ވިޔަފާރި

ޑޮލަރު ރޭޓު ބޮޑު ނުކުރާނެކަމުގެ ޔަގީންކަން ގަވަރުނަރު ދެއްވައިފި

Nov 19, 2016
4

ޑޮލަރުގެ އެކްސްޗޭންޖް ރޭޓް މިހާރު ހުރި އަދަދު ކަމަށްވާ، 15.42 އަށް ވުރެ ބޮޑު ނުކުރާނެ ކަމުގެ ކަމުގެ ޔަގީންކަން ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މިއަދު ދެއްވައިފި އެވެ.

ޑޮލަރު ވިއްކާ އުސޫލަށް ބަދަލު ގެނައުމާ ގުޅިގެން އެމްއެމްއޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސަށްފަހު ވިދާޅުވީ ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ބަދަލު ގެނައުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. މީގެ ބަދަލުގައި ރާއްޖެއަށް ލިބޭ ޑޮލަރު ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ހިފެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކުރުން މުހިންމުކަން ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ގަވަރުނަރު ވިދާޅުވީ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް އެޅުއްވެން ހުރި ފިޔަވަޅުތައް މަރުކަޒީ ބޭންކުން އަޅަމުން ދާނެ ކަމަށެވެ.

ރާއްޖޭގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ވަނީ 15.42ރ. ގެ ބޭންޑަކަށް ފައްތައިފަ އެވެ.

ގަވަރުނަރު އަޒީމާ ކުރިން ވެސް ވަނީ ރާއްޖޭން ޑޮލަރު ބޭރުވުން ހުއްޓުވުމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވާފަ އެވެ. މިގޮތުން ބޭރަށް ދާއިރު ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ގެންދިއުމުގެ ބަދަލުގައި ކާޑުން މުއާމަތް ކުރުން އިތުރު ކުރުން ފަދަ ފިޔަވަޅުތަކަށް މީހުން އަހުލުވެރި ވާން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.

އެމްއެމްއޭ އިން 2014 ވަނަ އަހަރު ބޭންކްތައް މެދުވެރިކޮށް ޑޮލަރު ވިއްކަން ފެށި ފަހުން ހަފްތާއަކު އެވްރެޖްކޮށް 4.3 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ. އަދި އެމްއެމްއޭ އަށް ލިބޭ ޑޮލަރުގެ 32 ޕަސެންޓް، 200 އަށް ވުރެ ގިނަ މިލިއަން ޑޮލަރު ކޮންމެ އަހަރަކު ވެސް އާންމު ފަރާތްތަކަށް ވިއްކަ އެވެ. މި އަހަރުގެ މިހާތަނަށް 50 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ.