ހަބަރު

މެންކްގެ ތަގުރީރު އިސްލާމީ މަރުކަޒު އެތެރެއަށް ބަދަލުކޮށްފި

Nov 18, 2016

މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް ދެއްވަން ހަމަޖައްސާފައިވާ ދަރުސް އިސްލާމިކް މަރުކަޒު އެތެރެއަށް ބަދަލުކޮށްފި އެވެ.

ޖަމްއިއްޔަތުއް ރަހުމާ އިން އިންތިޒާމް ކުރާ އިލްމްޓޯކް ދަރުސް ސިލްސިލާގެ ދަށުން މިރޭ ބާއްވަން އޮތް މެންކްގެ ތަގުރީރު އެންމެ ފުރަތަމަ ބާއްވަން އިއުލާން ކުރީ މިރޭ 9:00 ގައި އިސްލާމިކް މަރުކަޒު ބޭރު މައިޒާނުގަ އެވެ. އެހެން ނަމަވެސް އެ ޖަމްއިއްޔާގެ އޮފިޝަލަކު ދާދި ދެންމެއަކު ވިދާޅުވީ މިރޭ ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރާތީ އެ ދަރުސް މިހާރު އިސްލާމިކް މަރުކަޒު އެތެރޭގައި ބާއްވާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް މިރޭ 9:00 ގައި ތަގުރީރު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެންކް ތަގުރީރު ކުރައްވަން ހަމަޖެހިފައިވަނީ، "އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ހައްގުތައް" މި މައުލޫއަށެވެ.

ޖަމިއްޔަތުލް ރަހުމާނުން އިސްނަގައިގެން މިއަހަރުގެ އިލްމު ޓޯކް ކުރިއަށް ގެންދަނީ މޯލްޑިވިއަން ޔޫތު ލީގް (މައިލް) އާއި އިސްލާމީ ޔުނިވާސިޓީގެ ސްޓޫޑިއަން ޔޫނިއަން އަދި ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑިއަންޓް ޔޫނިއަން އާ ގުޅިގެންނެވެ. މި އަހަރުގެ އިލްމްޓޯކްގެ ކޯ ސްޕޮންސަރުންނަކީ އެލިއާ އިންވެސްޓްމެންޓާއި ތިލަފުށި ކޯޕަރޭޝަނާއި ގުޅިފަޅު އިންވެސްޓްމެންޓެވެ. ސެޓްލްކޯ އާއި މޯލްޑިވް ގޭސްއަކީ ވެސް އިލްމްޓޯކްގެ ސްޕޮންސަރުންނެެވެ.

އިލްމުޓޯކްގައި މުފްތީ މެންކުގެ ތަގްރީރު ޕީއެސްއެމްގެ ޓީވީއެމް އިން ލައިވް ކުރުމަށްވަނީ ހަމަޖެހިފަ އެވެ. އިލްމު ޓޯކްގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ. އިލްމްޓޯކްގެ ޕްރިންޓިން ޕާޓްނަރަކީ ނޮވެލްޓީ އެވެ. ޝޭޑީ ކެބިންނަކީ ރެންޓަލް ޕާޓްނަރެވެ. މި އަހަރުގެ އިލްމްޓޯކް ބްލޭޒެންއިން މެނޭޖްކުރާއިރު، ލައިޓް އަދި ސައުންޑް ހަމަޖައްސައިދެނީ ޕީސް ފައުންޑޭޝަނުންނެވެ. އަދި އިވެންޓްގެ މާކެޓިން އަދި ޑިޒައިންގެ މަސައްކަތާ ހަވާލުވެފައިވަނީ މައިންޑެވެ.