ ބަޖެޓް ފާސްކުރުމަށެވެ. އެމްޑީޕީގެ ފަރާތުން ދެން ވެރިކަމުގެ ރޭހަށް ނިކުންނަވާނެ ކަން މިހާރުވެސް އިއުލާން ކުރައްވާފައިވާ މޫސަ އެމްޑީޕީ ނިންމުންތަކާ ފާޅުގައި ދެކޮޅަށް ވޯޓު ދެއްވުމުގައި ކޮންމެވެސް ސަބަބުތަކެއް ހުންނާނެ އެވެ. ހަމަ ޔަގީންނުން ވެސް މޫސަ އާއި އެމްޑީޕީއާ ދެމެދު މައްސަލަތަކެއް އެބަހުއްޓެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހެއްގެ ތެރެއިން އެ މަޖިލީހުގެ ނައިބަކަށް ވެ ވަޑައިގަތުމަށް ފަހު މޫސަގެ އަޑު މަޑުވެ ހިމޭންވި ކަމަށް އެމްޑީޕީން ތުހުމަތު ކުރެ އެެވެ. އެކަން އެގޮތަށް ދިމާވަނީ މޫސަ ނުސިޔާރު ކަންކަން ހިންގާތީ ކަމަށް އަބަދު ހެންމެ ތުހުމަތު ކުރެ އެވެ. މަންޒަރު ފެންނަ ގޮތުން އެއީ އެކަން ވާ ވެސް ގޮތެވެ. މަޖިލީހުގެ ނައިބު ރައީސްކަމަށް ފަހު މޫސައަށް މިއައީ ކޮން ބަދަލެއް ހެއްޔެވެ؟

އެމްޑީޕީގެ އެ ހުރިހާ ތުހުމަތުތަކެއް މޫސަ ދޮގު ކުރައްވަ އެވެ. ދާދި ފަހުން "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވި ގޮތުގައި އޭނާ އަކީ ދައުލަތުގެ އެއް ބާރުގެ އިސްމަގާމެއްގައި ހުރި މީހެކެވެ. އަދި މުއައްސަސާގެ ކަރާމާތާއި ގަދަރަށް ޓަކައި އަބަދު މަގުމައްޗަށް ނުކުމެ ހަޅޭއްލަވައި ހެދުމަކީ އޭނާ ގަބޫލު ކުރައްވާ އުސޫލަކަށް ނުވެ އެވެ. އެއީ އެމްޑީޕީ ދެކެ ނުރުހިގެން ނޫނީ އެޕާޓީއަށް ގައްދާރުވުމަށް އޭނާ ގެންގުޅުއްވާ އުސޫލެއް ނޫން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ދަންނަވަންތޯ ސަރުކާރަށް ނުފުދި އުޅޭ އެއްވެސް މީހަކު ނޫޅޭ. އެނގިވަޑައިގަންނަވާނެ ސަރުކާރުން އިނާޔަތް ލިބޭތީ ރައީސް ނަޝީދު ވެސް އެ އިންނަވަނީ ތިން ލައްކަ ރުފިޔާ ނަންގަވައިގެން ދައުލަތުގެ ކާރެއްގަ. ސަރުކާރުގެ އިނާޔަތެއް ނޫންތޯ އެއީ. އަޅުގަނޑު މިއަދު ދައުލަތުގެ މަގާމެއްގައި ހުންނާތީވެ ދައުލަތުގެ ކާރެއްގެ ދައުލަތުން މުސާރަ ނަގައިގެން މި ހުންނަނީ ރައްޔިތުންގެ މަޖިލީހުގައި ހުންނާތީ. ކޮބައިތޯ ތަފާތަކީ މީގަ،"މޫސަ ވިދާޅުވި އެވެ. "ދެން އަޅުގަނޑު ޑިމޮކްރަސީ ވާންވެގެން ކާރު ދޫކޮށްލާފަ ބެނިއަނެއް ލައިގެން ހުސްގަޔާ މަގުމައްޗަށް ނިކުތީމަ މައްސަލަ ކިހިނެއްތޯ ހުންނާނީ. އަޅުގަނޑުމެން އެ ދުވަސް ދޫކޮށްފަ މިއަދު މި ތިބީ އިންތިހާބުކުރި ވެރިކަމެއްގެ ދުވަސްތަކެއްގެ ތެރޭގަ. އެހެންވެ އަޅުގަނޑު ދައުލަތުގެ މަގާމެއްގަ ހުރެގެން އަޅުގަނޑު ކޮންމެ ދުވަހަކު އެއްފަހަރު މަގުމައްޗަށް ނިކުމެ ރައީސް ޔާމީނާ ދިމާލަށް ނުބަވައިގެން އެ މައްސަލަ އަކީ އަޅުގަނޑު އެމްޑީޕީ ކަންކަމުގަ ކުރިން އުުޅުނު ގޮތަށް ނޫޅޫމެއް ނޫން."

