އަންހެނުންގެ ދުވަސް

ޒުވާން ޓީމަކާއެކު، އަލްމާސްގެ މިސްރާބު ބޭރަށް!

އެޑްވަޓައިސިން އެޖެންސީ ތިންކުގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އޭގެ ފަހުން ހިފީ އާއިލީ ވިޔަފާރި ފީލް އިންވެސްޓްމަންޓުގެ ހުންގާނުގަ އެވެ. އާއިލީ ވިޔަފާރި އެހެން ހިސާބަކަށް ގެންދިއުމަށް، ފީލް އިންވެސްޓްމަންޓާއެކު ކުރިއަށް ދިއުމަށެވެ. މިއީ ރާއްޖޭގެ އޮފިޝަލް އެކޮމޮޑޭޝަން މަޖައްލާ ނެރޭ، ކުންފުނީގެ ޒުވާން ޑިރެކްޓަރު އައިޝަތު އަލްމާސް އެވެ.

"ފީލް އިންވެސްޓްމަންޓުން ވަަރަށް ބައިވަރު މަސައްކަތް ކުރޭ. މި ކުންފުނިން ހޮޓެލް ސަޕްލައި މަސައްކަތް ވެސް ކުރޭ. ހެވީ ވެހިކަލް ވެސް ފޯރުކޮށްދޭ،" އަލްމާސް ވިދާޅުވި އެވެ.

ފީލް އިންވެސްޓްމަންޓް ގިނަ ބަޔަކަށް އެނގިގެން ދިޔައީ، ރާއްޖޭގެ އޮފިޝަލް އެކޮމޮޑޭޝަން މަޖައްލާ ނެރުމުގެ މަސައްކަތް ފެށި ހިސާބުންނެވެ. ބޭރުގެ 10 ބަހަކު ނެރޭ މި މަޖައްލާއަކީ ކުރިން ރާއްޖޭގައި ނެރުނު ޑެސްޓިނޭޝަން މެގަޒިން އެވެ. ނަމަވެސް އަލްމާސްގެ ޓީމުން، މި މަޖައްލާއާ ހަވާލުވެ، ދަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެވޭތޯ ބަލަމުންނެވެ. މިގޮތުން އަންނަ މަހު ހާއްސަ އެޕެއް ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އަލްމާސް ވިދާޅުވި ގޮތުގައި މި މަސައްކަތަކީ ބުރަ، ފުރަތަމަ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަންތައްތަކެވެ.

"ފުރަތަމަ މި ޕްރޮޖެކްޓް ލިބިގެން މާކެޓިން އަށް ދިއުމުން ވަރަށް ދަތިވި. ފުރަތަމަ މީޓިންގައި ވެސް ބުނި ތިޔަ މީހުންނަށް ތިކަން ވާނެހޭ؟ ރިސޯޓުތަކުން ބުނި މިފަހަރު ތިކަން ވާނެހޭ. މިހެން ދިމާވި ސަބަބަކީ މެގަޒިން ކުރިން ނުނެރެ ގިނަ ދުވަސްތަކެއް ވެފައިވުން،" އަލްމާސް ވިދާޅުވި އެވެ.

"އެކަމަކު ފަހުން އެމްއެމްޕީއާރްސީ އިން ޑަބްލިއުޓީއެމްގައި މެގަޒިން ލޯންޗް ކުރުމުން ބުނި ވަަރަށް އިމްޕްރެސް ވެއްޖެހޭ ތިޔަ ޓީމަށް. ޔަންގް ކުދިން ތަކެއް މި ކަހަލަ ކަމެއް ކުރުމުން.އެމްއެމްޕީއާރުސީ އާއި މިނިސްޓްރީއަށް ޝުކުރު އަދާކުރަން."

އަލްމާސް ވިދާޅުވި ގޮތުގައި މި މަގާމަކީ ވަރަށް ދަތި އަދި ބުރަ މަސައްކަތެކެވެ. އެކަމަކު މި މަގާމުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު ބާރެއް ލިބެނީ ފީލްގެ ޓީމެވެ.

"ފަސް އަހަރު ވެއްޖެ މި މެގަޒިން ނުނެރޭތާ. ފަސް އަހަރު ފަހުން އަލުން ލޯންޗްކޮށް ނެރެން ފެށިއިރު ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު. މި ކަހަލަ ޒުވާން ޓީމެއް ގޮވައިގެން އުޅުމަކީ ވަރަށް ތަފާތު ތަޖުރިބާއެއް. އެ ކަމަކު ވަަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ބޭނުންވޭ. މި ޓީމަކީ ހަގީގަތުގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ޓީމެއް. ހުރިހާ ކުދިން ވެސް ވަރަށް މަސައްކަތް ކުރޭ،" އަލްމާސް ވިދާޅުވި އެވެ.

ދެން އޭނާ ޝުކުރުގެ ލިސްޓުގައި ހިމަނަން ބޭނުންވަނީ ބައްޕަ އާއި އާއިލާ އެވެ. އެ މީހުންގެ ސަޕޯޓަކީ މިކަމުގައި ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

ނަމަވެސް، މި ހުރިހާ ގޮންޖެހުންތަކަކުން އަރައި، އަލްމާސްގެ ޓީމުން ވަނީ އޮފިޝަލް މަޖައްލާގެ މޫނުމަތި ބަދަލުކޮށްލާފަ އެވެ. އާއްމު ގޮތެއްގައި ދެ ބަހުން ނެރެމުން ގެންދިޔަ މަޖައްލާގެ މިޝްރާބު މިވަނީ 10 ބަހަށް ބަދަލުކޮށްފަ އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހު ފުރަތަމަ ޕްރިންޓް އަދަދު ނެރޭއިރު، އެ ބަސްތަކުން ތަރުޖަމާ ވެގެންދާނެ އެވެ.

"އަޅުގަނޑުމެން 10 ބަހުން ތަރުޖަމާ ހަދާއިރު އެކަން މި ކުރަނީ ސެޓިފައިޑް ފާމްތަކާ ހަވާލުކޮށްގެން. މީގެ ކުރިން އަހަރުތަކުގައި 72 ލިސްޓިން އިނީ. އެކަމަކު މިހާރު މެގަޒިންގައި 80 އަށްވުރެ ގިނަ ރިސޯޓު ލިސްޓު ކޮށްފައިވޭ،" އަލްމާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމްއާ ގުޅުން ހުރި މާކެޓިން އަކީ އަންހެން ކުދިން މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ދާއިރާ އެވެ.

"އަންހެން ކުދިން މަސައްކަތް ކުރަން ވަކި ދާއިރާއެއް ނޯންނާނެ. ކޮންމެ ދާއިރާއެއްގައި ވެސް މަސައްކަތް ކުރަން ބޭނުންނަމަ މަސައްކަތް ކުރެވޭނެ،" އަލްމާސް ވިދާޅުވި އެވެ.

އަލްމާސް މިހާރުގެ އުންމީދަކީ އަންނަ އަހަރު ބޭރުގެ ޓޫރިޒަމް ފެއާއެއް ރާއްޖޭގައި ބޭއްވުމެވެ. އޭނާގެ މަގުސަދަކީ ޒުވާން ޓީމާއެކު ރާއްޖޭން ބޭރަށް ދަތުރު ކުރުމެވެ.