ދުނިޔެ

އެމެރިކާގެ އެންމެ ރަނގަޅު ރައީސަކީ އޮބާމާތަ؟

އެމެރިކާގެ ރައީސް ބަރަކު އޮބާމާ މިހާރު ހޭދަ ކުރައްވަމުން ގެންދަވަނީ ރިޔާސީ ފަހު ދައުރުގެ ފަހު ދުވަސްތަކެވެ. ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ދޫކުރައްވާ ވަޑައިގަތުމަށް ދެން އޮތީ ދެ މަހެއްހާ ދުވަހެވެ. ތާރީހު ލިޔާ މީހުންނާއި ނޫސްވެރިންނާއި ޑިޕްލޮމެޓިކް ސްޓަޑީސްގެ ދާއިރާގެ މާހިރުން އޮބާމައާ މެދު ކުރާ ބަހުސަކީ އޭނާ އަކީ އެމެރިކާގެ އެންމެ ރަނގަޅު ރައީސް ހެއްޔެވެ؟

މިބަހުސަށް ނިމުމެއް ގެންނަން ދިރާސާކޮށް އަނަލައިސް ކުރަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. ބައެއް ދިރާސާތަކާއި ޔުނިވާސިޓީތަކުގެ ޕްރޮފެސަރުންގެ ދިރާސާތަކުގައި އޮބާ ގެންދާނީ އެމެރިކަގެ ރައީސުންގެ ކެޓަގަރީގެ މައްޗަށެވެ.

އޮބާމާއަކީ އެމެރިކާގެ ހަޔާތުގައި ފެނުނު އެންމެ ރަނގަޅު ރައީސް ކަމަށް ކަނޑައަޅަން ބަހުސްތަކެއް އޮވެ އެވެ. އެއީ އެމެރިކާގެ ހަޔާތުގައި ފެނުނު ރައީސުންގެ ތެރެއިން ތިން ރައީސް އަކު އެހެން ރައީސުންނަށް ވުރެ މާ ކުރީ ގައިވުމެވެ. އެ ރޭންކުގައި އެ ތިން ބޭފުޅުންނާ ވާދަ ކުރެވޭނެ އެއްވެސް ރައީސެއް ވަޑައެއް ނުގަންނަވަ އެވެ.

އެއް ބޭފުޅަކީ އެމެރިކާގެ މިނިވަން ކަމުގެ ބާނީ ރައީސް ޖޯޖް ވޮޝިޓަން އެވެ. އަނެއް ބޭފުޅަކީ ރައީސް އަބްރަހަމް ލިންކަންއެވެ. އެއީ އެމެރިކާއިން ނަސްލީ ތަފާތު ކުރުން ނައްތާލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވައި، ޖޯޖް ވޮޝިންޓަންގެ އުސޫލުތައް ގާއިމު ކުރެއްވި ރައީސެވެ. އަނެއް ބޭފުޅަކީ ފްރެންކްލިން ރޫޒްވެލްޓެވެ. އެއީ ވޮޝިންޓަންގެ އުސޫލުތައް ގެއްލިގެން ދަނިކޮށް އެ އުސޫލުތައް ސަލާމަތް ކުރައްވައި ދެމެހެއްޓެވި ރައީސެވެ. މިތިން ރައީސުންނާ ހަމަޔަށް އެހެން އެއްވެސް ބޭފުޅަކަށް ވަޑައެއް ނުގެންނެވެ އެވެ.

އެންމެ ރަނގަޅު ރައީސް ކަނޑައަޅަން ކެޓަގަރީތައް ފެށިގެން އަންނަނީވެސް އެ ތިން ރައީސުންގެ ފަހަތުންނެވެ. އެއީ އެންމެ ރަނގަޅު ރައީސުންނާ ގާތް ކުރާ ކެޓަގަރީންނެވެ. މި ކެޓަގަރީގައި ހިމެނޭނީ އެ ރައީސުންގެ މަސައްކަތުން އެމެރިކާގެ ރައްޔިތުން އިންސްޕަޔާވި ނުވަތަ އެމެރިކާ ހޭލެއްވި ރައީސުންނެވެ. އަދި ގޮންޖެހުންތަކާއެކު ވެސް އެބޭފުޅުންގެ ދައުރުގައި އެމެރިކާގެ ކަންކަން ބަދަލު ކުރުމަށް މަސައްކަތް ކުރެއްވި ރައީސުންނެވެ.

