އިނގިރޭސި ޕްރިމިއާ ލީގުގެ ޓޭބަލްގެ 15 ވަނައިގައި އޮތް މިޑްލްސްބޮރޯ ބަލިކޮށް އެންޓޯނިއޯ ކޮންޓޭގެ ޗެލްސީ ޓޭބަލްގެ ކުރި ހޯދައިފި އެވެ. ޗެލްސީއަށް ޓޭބަލްގެ ކުރި ލިބުނީ ޕޮއިންޓްގެ ގޮތުން ހަމަހަމައިގައި މިވަގު އޮތް ލިވަޕޫލާއި މެންޗެސްޓާ ސިޓީއަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެނެވެ. -- އިންޓަނޭޝަނަލް ބްރޭކަށް ފަހު މެޗެއް ކުޅެގެން ލިވަޕޫލާއި ސިޓީ އޮތީ 27 ޕޮއިންޓްގަ އެވެ.
މިރޭ އެ ދެ ޓީމުގެ ކުރިޔަށް ޗެލްސީ ގެން ގޮސް ދިނީ އިންޓަނޭޝަނަލް ބްރޭކްގައި އަނިޔާވެ މިރޭގެ މެޗުގައި އެކަށީގެންވާ ގޮތެއްގައި ކުޅެވިދާނެ ކަމާދު ޝައްކު އުފެދުނު ޑިއެގޯ ކޮސްޓާ އެވެ. އެހެން ނަމަވެސް މުޅި މެޗުގައި ކޮސްޓާ ފެނިފައި ވަނީ ވަރުދަވެ، އިތުރަށް ފޯމްގައި ހުރިތަނެވެ.
މިޑްލްސްބޮރޯގެ ރިވަ ސައިޑް ސްޓޭޑިއަމްގައި މިއަދު ލިބިގަތް މޮޅާއެކު މިއީ އާސެނަލް އަތުން ބަލިވުމަށް ފަހު ކޮންޓޭ، ޗެލްސީގެ ފޯމޭޝަނަށް ގެނައި ބޮޑު ބަދަލާއެކު ބައިކޮޅަށް ގޯލެއް ނުވައްދައި މޮޅުވި ހަވަނަ މެޗެވެ.
ބްރެޒީލަށް އުފަން، ކޮސްޓާ މިރޭ ޗެލްސީއަށް ލަނޑު ޖަހައިދީފައި ވަނީ 41 ވަނަ މިނެޓްގަ އެވެ. މިއީ އޭނާ މި ސީޒަންގައި ޖެހި 10 ވަނަ ގޯލެވެ. މި ގޯލް އޭނާ ޖަހާފައި ވަނީ ވަރަށް ހުޝިޔާރު ކަމާއެކު ވޮލީއެއް އުންޑައެއްހެން ފޮނުވާލާގައިގެނެވެ. އެ ބޯޅައަށް ހަރަކާތް ކުރުމުގައި ކީޕަރު ވިކްޓާ ވަލްޑޭސް އަށް ބަލަހައްޓައިގެން ހުރުން ފިޔަވައި ކުރެވުނު އެއްވެސް ނެތެވެ.
މިރޭގެ މެޗުގައި ޕްރިމިއާ ލީގުގެ މިދިއަ މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބެލްޖިއަމްގެ އެޑިން ހަޒާޑަށް ލަނޑެއް ޖެހިފައި ނުވި ނަމަވެސް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްދީފައި ވެއެވެ. މިއީ ފްރާންސްގެ ލިއްލޭއިން ޗެލްސީއަށް ބަދަލުވި ހަޒާޑް ޕްރިމިއާލީގުގައި ކުޅުނު 150 ވަނަމެޗެވެ. މިމެޗާ ހަމައަށް ހަޒާޑް ވަނީ ޗެލްސީއަށް 48 ގޯލް ޖަހައިދީ 31 ގޯލް ޖަހަން އެހީވެދީފަ އެވެ.
މިރޭ ހަޒާޑަށް ދެ ލަނޑު ޖެހުނުނަމަ ހަޒާޑްވާނީ ޕްރިމިއާ ލީގުގައި 50 ގޯލް ހަމަ ކުރި ހަވަނަ ކުޅުންތެރިޔާއަށެވެ. ނަމަވެސް މިރޭ ހަޒާޑްގެ ރެއަކަށް ނުވީ އެވެ.
ދެވަނަ ހާފުގައި ޗެލްސީން ކުޅުން ފަށައިގެން މާކަސް އޮލަންސޯއަށް ތަނަސްވި ރަނުގެ ފުރުސަތު ގެއްލުމާއެކު ދެން ފެނުނީ ބޮރޯއިން ޗެލްސީގެ ކޮންޓްރޯލް ގެއްލުވާލައި ރަނގަޅަށް ކުޅުނު ތަނެވެ. އެ ޓެމްޕޯގައި ބޮރޯއިން 15 މިނެޓް ކުޅުނު އިރު ގާސްޓަން ރަމިރޭޒްގެ ބާރު ހަމަލާކާއި އެޑަމާގެ ނުރައްކާތެރި ހަމަލައަކާ ކުރިމަތިލާން ޖެހުނެވެ. އަދި އޭގެ ފަހުން ނެގްރޭޑޯ މޮޅަށް ފޮނުވާލި ހަމަލާ އެއްވެސް ދިޔައެވެ. އެ ހަމަލަ ބޭކާރު ކޮށްލީ ކީޕަރު ކޯޓްއާ އެވެ. އެ 15 މިނެޓްގައި ޗެލްސީ ކޮށި އަރުވާލައި ނަތީޖާ ހަމަހަމަވެދާނެ ކަމަށް ބެލެވުނު ވަގުތުކޮޅުތައް އައެވެ.