ޕާޓީން ބާއްވާ އެއްވުންތަކުންނާއި ރެލީތަކުން މޫސަ ނުފެންނަނީ މި ސަބަބާ ހުރެ ކަމަށް ވެދާނެ އެވެ. އެކަމަކު އެމްޑީޕީގެ އެންމެ އެތެރޭގައި ތިއްބެވި ބޭފުޅުން ގަބޫލު ކުރައްވަނީ މޫސަ މަޖިލީހުގެ ނައިބު ރައީސް ކަމަށް ވަޑައިގަތީ ސަރުކާރާ އެކު ހެއްދެވި ޑީލެއްގެ ތެރެއިން ކަމެވެ.

"މޫސަ އެހެން ނޫނީ އެގޮތަށް ވޯޓު ދެއްވަން ޖެހޭ ސަބަބެއް ނެތް. އެމްޑީޕީގެ ކޮންމެ ނިންމުމެއް ބައިޕާސް ކުރައްވަމުން ވަޑައިގަންނަވަނީ. އެފަދަ ޒިންމާދާރު ކަމެއް މޫސަ ގެންގުޅުއްވާނީ ކޮންމެވެސް ކަމެއް އޮތީމައި،" އެމްޑީޕީގެ އިސްބޭފުޅަކު ވިދާޅުވި އެވެ.

އެހެންވެ މޫސަ އޭނަގެ މަގާމުގެ ބިރަށް އެ ހުރިހާ ނިންމުންތަކެއް ނިންމަވަނީ އެވެ. މިއީ އެމްޑީޕީން އިސް ފަރާތްތަކާއި ރައީސް ނަޝީދު ގެންގުޅުއްވާ ސިނާރިއޯއެކެވެ. އެހެން ވިއްޔާ ދެން އޮތީ ވެސް އަނެއްކާ ސުވާލެކެވެ.

މާލެއަށް ފެން ނުލިބުމުގެ މައްސަލައިގައި ރައީސް ނަޝީދާއި އެމްޑީޕީން ވަކާލާތި ކުރީ ބޮޑު އިހުތިޖާޖަކަށް ނުކުތުމަށެވެ. ނަމަވެސް މޫސަ މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވި، "ފެން ނުލިބުމުން ހަދަން ޖެހޭ ގޮތްތަކެއް ގުރުއާނުގައި އޮންނަ ކަމަށާއި އެއީ ދުއާކޮށް ނަމާދު ކުރުން" ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އިހުތިޖާޖަށް ނުކުތުން ނޯންނަ ކަމަށް ވެސް މޫސަ ޖެހިލުން ކުޑަކަމާ އެކު ވިދާޅުވެ ގޮންޖެއްސެވި އެވެ. އޭގެ ފަހަތުން މޫސަ ތަކުރާރު ކުރެއްވީ އޭނާ ވެރިކަމަށް އައިސްފި ނަމަ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައްތަކެވެ. މޫސަގެ ވެރިކަމެއްގައ އޭނާގެ ބަޖެޓްގައި ހިސާބު ޖައްސަވާފައި އޮންނާނެ ގޮތެވެ. ދެން ދެއްވީ އިންޒާރެކެވެ. އޭނާ ވެރިކަމަށް ނުކުންނަވަން އުޅޭތީ އެކަމާ ބިރުން އެއްވެސް މީހަކު އެކަމަށް ހުރަސް އަޅަން ނޫޅުއްވުމަށެވެ. މޫސަގެ ހުރިހާ ވާހަކައެއް ގޮސް ނިމެނީ ރާއްޖޭގައި ވެރިކަމަށް އައުމުގެ ވައުދާ އެވެ. އެހެން ކަމުން ހުރިހާ ވެސް މައްސަލައަކީ މޫސަ އެ ޕާޓީން ވެރިކަމަށް އަންނަން މަސައްކަތް ކޮށްފާނެތީ ރައީސް ނަޝީދު އެމަނިކުފާނު އެ ޕާޓީން ބާކީ ކުރުން ބާ އެވެ؟

