ވިޔަފާރި

އުރީދޫ ހިއްސާއަކީ ފަހަށް ރައްކާ ކުރަން އެޅޭނެ ފިޔަވަޅެއް: ގަވަރުނަރު

Apr 18, 2017
1
  • ހިއްސާއެއް ވިއްކަނީ 30ރ. އަށް
  • ވިއްކަން ފަށަނީ މިމަހުގެ 30 ވަނަ ދުވަހު
  • ބިލިއަނެއްހާ ރުފިޔާގެ ހިއްސާ ވިއްކާނެ

އުރީދޫ މޯލްޑިވްސްގެ ހިއްސާ ގަތުމަކީ ފަހަށް ރައްކާ ކުރަން އެޅިގެންދާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގަވަނަރު ޑރ. އަޒީމާ އާދަމް ސިފަކުރައްވައިފި އެވެ.

އުރީދޫ ހިއްސާ ވިއްކަން ފަށާކަން ރަސްމީކޮށް އިއުލާނު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު ޑރ. އަޒީމާ ވިދާޅުވީ އުރީދޫ ފަދަ ކުންފުންޏަކުން ރާއްޖޭގެ ހިއްސާގެ ބާޒާރަށް ވަދެ، ރާއްޖޭގައި ހިއްސާ ވިއްކަން ފެށުމަކީ މުހިންމު ނިންމުމެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ހިއްސާގެ ބާޒާރަށް އޮތް އިތުބާރު ބޮޑު ވެގެންދާނެކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.

ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ދެ ޓެލެކޮމް ކުންފުނިން ބައިވެފައިވާިއރު، ހިއްސާގެ ބާޒާރު މިހާރަށްވުގެ ޓެކްނޮލޮޖީ އެޑްވާންވާތަން ދެކެން ބޭނުންވާ ކަމަށެވެ.

"އުންމީދު ކުރަނީ ރާއްޖޭގެ ހިއްސާގެ ބާޒާރަކީ ޓެކްނޮލޮޖީ ގޮތުން ކުރިއަރާފައިވާ އެޑްވާންސް ތަނަކަށް ވުން. ޒުވާނުންގެ ބައިވެރިވުން އިތުރުވުން،" ގަވަރުނަރު ވިދާޅުވި އެވެ.

އުރީދޫ ހިއްސާ ވިއްކަން ފަށާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. ހިއްސާއެއް ވިއްކަނީ 30 ރުފިޔާ އަށެވެ. ޖުމްލަ 1.7 ބިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެ އެވެ. ނަމަވެސް އެންމެ ފުރަތަމަ ވިއްކަން ހުޅުވާލާނީ ހިއްސާގެ 15 ޕަސެންޓް ކަމަށްވާ 22,170,060 ހިއްސާ އެވެ. ނަމަވެސް ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓް އަށްވުރެ ގިނައިން ހިއްސާ ގަންނަން ހުށަހެޅުންތައް ލިބިއްޖެނަމަ، ކުންފުނިން ދޫކޮށްފައިވާ އާންމު ހިއްސާގެ 40 އިންސައްތަ ކަމުގައިވާ 59,120,160 އާންމު ހިއްސާއާ ހަމައަށް އިތުރަށް ވިއްކުމަށް އުރީދޫ އިން ނިންމާފައިވެ އެވެ.

އުރީދޫ މޯލްޑިވްސް އިން ކަނޑައަލާފައިވާ ގޮތުގައި ހިއްސާ ގަންނަ ފަރާތަކުން އެންމެ މަދުވެގެން 50 ހިއްސާ ގަންނަން ޖެހެ އެވެ. އަދި އާންމު ފަރުދުންގެ އިތުރަށް ކުންފުނިތަކާއި ޕާޓްނަޝިޕް ކޯޕަރޭޓިވް ސޮސައިޓީ އަދި އެސޯސިއޭޓްސް އަށް ވެސް އެ ކުންފުނީގެ ހިއްސާ ގަނެވޭނެ އެވެ.

ދެހާސް ފަސްވަނަ ވަނަ އަހަރު ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭން ފެށި، އުރީދޫން ރާއްޖޭގެ މުވާޞަލާތީ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ގައުމުގެ މުވާސާލާތީ ވިއުގަ ވަރުގަދަކުރުމަށްޓަކައި ރާއްޖެއަށް އައު ޓެކްނޮލޮޖީތައް ތައާރަފް ކުރުމުގައި މުހިއްމު ރޯލެއް ކުޅުމާއިއެކު، ފާއިތުވި އަހަރުތަކުގެ ތެރޭގައި އުރީދޫ އަށް ވަނީ ރާއްޖޭގައި ފަހުރުވެރި ކުރިއެރުންތަކެއް ލިބިފަ އެވެ.