މި ކެޓަގަރީގެ އެންމެ ފުރަތަމަ ނަމަކަށް ތޯމަސް ޖެފްރެސަން އޮވެ އެވެ. އޭނާ އަކީ ވޭތުވެދިޔަ ދެ ގަރުނުގައި އެމެރިކާ ތަރައްގީ ކުރި ސިޔާސަތުތައް އެކަށައެޅުއްވި ރައީސެވެ. ދެން އެންޑްރޫ ޖެކްސަން އަކީ އަހަރުތަކެއް ވަންދެން އެމެރިކާގެ އެތެރޭގައި އޮތް ކަޅުބަޒާރައި ވަގު ވިޔަފާރިއަށް އޮތް ދޮރުތައް ބަންދު ކުރެއްވި ރައީސވެ. ތިއޯޑޯ ރޫޒްވެލްޓާއި ވުޑްރޯ ވިލްސަން މި ދެ ރައީސުންނަކީ އެމެރިކާގެ ސިނާއީ ދާއިރާގައި އޮތް ފަސާދައިގެ ބާރުގަނޑު ކަނޑުވާލި ދެ ރައީސުންނެވެ.

ހެރީ ޓުރުމަންއަކީ އެމެރިކާގެ ފިނި ހަނގުރާމައިގެ އަސާސީ އުސޫލުތައް ތަންފީޒު ކުރަން ފެއްޓެވި ރައީސްއެވެ. ރޮނަލްޑް ރޭގަން އަކީ އޭނާ ގެނގުޅުނު ކޮންޒަވޭޓިވް ނުވަތަ ދެމެހެއްޓެނިވި އުސޫލުތައް އަމިއްލަ ޕާޓީ ރިޕަބްލިކަން ގައިވެސް އެކަށައަޅައި ފިނި ހަނގުރާމައިގެ ބަދަލުގައި އެހެން ވިސްނުންތަކެއް އެމެރިކާގެ ލިޑާޝިިޕްގައި ގެންގުޅުނު ރައީސްއެވެ.

މިދެންވި ރަނގަޅާ ގާތްކުރާ ރައީސުންގެ ކެޓަގަރީގައި ހިމެނުނު ގިނަ ރައީސުންނަކީ ބޮޑެތި ޖަރީމާތަކެއް ހިންގަވާފައިވާ ކަމުގެ ތުުހުމަތު އޮތް ބޭފުޅުންނެވެ. ތޯމަސް ޖެފްރެސަން އަކީ އަމިއްލަ އަށް އަޅުން ގެންގުޅުއްވި ރައީސެކެވެ. އަދި އިންސާނުން އަޅުވެތި ކުރުމާ ދެކޮޅަށް އޭނާގެ ވެރިކަމުގައި އަޅިއަޅުވާލާފައިވަނީ ވަރަށް ވެސް މަދުންނެވެ.

އެންޑްރޫ ޖެކްސަން ގެނގުޅުނު ހަރުކަށި ޕޮލިސީތަކުގެ ސަބަބުން އެމެރިކާގެ އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުއްވިއެވެ. އަބުރަހަމް ލިންކަން އާއި ރޫސްވެލްޓަކީ ހަނގުރާމައަށް ފަހު އާންމުންނަށް ލިބޭ މަދަނީ ހައްގުތައް ހިފަހައްޓާ ހައްގުތަކަށް އަރައިގަތް ދެ ރައީސުންނެވެ. ނަމަވެސް އެ ދެ ރައީސުން ކުރެއްވި ގިނަ ޕޮޒިޓިވް ކަންކަމުގެ ސަބަބުން ނެގެޓިވް ކަންކަން ވަނީ ހިނދިފައެވެ.

ދެން ހިމެނެނީ އެވްރެޖަށްވުރެ ކުޑަތަންކޮޅެއް މަތީގައި އުޅުއްވާ ރައީސުންނެވެ. މި ލިސްޓްގައި އެންމެ ފުރަތަމަ ނަމަކީ ޖޭމްސް ޕޮލްކް އޭނާ އަކީ އެމެރިކާގެ ސަރަހައްދު އިތުރު ކުރެއްވި ރައީސްއެވެ. ހަމައެއާއެކު ރިޔާސީ ބާރުތައްވެސް ފުޅާ ކޮށްފައިވެއެވެ.