ދެވަނަ ހާފުގައި ޗެލްސީއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭ ގޮތްވީ ކޯސްޓާ ވަރަށް ފުރިހަމައަށް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޕެޑްރޯ ހުހަށް ހުރެ ފޮނުވާލި ބާރު ބޯޅަށް ދަނޑިއާ އަމާޒުވެ ކުޅުމުގެ ތެރެއަށް ދިޔަ ހިސާބުން ލޯ ހުޅުވުމުންނެވެ. އޭގެ ފަހުން ލީޑް ފުޅާ ކުރާނެ ފުރުސަތު ހަޒާޑާއި ކޯސްޓާ އަދި ވިކްޓަ މޯސެސް އާއި އޮލަންސޯ އަށް ވެސް ލިބި ވަނީ ބޭކާރުވެފަ އެވެ. އަދި ޑޭވިޑް ލުއިޒް ޖެހި މޮޅު ޖެހުމެއް ވެސް ގޯލަކަށް ބަދަލު ނުވެ ދިޔައީ ކިރިޔާ އެވެ.
ބޮރޯ އިން އެންމެ ފަހުން ޕްރިމިއާ ލީގުގައި ޖަހާފައިވާ ހަތް ލަނޑު ވެސް ޖަހާފައި ވަނީ އަރިމަތިން ކްރޮސްޖަހައިގެނެވެ. މިރޭ ވެސް ކޯޗް އެއިޓާ ކަރަންކާ މަސައްކަތްކޮށްފައި ވަނީ އެ ޓެކްޓިކްސްގެ ބޭނުން ހިފުމަށެވެ. ނަމަވެސް ޗެލްސީގެ އެޒްޕްލިކްއެޓާ އާއި އޮލޮންސޯ އަދި ގެރީ ކޭހިލާއި ޑޭވިޑް ލުއިޒްގެ އޯގައިނައިޒް ކަމުން ބޮރޯއިން ޖެހި ހުރިހާ ކްރޮސްތަކެއްހެން ވަނީ ބޭކާރު ކޮށްލާފައެވެ. ހާއްސަކޮށް ކްރޮސްތަކުގައި ލުއިޒް ފެނުނީ ވަރަށް ހުޝިޔާރުކޮށެވެ. އެހެން ކަމުން މިދިއަ މަހުގެ މޮޅު ކޯޗްގެ އެވޯޑް ލިބުނު ކޮންޓޭއަށް ވަނީ އޭނާގެ ފުރަތަމަ 11 އާމެދު އިތުރަށް އިތުބާރު އުފެދިފައެވެ. ނަމަވެސް މިރޭ އޭނާ ވަނީ ބެންޗަށް ބަދަލުކޮށްފައިވާ ވައިސް ކެޕްޓަން އިވަނަވިޗް އާއި އޮސްކާ އަދި ޒުވާން ކުޅުންތެރިޔާ ޗަލަބާގެ ބޭނުން ހިފާފަ އެވެ. ކުރިން ހީކުރި ގޮތަށް ޒުވާން ޑިފެންޑަރު ކާޓް ޒޫމާ މިރޭގެ ސްކޮޑްގައި ހިމަނާފައެއް ނުވެއެވެ.
ކޯސްޓާއަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު މިރޭ ގެ މެޗުގައި ބޮރޯގެ ކަލުން ޗެމްބާ އާއި އެޑަމް ކްލައިޓަން އަދި ޗެލްސީގެ ކާންޓޭ އާއި އެޒްޕްލެކްއެޓާ އާއި ލުއީޒަށް ރެފްރީ ޖޯން މޮސް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ. މި ރެފްރީއަކީ އާންމުކޮށް ގިނަ ކާޑްތައް ދައްކާ ރެފްރީއެކެވެ.
މިޑްލްބަރާ އެންމެ ފަހުން ޕްރިމިއާ ލީގުގައި ޗެލްސީ ދެކޮޅަށް ކުޅުނު ފަސް މެޗުގައި ވެސް ވަނީ ބަލިވެފަ އެވެ. ޕްރިމިއާ ލީގުގައި މިޑްލްސް ބަރާ އާއި ޗެލްސީ 17 ފަަހަރު ބައްދަލުކޮށްފައިވާއިރު ޗެލްސީ ބަލިވެފައި ވަނީ ދެ ފަހަރު އެވެ. ދެން އަންނަ ހޮނިހިރެއްގައި ޗެލްސީ ނުކުންނަން ޖެހޭނީ ޓޮޓެންހަމް އާދެކޮޅަށެވެ. ކޮންޓޭ ޓީމަށް ގެނެސްފައިވާ ބަދަލު ފުރިހަމައަށް ޓެސްޓްވެއްޖެ ކަމަށް ބެލެވޭނެ ނަތީޖާއަކަށް ވާނީ ސްޓެންފޯޑް ބްރިޖްގައި ކުޅޭ އެ މެޗުންނުކުންނަ ނަތީޖާ ކަމަށް އެނަލިސްޓުން މިރޭ ބުނެފައި ވެއެވެ.