ވިޔަފާރި

ބޭރު ފައިސާގެ ހަމަޖައްސަން މިއަހަރު ފަސޭހަވާނެ: ގަވަރުނަރު

May 2, 2017
  • އިންފަލޭޝަން އެއްވަރެއްގައި ހިފެހެއްޓޭނެ
  • ރިޒާވް އެކަށީގެންވާ ވަރެއްގައި ހުންނާނެ
  • މިދިޔަ އަހަރު އިގްތިސާދު ރަނގަޅު

ބޭރު ފައިސާގެ ބާޒާރުގެ ހަމަޖެހުން ދަމަހައްޓަން މި އަހަރު ފަސޭހަ ވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ރާއްޖޭގެ މާލީ ހާލަތުގެ މައްޗަށް ބިނާކޮށް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރުނު، "އަހަރީ ރިޕޯޓަ" ށް ގަވަރުނަރު އަޒީމާ ވިދާޅުވެފައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާ، މި އަހަރު ކަރަންޓް އެކައުންޓްގެ ދަށްވާނެކަމަށް ލަފާކުރެވޭތީ، ރަސްމީ ރިޒާވް
އެކަށޭނެ މިންވަރެއްގައި ބެހެއްޓުމަށާއި ބޭރު ފައިސާގެ ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމަށް ފަސޭހަވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށް ދާން ފަށާފައިވުމުން ތަކެތީގެ އަގުތައް ކޮންމެ ވެސް ވަރަކަށް އުފުލޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"އެހެން ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށް ދާން ފަށާފައިވުމުން، މި އަހަރު މުދަލާއި ހިދުމަތުގެ އަގުތައް ކޮންމެވެސް ވަރަކަށް އުފުލޭނެ ކަމަށް ބެލެވެއެވެ. އަހަރު ނިމޭއިރު އިންފްލޭޝަން ރޭޓް މަޑުޖެހިގެންދާނެ ކަމަށް ލަފާ ކުރެވެ އެވެ،" ގަވަރުނަރު ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވީ މިދިޔަ އަހަރު ވެގެންގޮސްފައި ވަނީ ގޮން ޖެހުންތަކެއް ކުރިމަތިވި، އެހެންނަމަވެސް ކާމިޔާބު އަހަރަކަށް ކަމަށެވެ.

"ރާއްޖޭގެ އިގްތިސާދަށް ބަލައިލާއިރު، 2016 ވަނަ އަހަރު އިގްތިސާދީ ހާލަތު ވަނީ 2015 ވަނަ އަހަރަށްވުރެ ރަނގަޅުވެފަ އެވެ. ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ސިނާއަތްތަކަށް އައި ކުރިއެރުމާއެކު މުޅި އިގްތިސާދުގެ ދުވެލިވެސް އަހަރު ތެރޭގައި ވަނީ މައްޗަށް ގޮސްފައެވެ. މިކަމަށް މަގުފަހިކުރުމަށްޓަކައި، އެމްއެމްއޭއިން 2016 ވަނަ އަހަރުގެ ތެރޭގައި ގެންގުޅެމުންއައީ ދޫދެވިފައިވާ މަނިޓަރީ ސިޔާސަތެކެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބޭންކިން ނިޒާމުން ދޫކޮށްފައިވާ ލޯނުގެ މިންވަރު ވަނީ އިތުރުވެފަ އެވެ،" ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ މިދިޔަ އަހަރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ބެލެންސް އޮފް ޕޭމަންޓްސްގެ ހާލަތު ދަށަށް ދިއުން ކަމަށެވެ.

"މީގެ މައިގަނޑު ސަބަބަކީ ކަރަންޓް އެކައުންޓް އިތުރަށް ހީނަރުވުމެވެ. މިކަމުގެ ސަބަބުން ރަސްމީ ރިޒާވްއަށްކުރި ނޭދެވޭ އަސަރު، އެމްއެމްއޭގެ ފަރާތުން ލިކުއިޑިޓީ މެނޭޖްކުރަން ކުރި މަސައްކަތްތުން ރިޒާވް މާ ބޮޑުތަން ދަށްނުވެ ހިފެހެއްޓުނެވެ. އަދި ބޭރު ފައިސާގެ ބާޒާރަށް ޔޫއެސް ޑޮލަރު ފޯރުކޮށްދިނުމަށް އެމްއެމްއޭ އިން ކުރަމުން ގެންދާ މަސައްކަތް ހުއްޓުމަކަށް އަޔަނުދީ ކުރިޔަށްގެންދެވުނެވެ،" ގަވަރުނަރު ވިދާޅުވި އެވެ.

ރާއްޖޭގައި ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ގިނައިން ބޭރު ފައިސާގެ ގޮތުގައި ބޭނުން ކުރަނީ ޑޮލަރެވެ. ބޭރު ފައިސާގެ ބާޒާރުގެ ހަމަޖެހުން ދަމަހައްޓަން ފަސޭހަވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއިރު، އެމްއެމްއޭއިން ސަރުކާރު ކުންފުނިތަކަށް ޑޮލަރު ވިއްކުން ވަނީ އިތުރުކޮށްފަ އެވެ. އަދި މި ބަދަލާއެކު ޑޮލަރުގެ މާކެޓަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް މުދާ އެތެރެކުރާ ވިޔަފާރިވެރިން ބުނެފައިވެ އެވެ.