ޓެކްނޯލޮޖީ

ގޫގަލް އާތް ވީއާރް: މިހާރު ދުނިޔެ މަތީ އުދުހެންވީ!

ދެހާސް ހަވަނަ އަހަރުން ފަށައިގެން މިހާތަނަށް އައި އިރު ގޫގަލް އާތް މިވަނީ އަހަރަމެންނަށް ގޭގެ ސޯފާގައި ތިބެގެން ދުނިޔެ ބަލާލުމަށްޓަކައި އަހަރަމެންނަށް އެހީ ވަމުންނެވެ. ދުނިޔޭގެ ކޮންމެ ތަނެއްގެ ވެސް ވީ އެންމެ ފަހުގެ ތަސްވީރުތަށް މެޕެއްގެ ޒަރިއްޔާއިން ދައްކައިދެމުންނެވެ. މި މެޕުގައި ދުނިޔޭގައި ނުފެއްނަ އެއްވެސް ގޯޅިއެއް މަގެއް ނުވަތަ ކޯރެއްވެސް ނުހުއްނާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިއަދާ ހަމައަށް އައިއިރު ގޫގަލްއިން ވަނީ ގޫގަލް އާތްއަށް ތަފާތު ގިނަ ކުރިއެރުންތަކާއި މޮޅެތި ފީޗާތަށް ގެނެސްދީފައެވެ. އެޒަމާނަކާ އެންމެ ގުޅޭ ގޮތްތަކަށް ގޫގަލް އާތް އައީ ފަރުމާވަމުންނެވެ. އެގޮތުން މިފަހަރުވެސް ގޫގަލްއިން މިވަނީ ގޫގަލް އާތްއަށް މިޒަމާނުގެ އެންމެ ފަހުގެ ފިޗާއެއް ތައާރަފްކޮށްފަ އެވެ.

ގޫގަލް އާތްއިން މިފަހަރު މިވަނީ ގޫގަލް އާތްގެ ވީއާރް ވާޝަންއެއް ލޯންޗްކޮށްފަ އެވެ. މި ވާޝަން ލޯންޗްކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަސްލާއި އެއްގޮތަށް ދުނެޔެ ބަލާލުން މިވަނީ ފަސޭހަކޮށްދީފަ އެވެ. ވީއާރް ޑިވައިސް އެއް ބޭނުންކޮށްލައިގެން މި ދިވެހި ރާއްޖޭގެ މަތިންވެސް ސުޕަމޭންހެން އުދުހިލާފަ އުޅެލެވޭނެ އެވެ.

މި ވީއާރް ވާޝަން އަކީ މިހާތަނަށް ގޫގަލް އާތްއަށް ގެނެވުނު އެންމެ ބިޔަ ބޮޑު ބަދަލެވެ. އަދި އެންމެ ބޮޑު މަސައްކަތެއްވެސް މެއެވެ. ގޫގަލްއިން ވަނީ މި ފީޗާއާއި އެއްކޮށް މަގްބޫލް ތަންތަނުގެ ސިނެމެޓިކް ޓުއާ ތަކެއްވެސް ހިމަނާފަ އެވެ. އޭގެ ތެރޭގައި އެމެޒޯން ރިވާ އަދި ސްވިސް އެޕްސް ވެސް ހިމެނެއެވެ. ގޫގަލްއިން ބުނާ ގޮތުގައި ކުރިއަށް އޮތްތާގައި ސިނެމެޓިކް ޓުއާތަކަށް އިތުރު މަގްބޫލް ތަންތަން ވެސް އަންނާނެވެ. އެގޮތުން މި ރީތި ދިވެހިރާއްޖެ ވެސް ވަރަށް އަވަހަށް މި ފީޗާއަށް އަންނާނެ އެވެ.

ގޫގަލް އާތް ވީއާރް ފީޗާ މިހާރު ހަމަ އެކަނި ލިބެނީ އެޗްޓީސީ ވިވް ގެންގުޅޭ ފަރާތްތަކަށް އެކަންޏެވެ. އެޗްޓީސީއަކީ ގޫގަލްގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ. މިއާއެކު ޓެކްނޮލޮޖީ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގޫގަލް އާތް ވީއާރް އާއެކު އެޗްޓީސީ ގެ ވިޔަފާރި ވަރަށް ބޮޑުތަން ރަނގަޅުވާނެ އެވެ. މިހާރުގެ ބަޒާރުތަކަށް ބަލާލާއިރު އެޗްޓީސީ ވިވް ގެ އަގަކީ 800 ޑޮލަރެވެ. މި ވީއާރް ޑިވައިސް ބާޒާރަށް ނެރުނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ގޫގަލްއިން މިފަދަ ފީޗާއެއް ގޫގަލް އާތްއަށް ތައާރަފް ކުރުމަކީ ގިނަ ބަޔެއްގެ ޝައުގުވެރިކަން ދުވަސްގަނޑަކަށް ފަހު އަނެއްކާވެސް ގޫގަލް އާތް އަށް ލިބިގެންދާނެ ކަމެއްކަން ޔަގީނެވެ. ރާއްޖޭގައި ގޫގަލް އާތް ނުގެންގުޅޭނެ މީހަކު މަދުވާނެ އެވެ. ސްމާޓްފޯނުތަކާއި ޕީޗީތަކުގައި ވެސް ގޫގަލް އާތް ނެތްނަމަ އެމީހަކު ވައީއެވެ. ދުނިޔެ ބަލައިލުމަށް މިއީ ފަސޭހަ އަދި އެންމެ އަގުވެސް ހެޔޮވާނެ ގޮތެވެ. ސުޕަމޭންހެން ދުނިޔެ މަތީގައި މިހާރު މިއޮތީ ދުއްވާލެވޭނެ ގޮތެކެވެ.