ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސަކަށް ބައްސާމް ހޮވައިފި

Nov 20, 2016

މިއަދު ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް މިހާރުގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް އިންތިހާބު ކޮށްފިއެވެ. ބައްސާމަށް 14 ވޯޓް ލިބުނު އިރު އަހުމަދު ތޯރިގު (ޓޮމް) އަށް ލިބުނީ 11 ވޯޓެވެ. މިއަދު މި އިންތިހާބުގެ ވޯޓް ނެގުން ބާއްވާފައި ވަނީ ސްޓެލްކޯ ސެމިނާ ރޫމްގައެވެ.

ދެ ކެނޑިޑޭޓުން ވެސް އިންތިހާބަށް ކުރިމަތި ލެއްވީ ޓީމަކާއެކު އެވެ. އެކްސްކޯގައި ތިއްބަވާނީ އިންތިހާބު ކާމިޔާބު ކުރެއްވި ޓީމުގައި ހިމެނޭ ބޭފުޅުންނެވެ. -- ބައްސާމް އިންތިހާބު ކާމިޔާބު ކުރި އިރު މިއީ މިއަހަރު ބޭއްވި އެފްއޭއެމްގެ ދެ ވަނަ އިންތިހާބެވެ.

ބައްސާމް ހޮވުނު އިރު އޭނާގެ ސީނިއާ ވައިސް ޕްރެޒިޑެންޓަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެން މުހައްމަދު ލަތީފެވެ. ވައިސް ޕްރެޒިޑެންޓަކީ އައިޝަތު ނާޒިމާ އެވެ. ދެން ތިއްބަވަނީ މުހައްމަދު ޝިފާއު އާއި އަބުދުﷲ އަހުމަދާއި މުއާޒް މުހައްމަދު ރަޝީދާއި މުހައްމަދު އަލީ އާއި އަލީ ޝާހު އާއި ސައިން ޝަހުދީ އެވެ.

ދެ އަހަރަށްވުރެ ގިނަ މުއްދަތަކަށްފަހު މިދިއަ މެއި މަހު 31 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ރައީސް ކަމަށް ވަޑައިގެންނެވީ އަހްމަދު ތޯރިގް އެވެ. ނަމަވެސް ދެ ވަނަ އިންތިހާބެއް ބާއްވަން ޖެހުނީ އޯގަސްޓް މަހު ޓޮމްގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރުން އޭނާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ އެކްސްކޯގެ މެންބަރުކަމުން އިސްތިއުފާ ދިނުމުން ރައީސް ކަމުގެ މަސްއޫލއްިޔަތުތައް ގެއްލުމުންނެވެ.