އިދިކޮޅު މައި ޕާޓީ، އެމްޑީޕީ ރައީސާއި ނައިބު ރައީސްގެ ދައުރު ހަމަވެފައިވާއިރު އެ އިންތިހާބު ބާއްވާފައިނުވާ ކަމަށް ބުނެ އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ސިވިލް ކޯޓަށް ވެއްދި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ނިންމާލައިފި އެވެ. އެ މަރުހަލާ ނިންމާލާފައިވަނީ މައްސަލައެއް ސުލްހަވެރި ހައްލެއް ނުލިބި އެވެ.
ސިވިލް ކޯޓަށް އަލްހާން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ދައުރަކަށް 2011 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުގައި އެ ޕާޓީގެ ރައީސް ކަމަށް ޑރ. އިބްރާހިމް ދީދީ އާއި ނައިބު ރައީސް ކަމަށް އަލްހާން ފަހުމީ އިންތިހާބުކޮށްފައިވާ ދައުރު ހަމަވެފައި ވަނީ، 2012 ވަނަ އަހަރު އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ.
އިބްރާހިމް ދީދީ އާއި އަލްހާން މަގާމުން ވަކި ކުރުމަށްފަހު ޕާޓީގެ ރައީސް ކަމަށް މުހައްމަދު ނަޝީދާއި ނައިބު ރައީސް ކަމަށް މުހައްމަދު ޝިފާޒު ވަނީ އިންތިހާބުކޮށްފަ އެވެ. އަލްހާން ވަކާލާތު ކުރައްވާ ގޮތުގައި އެ ދެ ބޭފުޅުންގެ މަގާމުގެ ދައުރު މިހާރު ވަނީ ހަމަވެފަ އެވެ. އެއީ، އެ ދެ ބޭފުޅުން އިންތިހާބު ކޮށްފައިވަނީ ދައުރެއްގެ މެދު ތެރެއިން، ބައި-އިލެކްޝަނެއްގައި ހިނގަމުން ދިޔަ ދައުރަށް ކަމަށްވާތީ އެވެ. އެ ދައުރު މިދިޔަ އޭޕްރީލް މަހު ވަނީ ހަމަވެފަ އެވެ.
އަލްހާން މި މައްސަލާގައި އެދިފައިވަނީ، ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމަށް، ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވައިދިނުމަށް ޕާޓީއަށް އަމަރުކޮށްދިނުމަށެވެ.
މި މައްސަލާގައި މިދިޔަ ބުދަ ދުވަހު ބޭއްވި ދެވަނަ ޑިސްޕިއުޓް އަޑުއެހުމުގައި އެމްޑީޕީއިން ވަނީ އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފަ އެވެ. ނަމަވެސް ގާޒީ ވަނީ އެ މަރުހަލާއަކީ އެފަދަ ނުކުތާތައް ނަގައިގެން ވާހަކަ ދައްކާ މަރުހަލާއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ކަންކަމާ ވާހަކަ ދައްކަން ބޭނުންވާނަމަ މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމާ ކަމަށް ގާޒީ ވިދާޅުވި އެވެ.
މައްސަލަ ޝަރީއަތަށް ފޮނުވާފައިވާއިރު މި ހަފުތާ ތެރޭގައި މި މައްސަލާގައި ޝަރީއަތް ފަށާނެ އެވެ.
އަލްހާން އެމްޑީޕީއާ ގުޅޭ މައްސަލައެއް ސިވިލް ކޯޓަށް ވައްދާފައިމިވަނީ ސަރުކާރު ހިންގާ، ޕީޕީއެމްގެ އެތެރޭގެ މައްސަލައަކާ ގުޅިގެން ހުށަހެޅި މައްސަލައެއްގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނިކޮށެވެ. އަދި އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއިދުކުރައްވާފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ ޕާޓީއެއް ވެސް ހިންގަން ޖެހޭނީ އެ ޕާޓީއެއްގެ އަސާސީ ގަވައިދާ އެއްގޮތަށެވެ.