ހަބަރު

ލަންކާގެ ގޭޓްވޭ އާ ގުޅިގެން ފަރީދިއްޔާ ހިންގަން ކޮލިޓޭޓަށް

  • ދެން ހިންގާނީ ގޭޓްވޭ އިންޓަނޭޝަނަލްއިން
  • މިހާތަނަށް ތިބި ދަރިވަރުންނަށް ޖާގަ ދޭނެ
  • ދިރާސީ އަހަރަށް ކަންކަން ރެޑީވާނެ

ހުޅުމާލޭގައި ކުރިން ލާލޭ ސްކޫލް ހިންގަމުން އައި ފަރީދިއްޔާ ސްކޫލްގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ރާއްޖޭގެ ކޮލިޓޭޓް އެޑިއުކޭޝަނާއި ހަވާލުކޮށްފި އެވެ.

އެސްކޫލް ހިންގަން ކޮލިޓޭޓްއާއި ހަވާލުކޮށް މިއަދުވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕާމަނަންޓް ސެކެޓްރީ ޑރ. އަބްދުލް މުހުސިން މުހައްމަދު އެވެ. އަދި ކޮލިޓޭޓް އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓާ މޫސާ ރަޝީދެވެ.

ފަރީދިއްޔާ ސްކޫލް ކޮލިޓޭޓް އާ ހަވާލު ކުރުމުން އެ ސްކޫލް ހިންގާނީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ނަމުގަ އެވެ. މި ސްކޫޅް ހިންގާނީ ވެސް ސްރީލަންކާގެ ގޭޓްވޭ އިންޓަނޭޝަނަލް ކޮލެޖްގެ ދަށުންނެވެ. މޫސާ ރަޝީދު މިއަދު ވިދާޅުވީ އެ ސްކޫލް ހިންގާނީ "ނޯ ޓިއުޝަން، ނޯ ހޯމްވޯކް" ޕޮލިސީގެ ދަށުން ކަމަށެވެ. -- ލަންކާގައި ގޭޓްވޭ އިންޓަނޭޝަނަލް އަކީ ދިވެހިންގެ މެދުގައި މަގުބޫލް ތަނެކެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު އެ ސްކޫލްގެ ކިޔެވުން ފަށާނެ އެވެ. އަދި ލާލޭގައި ތިބި ކުދިންނަށް އެ ސްކޫލުން ޖާގަ ލިބޭނެ ކަމަށް މޫސާ ރަޝީދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އަލުން ހުޅުވާއިރު މާ ބޮޑު ބަދަލެއް ނުގެނެވުނު ނަމަވެސް ސްކޫލްގެ އިންފްރާސްޓްރަކްޗާއަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮލިޓޭޓް އަށް އެ ސްކޫލް ހިންގަން ހަވާލުކުރީ އޭސީސީން ދިން ގައިޑެންސްއަށް ބެލުމަށްފަހު ކަމަށެވެ. ފަރީދިއްޔާ ހިންގަން ކޮލިޓޭޓް އަށް ދީފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށްބުނެ އޭސީސީ އިން ވަނީ ކުރިން އެމައްސަލަ ބަލާފަ އެވެ.

ފަރީދިއްޔާގައި މިހާތަނަށް ލާލޭ އިންޓަނޭޝަލް ސްކޫލް ހިންގީ ބިޒް އެޓޯލްސް އިންނެވެ. އެ ފަރާތަށް ދިން އަށް އަހަރުގެ މުއްދަތު ހަމަވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރަށެވެ. ލާލޭގައި 500 އެއްހާ ދަރިވަރުން ކިޔަވަމުން އެވެ.