ޑްވައިޓް އައިސަންހެވާ ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ މުސާރައިގެ މިންގަނޑު ކޮންްޓްރޯލް ކުރެއްވިއެވެ. ޖޯން އޮފް ކެނެޑީ އެމެރިކާގެ ރައްޔިތުން ސުލްހައަށް ހޭލައްވާލައި ދެއްވި އެވެ. ނަމަވެސް ރައީސް ކަމަށް ވަޑައިގެންނެވިތާ ތިން އަހަރު ނުވަނީސް ވަނީ އަވާހަރަކޮށްލާފަ އެވެ.

އެވްރެޖް ކެޓަގަރީ ގައި ގިނަ ބޭފުޅުން ހިމެނެއެވެ. ޖޭމްސް މެޑިސަން އާއި ޖޯން އެޑަމްސް އާއި ޖޯޖް ހާބަޓް ބުޝް އާއި ބިލް ކްލިންޓަނެވެ. އެވްރެޖް ކެޓަގަރީއަށް ވުރެ ފަހަތުގައި އުޅުއްވާ ރައިސުންގެ ލިސްޓެއް ވެސް ހިމެނެއެވެ. ޔުލްސީސް ގްރާންޓް އާއި ޖެރޯލްޑް ފޯޑެވެ.

އެންމެ ވިޔަނުދާ ރައީސުންގެ ކަޓަގަރީވެސް އެބައޮތެވެ. އެއީ ހަމަހަގީގަތުގައި ވެސް ފެއިލްވެފައިވާ ރައީސުންކަން ދުނިޔެ ގަބޫލު ކުރެއެވެ. އެންޑްރޫ ޖޯންސަން އާއި ހެންރީ ހެރިސަން އާއި ހާބަޓް ހޫވާ އާއީ އޮބާމާގެ ކުރިން ހުންނެވި ރައީސް ޖޯޖް ޑަބްލިއު ބުޝް އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ އޮބާމާ ހިމެނެނެނީ މިތަނުން ކޮން ކަޓަގަރީ އެއްގައިތޯއެވެ. ގިނަ މީހުން އޮބާމާ ހިމަނާނީ އެންމެ ރަނގަޅު ރައީސުންނާ ގާތް ކުރާ ކެޓާގަރީގަ އެވެ. އޭގެ ސަބަބުތައް ތިރީގައި މިވަނީއެވެ.

ފްރޭންކްލިން ޑީ ރޫޒްވެލްޓް އެމެރިކާގެ ރިޔާސަތާ ހަވާލުވީ 1933 ވަނަ އަހަރުއެވެ. އޭނާ އަށް ފަހު އެމެރިކާގެ އާ ރައީސް އަށް އިގްތިސޯދީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެ ވަޑައިގަތް އެ މައްސަލައަށް އޮފީހަށް ނިކުންނެވި ފުރުތަމަ ދުވަހުވެސް ކުރިމަތިލައްވަން ޖެހުނު ރައީސް އަކީ މިހާރުގެ ރައީސް ބަރަކު އޮބާމައެވެ. ދެހާސް އަށް ވަަނަ އަހަރު ރައީސް ކަމަށް އޮބާމާ ވަޑައިގެންނެވިއިރު އެމެރިކާގެ އިގްތިސޯދު އޮތީ އެފުށް މިފުށަށް ޖެހިފައެވެ. އެމެރިކާގެ އިގްތިސޯދުގެ އިތުރުން ޔޫރަޕްގެ އިގްތިސޯދަށް ވެސް އޮތީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ބޭންކިން ނިޒާމު އޮތީ ފުށުއަރައި އިސްލާހް ކުރަން ޖެހިފައެވެ. މޮޓޯ ވެހިކަލް އުފައްދާ އެންމެ ބޮޑު ދެ ކުންފުނި އޮތީ ބަނގުރޫޓްވުމާ ގާތްވެފައެވެ. ވަޒީފާ ނެތް މީހުންގެ ޕަސެންޓް އިތުރުވެ ގެދޮރުގެ ވިޔަފާރި އޮތީ ދަށަށް ގޮސްފައެވެ.