މޫސަ ވިދާޅުވަނީ ރައީސް ނަޝީދާ މައްސަލައެއް ނެތް ކަމަށެވެ. ރައީސް ނަޝީދާ ސިޔާސީ ވާދަވެރިކަމެއް އޮތަސް އެއީ އޭނާގެ މައްސަލަ އެއް ނޫނެވެ. އެކަމަކު ރިޔާސީ ރޭހުގައި ވާދަ ކުރާނެކަން އިއުލާން ކުރި ހިސާބުން އެމްޑީޕީ ތެރެއިން ތަފާތު ކުރުމާއި ފިއްތުން ހުރި ކަމަށް މޫސަ ވެސް ގަބޫލު ކުރައްވަ އެވެ. ޕާޓީގެ އިސް ނިންމުންތަކުގައި މޫސަ އާއި މަޝްވަރާ ނުކުރުމާއި ރައީސް ނަޝީދު ބޭނުން ފުޅުވާ ބަޔަކު ބައިތިއްބައިގެން ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމެވުމަކީ މޫސަގެ އެންމެ ބޮޑު މައްސަލަ އެވެ. އޭނާ އެ ޕާޓީން ވައްތަރަކަށް ބާކީ ކޮށްލީ އެވެ.

"އަޅުގަނޑާ މެދު ތަފާތު ކުރުން އެބަހުރި. އެއީ ދިމާވާ މައްސަލައެއް. ވަކި ބަޔަކު ކުރިއަށް ނެރެގެން އަޅުގަނޑުމެން މި ޕާޓީއަށް އެންމެ އަގުހުރި މަސައްކަތް ކުރި މީހުން ބާކީ ކޮށްލާފައި މި ތިބެނީ. އެއީ އަޅުގަނޑުމެން ދެރަވާ ކަމެއް. ހިޔާލު ތަފާތުވުން ވެސް އޮތް ކަމެއް. މި ޕާޓީއަށް ހިދުމަތް ކުރި މީހުންނާ މަޝްވަރާ ކޮށްގެން ޑިމޮކްރަސީގެ އުސޫލުން ކަންކަން ގެންދަން ޖެހޭނީ،" މޫސަ ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގަތުމުގައި މީގެ ކުރިން ވެސް ރައީސް ނަޝީދާއި މޫސަ އާ ދެމެދު އެމްޑީޕީގެ ތެރެއިން ކޯޅުން ހިނގާފައިވެ އެވެ. މިފަހަރު ވެސް އެކަން މި ފެންނަނީ އެހެން ނެވެ. އެމްޑީޕީ ބޮޑު އެއްވުމެއްގައި އެ ވާހަކަ މޫސަ އިއުލާން ކުރެއްވި ހިސާބުން ކުރިން ވަޅުލެވިފައި އޮތް ކޯޅުން އަލުން އިއާދަ ވެއްޖެ އެވެ. އެކަމަކު މޫސަ ވިދާޅުވާ ގޮތުން ޑިމޮކްރަސީގައި ވާދަކުރެވެން ޖެހޭނެ އެވެ. އަދި ޑިމޮކްރަސީއާ އެއްގޮތަށް އޭނާ ރައީސް ނަޝީދާ ވެސް ވާދަ ކުރައްވާނެ އެވެ. އެކަމާ ބަޔަކު ހިތްހަމަ ވެސް ނުޖެހިދާނެ އެވެ. އެކަމަކު މޫސަ ވިދާޅުވި ގޮތުގައި އޭނާގެ ސަޕޯޓަރުން ވެސް އެބަ ތިއްބެވެ. އަދި އެކަމަށް ޓަކައި މަސައްކަތް ކުރައްވާނެ އެވެ. އެއީ އަދި އެމްޑީޕީއާ ދުރަށް ދިޔުން ނޫން ކަމަށް މޫސަ ދެކިވަޑައިގަންނަވަ އެވެ.

