ހަބަރު

އިސްލާމީ މަރުކަޒުގައި ހުތުބާ ދިނުމުގެ ހުއްދަ މެންކަށް ދީފި

Nov 17, 2016
1

ތަގުރީރު ކުރެއްވުމަށް ރާއްޖެ އަންނަ ޒިންމްބާބުވޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކްއަށް އިސްލާމީ މަރުކަޒުގައި މާދަމާ ހުކުރު ހުތުބޭ ދިނުމުގެ ހުއްދަ ދީފި އެވެ.

މިހާރު ގަވާއިދު އޮންނަ ގޮތުން ދިވެހި ބަހުން ނޫން ބަހަކުން އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދިނުމުގެ ހުއްދަ ނުދެވޭނެ ކަމަށް ބުނެ މެންކްގެ ހުތުބާ އިސްލާމީ މަރުކަޒުގައި ދިނުމުގެ ހުއްދަ މިނިސްޓްރީ އިން ދޫނުކުރި އެވެ. އަދި އޭގެ ބަދަލުގައި ފުރުގާން މިސްކިތުގައި އޭނާ ހުތުބާ ދެއްވާ ގޮތަށް މިނިސްޓްރި އިން ހަމަޖެއްސި އެވެ.

ޖަމްއިއްޔަތުއް ރަހުމާ އިން ބާއްވާ އިލްމްޓޯކްގައި ތަގުރީރު ކުރެއްވުމަށް އަންނަ މުފްތީ މެންކް މާދަމާ އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވާކަން އެ ޖަމްއިއްޔާގެ އިސް އޮފިޝަލަކު ކަށަވަރު ކޮށްދެއްވި އެވެ. އަދި ވިދާޅުވީ އެގޮތަށް ހަމަޖެއްސީ އެ ޖަމްއިއްޔާ އާއި މިނިސްޓްރީއާ ދެމެދު މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށެވެ. މެންކް އިސްލާމީ މަރުކަޒުގައި ހުތުބާ ދިނުމުގެ ހުއްދަ ނުދިން މައްސަލައިގައި އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތްތަކުން އިއްޔެ ވަނީ އިސްލާމިކް މިނިސްޓަރާ ވެސް ބައްދަލު ކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މުފްތީ މެންކްގެ ހުކުރު ހުތުބާ އިސްލާމީ މަރުކަޒުގައި ދެއްވުމަށް ހުއްދަ ދިނީ، މަރުކަޒުގައި ދޭ ހުތުބާއަކީ ދިވެހި ބަހުން ދޭން ޖެހޭ ހުތުބާއެއް ކަމަށް ލާޒިމުވި ނަމަވެސް ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށެވެ. އަދި، މުފްތީގެ ހުތުބާ އިސްލާމީ މަރުކަޒުގައި ދެވޭނެ ގޮތް ހަދައިދިނުމަށް އަމިއްލަ ގިނަ ޖަމިއްޔާތަކަކުން މިނިސްޓްރީގައި އެދެމުންދާތީ ކަމަށެވެ.

މިއަދުގެ ވަގުތެއްގައި މެންކް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

މާދަމާ އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމަށް ފަހު މެންކް ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 9:00 ގައި އިސްލާމީ މަރުކަޒު ބޭރު މައިޒާނުގަ އެވެ. އޭނާ ތަގުރީރު ކުރައްވަނީ، "އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ހައްގުތަކު"ގެ މައްޗަށެވެ.

ޖަމިއްޔަތުލް ރަހުމާނުން އިސްނަގައިގެން މިއަހަރުގެ އިލްމު ޓޯކް ކުރިއަށް ގެންދަނީ މޯލްޑިވިއަން ޔޫތު ލީގް (މައިލް) އާއި އިސްލާމީ ޔުނިވާސިޓީގެ ސްޓޫޑިއަން ޔޫނިއަން އަދި ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑިއަންޓް ޔޫނިއަން އާ ގުޅިގެންނެވެ. މި އަހަރުގެ އިލްމްޓޯކްގެ ކޯ ސްޕޮންސަރުންނަކީ އެލިއާ އިންވެސްޓްމެންޓާއި ތިލަފުށި ކޯޕަރޭޝަނާއި ގުޅިފަޅު އިންވެސްޓްމެންޓެވެ. ސެޓްލްކޯ އާއި މޯލްޑިވް ގޭސްއަކީ ވެސް އިލްމްޓޯކްގެ ސްޕޮންސަރުންނެެވެ.

އިލްމުޓޯކްގައި މުފްތީ މެންކުގެ ތަގްރީރު ޕީއެސްއެމްގެ ޓީވީއެމް އިން ލައިވް ކުރުމަށްވަނީ ހަމަޖެހިފަ އެވެ. އިލްމު ޓޯކްގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ. އިލްމްޓޯކްގެ ޕްރިންޓިން ޕާޓްނަރަކީ ނޮވެލްޓީ އެވެ. ޝޭޑީ ކެބިންނަކީ ރެންޓަލް ޕާޓްނަރެވެ. މި އަހަރުގެ އިލްމްޓޯކް ބްލޭޒެންއިން މެނޭޖްކުރާއިރު، ލައިޓް އަދި ސައުންޑް ހަމަޖައްސައިދެނީ ޕީސް ފައުންޑޭޝަނުންނެވެ. އަދި އިވެންޓްގެ މާކެޓިން އަދި ޑިޒައިންގެ މަސައްކަތާ ހަވާލުވެފައިވަނީ މައިންޑެވެ.