ފުނިޖެހިފައިވާ އިގްތިސޯދީ މައްސަލަތައް ހައްލު ކުރުމަށް އޮބާމާ ގާނޫނު ތަކުގެ ޒަރިއްޔާއިން އަވަސް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އިދިކޮޅު ރިޕަބްލިކަން މެންބަރުން މަޖިލިސް ތެރެއިން ކުރިމަތި ކުރައްވަމުން ގެންދެވި ފިއްތުންތަކާއެކުވެސް އިގްތިސޯދީ ގޮތުން އިސްލާހްތަކެއް ގެންނަވަމުން ދިޔައެވެ. އެގޮންޖެހުމަކި އެމެރިކާގެ ތާރީހްގައިވެސް އެންމެ ބޮޑަށް ކުރިމަތިވެ ވަޑައިގެންނެވި އެއް ހާލަތެވެ.

އިގްތިސޯދީ ތަދުމަޑުކަން ފިލުވުމަށް "އޮބާމާ ޕޮލިސީ" ގެ ދަށުން އެޅުއްވި ފިޔަވަޅުތައް ރޫޒްވެލްޓްގެ "ނިއު ޑީލް" އަށް ވުރެ ފުރިހަމައެވެ. އިގްތިސޯދީ ދުވެލި މަޑުޖެހުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭރު ދެ ގައުމެއްގައި އެމެރިކާ އިސްވެ ކުރަމުންދާ ހަނގުރާމަކަމަށް ވިދާޅުުވެ އެ ދެ ހަނގުރާމައިން އެމެރިކާ އަތް ދޫކޮށްލެއްވިއެވެ. އެމެރިކާގެ ރައްޔިތުންނަށް ރައްކާތެރި ސިއްހީ ނިޒާމެއް ކަށަވަރު ކޮށްދިނުމަށް އޮބާމާ ކެއާގެ ދަށުން ހެލްތު ސްކީމެއް ފެއްޓެވިއެވެ.

ހާރިޖީ ސިޔާސަތުތައް ބަލާއިރު އިރާނާ ދެމެދު އޮތް ގުޅުން ފިނި ކުރައްވައި އެގައުމާ ދެކޮޅަށް އޮތް ދަތިކުރުމުގެ ފިޔަވަޅުތައް ކުޑަ ކުރައްވިއެވެ. ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް އިސްކަން ދެއްވިއެވެ. ދެކުނު އޭޝިއާގެ ގައުމުތަކާއެކު ރަނގަޅު ގުޅުމެއް ބާއްވައި އުތުރު ކޮރެއާގެ މައްސަލަ އިތުރަށް ސީރިޔަސް ވިޔަ ނުދީ ފިނި ކުރެއްވިއެވެ.

އޮބާމާ އަށްވެސް ހައްލު ނުކުރެވުނު މައްސަލަތައް އެބަހުއްޓެވެ. އެމެރިކާގެ ދޮން ނަސްލުގެ ފުލުހުންގެ ތެރޭގައި ކަޅު ނަސްލުގެ މީހުންނަށް އޮތް ރުޅިވެރިކަމާހެދި ކަޅު ނަސްލުގެ މީހުންނަށް ބަޑިން ދިން ހަމަލާތައް އިތުރުވިއެވެ. މެދުއިރުމަތީގައި ފައްކާވި އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ މިސްރުގެ ވެރިކަން އަސްކަރީ އިންގްލާބަަކުން ބަދަލު ކުރުމުގައި އެމެރިކާގެ ބައިވެރިވުން އޮތެވެ. ލީބިޔާގެ މައްސަލަ އަށް ފިނިކަމެއް ނުގެނެވުނެވެ. އެމެރިކާގެ އެހެން ރައީސުންނެކޭ އެއްފަދައިން އިޒްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަން ނުކުޅެދުނެވެ.

މިހުރިހާ ކަމަކާއެކުވެސް އޮބާމާ ގިނަ ކަންކަމެއް ކާމިޔަބު ކުރެއްވިއެވެ. އޭނާ ވަނީ އެމެރިކާގެ އިގްތިސޯދީ ދުވެލި ރަނގަޅު މަގަކަށް ގެންނަވާފައެވެ. އެހެންވެ އޭނާ ހިމެނެނީ ރަނގަޅު ރައީސުންނާ ގާތް ކުރާ ކެޓާގަރީގަ އެވެ. -- މައުލޫމަތު: ސްޓީވް އެމް ގިލޯން: ހިސްޓްރީ ޕްރޮފިސާ، އޮކްލަހޯމާ ޔުނިވަސިޓީ