"ގަބޫލުކުރަން ޖެހޭނެ ހަގީގަކީ އަޅުގަނޑަށް ތާއީދުކުރާ މީހުން ވެސް އުޅޭނެ. ރައީސް ނަޝީދަށް ތާއީދުކުރާ މީހުން ވެސް އުޅޭނެ. އަޅުގަނޑު އެ ވާހަކަ ދެއްކުމާ ގުޅިގެން އެކަމާ އަސަރުކުރާނެ ބަޔަކު ވެސް އުޅެފާނެ. އެމްޑީޕީ ތެރޭ ހިތްހަމަނުޖެހޭ ބަޔަކު ވެސް އުޅެފާނެ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑާ ރައީސް ނަޝީދަކާ ދެމެެދު މައްސަލައެއް ނޯވޭ،" މޫސަ ވިދާޅުވި އެވެ. "އަޅުގަނޑަށް ވެރިކަން ކުރެވޭނެ ވާހަކަ ބުނީމާ ނުވަތަ އަޅުގަނޑު ވެރިކަމަށް ކުރިމަތިލާނެ ވާހަކަ ބުނީމާ އަޅުގަނޑު އުލަށް ޖަހައިގެން ފިހަން ހަދާނެ ކަމެއް ނެތް،"

އެހެން ކަމުން އެމްޑީޕީގެ ތެރޭގައި އުފެދޭ އުދާސްތަކަކީ މިއީ ކަމަށް ވެދާނެ އެވެ. އެމްޑީޕީގެ އެކްޓިވިސްޓަކު ތުހުމަތު ކުރެއްވި ގޮތުގައި ފެން ނުލިބުމާ ގުޅިގެން މަގުމަތީގައި މިހާރު ކުރާ މުޒާހަރާ ތަކަށް ވެސް ބަޔަކު އައިސް ހަމަލާ ދެނީ އެތެރޭގައި އުޅޭ ހިތްހަމަ ނުޖެހުންތަކެއްގެ ސަބަބުން ވަކި މީހަކަށް "ލޯޔަލް" ގްރޫޕެކެވެ. އެއީ އެމްޑީޕީގެ ތެރޭގައި މިހާރު އޮތް ވާދަވެރިކަމުގެ ތެރެއިން ނިޔުޅިގެން އަންނަ މުޅިން އެހެން ސިލްސިލާއެއް ކަމަށް މި އަންނަނީ ތުހުމަތު ކުރެވެމުންނެވެ. މިއީ ވެސް ކަންވެދާނެ ގޮތެކެވެ. 

ކަށަވަރުވާ ކަމަކީ މޫސަވެސް ވެރިކަމަށް އައުމަށް ކުރާ ދަތުރު ފެތިގެން ދާ ދޫކޮށް ނުލާނެ ކަމެވެ. އެއީ ކަށަވަރުވާ ކަމެކެވެ. އެކަމަށް އޭނާ ވެސް ކުރެވުނު ގޮތަކަށް މަސައްކަތް ކުރާނެ އެވެ. ސީދާ އެމްޑީޕީން ނިންމުންތަކާ ހިލާފަށް މޫސަ މިއަދު ފާޅުގައި ވޯޓު ދެއްވުމަކީ އެ ސިލްސިލާގެ ފެށުމެވެ.

އެކަމަކު އެމްޑީޕީގެ ލީޑަޝިޕުން ގަބޫލު ކުރަނީ ޕާޓީގެ ގުނަވަންތަކުން ނިންމާ ކޮންމެ ނިންމުމަކަށް ކޮންމެ މެންބަރަކު ވެސް ބޯލަބަން ޖެހޭނެ ކަމެވެ. ޑިމޮކްރަސީގައި އެއީ އެކަން ވެސް އޮންނަން ޖެހޭނެ ގޮތެވެ. ޕާޓީއަކުން ކަމެއް ނިންމާނީ ގިނަ ބަޔަކު އެއް ކޮޅަކަށް ބުރަ ވަންޏާ އެވެ. އެކަމަކު މޫސަ އެކަމަށް ދޭ ރައްދެއް ވެސް އެބަ އޮތެވެ. ޕާޓީގެ ގުނަވަންތައް ރައީސް ނަޝީދު ހިސޯރުކޮށް އެމްޑީޕީ އަސްލު އުފެދުނު މަގުސަދު ނައްތާލުމާ ދިމާލަށް އެމްޑީޕީގެ މިސްރާބު ދާތަނެވެ. މޫސަ ވިދާޅުވާ ގޮތުން އެގޮތަށް ކަންތައް ދާން އޭނާ ދޫކޮށެއް ނުލާނެ އެވެ. އެއަށް ވުރެ އޭނާ އެމްޑީޕީ ދެކެ ލޯބިވެ އެވެ.