ރާއްޖެ ކުޅިވަރު

ނާޒިމާ: އެފްއޭއެމްގެ ފުރަތަމަ އަންހެން ނައިބު ރައީސް

ރާއްޖޭގެ ފުޓްބޯޅަ އަށް ހާއްސަކޮށް އަންހެން ފުޓްބޯޅަ އަށް މިއަދަކީ ތާރީހީ ދުވަހެކެވެ. ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަންގެ އިސް މަގާމަކަށް އަންހެން ބޭފުޅަކު އިންތިހާބުވީއެވެ. މިއަދު އިންތިހާބު ކުރެވުނު އެފްއޭއެމްގެ އާ އެކްސްކޯގެ އެއް ނައިބު ރައީސަކީ ކުރިން ނެޓްބޯޅަ އާއި ބާސެކްޓް ވެސް ކުޅުއްވި އައިޝަތު ނާޒިމާ އެވެ. ނާޒިމާއަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެކްސްކޯގައި ވެސް ހިމެނުނު ބޭފުޅެކެވެ.

"އަޅުގަނޑުމެންގެ އެކްސްކޯ އިންތިހާބުވުމާއެކު މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ފުރަތަމަ ނައިބު ރައީސް އަކަށްވެސް އަންހެންބޭފުޅަކު ވަޑައިގެންނެވީ،" އެފްއޭއެމްގެ އާ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

ނާޒިމާ އަކީ ފުޓްބޯޅަ ކުޅުނު މީހެއް ނޫނެނެވެ. ނަމަވެސް އޭނާ އަކީ އެންމެ ކުޑަ އިރުންސުރެ ފުޓްބޯޅަ އާއި އެކުޅިވަރު ޓާމްތައް ދަސްވެފައިވާ ބޭފުޅެކެވެ. އާއިލާގެ ތިއްބެވި އަނެއް ފަސް ފިރިހެން ބޭފުޅުންނަކީ ފުޓްބޯޅަ ކުޅެ ގައުމީ އެކި އުމުރުފުރާތަކުގައި ކުޅެފައިވާ ފަރާތްތަކެވެ.

"ފުޓްބޯޅަ އަކީ އެންމެ ކުޑައިރުން ސުރެ އަޅުގަނޑަށް ވަރަށް ފަރިތަ ނަމެއް ދެންތިއްބި ފަސް ފިރިހެން ކުދިންނަކީ ފުޓްބޯޅަ ކުޅެ ގައުމީ ޓީމުގައި ކުޅެފައިވާ ފަރާތްތަކެއް އަޅުގަނޑުވެސް ދަސް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި މި ކަމުގައި، އަޅުގަނޑު އުންމީދު ކުރަން އެކްސްކޯގެ ދެންތިއްބެވި ބޭފުޅުންގެ ފަރާތުން މިކަމަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް،" ނާޒިމާ ވިދާޅުވިއެވެ.

ނާޒީ ވިދާޅުވީ އޭނާގެ މަގާމައެކު ރާއްޖޭގެ އަންހެން ފުޓްބޯޅަ ޑިވްލަޕްމެންޓަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޯޑު ކުޅިވަރު އިދާރާގެ ނައިބުރައީސް އަކަށް ނާޒިމާ ވަޑައިގެންނެވުމުގައި އޭނާއަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިވަޑައިގެންފައިވާކަން އޭނާ ފާހަގަ ކުރައްވައެވެ. އެހުރިހާ ފަރާތްތަކުގެ ތެރެއިންވެސް އެންމެ ހާއްސަ އެއް ފަރާތަކީ ނާޒިމާގެ ފިރިކަލުން ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) އެވެ.

"ނާޒީ ލިބުނު ކާމިޔާބަކީ ހަމައެކަނި ނާޒީއަށް ލިބުނު ކާމިޔާބަކަށް ނުދެކެން އެއީ ރާއްޖޭގެ ކުޅިވަރުގައި އަންހެނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކެނީ." އަވަސްއާ ވާހަކަ ދައްކަވަމުން ނިޒާންބެ ބުޏްޏެވެ.