ހަބަރު

މެންކްގެ ގޮވާލެއްވުން: ﷲގެ މަގުގައި ވީހާ ވެސް ގިނައިން ހޭދަކުރައްވާ

Nov 18, 2016

ލިބޭ މުދަލުން ވީހާ ވެސް ގިނައިން ﷲ ގެ މަގުގައި ހޭދަކޮށް، އާހިރަށް ބާައްޖެވެރި ކުރުމަށް އެންމެން ވެސް ގަދަ އަޅާ މަސައްކަތް ކުރުމަށް ޒިމްބާބުވޭގެ މަޝްހޫރު އިލްމްވެރިޔާ ޑރ. މުފްތީ މެންކް މިއަދު އިސްލާމިކް މަރުކަޒުގައި ދިން ހުތުބާގައި އެންމެހާ ދިވެހިންނަށް ގޮވާލައްވައިފި އެވެ.

މުފްތީ އިނގިރޭސި ބަހުން ދެއްވި ހުތުބާގައި ވިދާޅުވީ، ދުނިޔެމަތީގައި ލިބޭ މުދަލަކީ ވަގުތީ އެއްޗެއްކަމަށާއި، ދުނިޔެމަތީގައި ލިބޭ މުދަކުން އެ މީހަކަށް ވީވަރަކުން ﷲ ގެ މަގުގައި ހޭދަކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ﷲގެ މަގުގައި ހޭދަ ކުރުމަކީ އާހިރަތް ދުވަސް ބާއްޖަވެރި ކުރުމަށް އޮތް އެންމެ ރަނގަޅު އިންވެސްޓްމަންޓް ކަމަށެވެ. އަދި މާ ތަނަވަސް މީހަކަށް ނުވި ނަމަވެސް، އާއިލާގެ މީހުންނާއި، އަވަށްޓެރިންނާއި ބޭނުން ޖެހިފައި ތިބޭ މީހުންނަށް ވީ ވަރަކުން ހެޔޮ ކަންކަމުގައި އެހީ ވެދީ ހޭދަކުރުމުގައި މުފްތީ ގޮވާލެއްވި އެވެ.

"ކޮންމެ ފަރުދަކު ވެސް އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން މިސްކިތްތައް ބިނާ ކުރުމަށާއި، މިސްކިތްތައް މަރާމާތުކުރުމަށް އެހީތެރިވެ ދެއްވާ. ގާތް ތިމާގެ މީހުންނާއި ހާލުގައި ޖެހި އެހީއެއް ބޭނުންވެފައި ތިބި މީހުންނަށް އެހީތެރިވެ ދެއްވާ. މިއީ ތިމާގެ މުދަލުން އާހިރަށް ދުވަސް ބާއްޖަވެރި ކުރުމަށް ވެދެވޭ ހޭދައެއް،" މުފްތީ ވިދާޅުވި އެވެ.

ރަސޫލާގެ ސަހާބީއެއް ކަމަށްވާ، އުސްމާން ބިން އައްފާންގެ ދީލަތި ކަމުގެ މިސާލު ނަންގަވަމުން މުފްތީ ވިދާޅުވީ، އުސްމާންގެ ފާނަކީ އުންމަތުގެ ކޮންމެ މުސްލިމަކު ވެސް ނަމޫނާއަކަށް ދެކެން ޖެހޭ ބޭފުޅެއް ކަމަށެވެ. އަދި އުސްމާންގެ ފާނުގެ މުދަލުން އުއްމަތުގެ ލާބަޔަކަށް ހޭދަ ކުރައްވައި އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އެކަމަށް އިސްކަން ދެއްވި ކަމަށް މުފްތީ ވިދާޅުވި އެވެ. އެ ގުރުބާނީތަކުގެ ނަތީޖާއެއްގެ ގޮތުން އެމަނިކުފާނަކީ ދިރިހުންނަވަނިކޮށް ސުވަރުގެއަށް ވަޑައިގެންނެވޭނެ ކަމުގެ އުފާވެރި ހަބަރު ރަސޫލާ ދެއްވި ބޭފުޅެއް ކަމަށް ވެސް މުފްތީ ވިދާޅުވި އެވެ.

މުފްތީގެ ހުތުބާގައި އޭނާ ތަކުރާރުކޮށް ދިވެހި އިސްލާމީ އުއްމަތަށް ގޮވާލެއްވީ، ދުނިޔެމަތީގެ އަރާމާއި އުފަލަށް ވުރެ ބޮޑަށް އާހިރަތް ދުވަހަށް ތައްޔާތުވުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށެވެ. އެގޮތުން ޝައިތާނާގެ ވިސްނުންތަކާއި ފިކުރުތަކުން އެއްކިބާވެ، އަދި ދުނިޔެމަތީގައި ހެޔޮ އަމަލުކުރުމުގައި ދުވަސްތައް ހޭދަކުރުމަށް މުފްތީ ގޮވާލެއްވި އެވެ.

މެންކް ރާއްޖެ ވަޑައިގެންނެވީ، ޖަމްއިއްޔަތު ރަހުމާއިން އިންތިޒާމް ކޮށްގެން މިރޭ އިސްލާމީ މަރުކަޒުގައި ބާއްވާ އިލްމް ޓޯކް ދަރުސް ސިލްސިލާގެ މިފަހަރުގެ ޖަލްސާގައި ތަގުރީރު ކުރެއްވުމަށެވެ. މިރޭ 9:00 ގައި އިސްލާމީ މަރުކަޒުގެ އެތެރޭ ހޯލުގައި ބާއްވާ އެ ތަގުރީރުގައި އޭނާ ވާހަކަދައްކަވާނީ "މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ހައްގުތައް"މި މައުލޫއަށެވެ.