ރާއްޖެ ކުޅިވަރު

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް ޖަވާ

Nov 20, 2016

އެފްއޭއެމް ޖެނަރަލް ސެކެޓްރީ ކަމަށް ކުރިން ޑެޕިޔުޓީ ޖެނަރަލް ސެކެޓްރީ ކަމުގެ މަގާމު ހުންނެވި ހުސައިން ޖަވާޒު (ޖަވާ) ހަމަޖައްސައިފިއެވެ.

ސްޓެލްކޯ ސެމިނާ ރޫމުގައި މިއަދު ބޭއްވި އެފްއޭއެމްގެ އިންތިހާބަށް ފަހު އިންތިހާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ބޭއްވި އެކްސްކޯގެ ފުރަތަމަ ބައްދަލުވުމުގައި ސެކެޓްރީ ޖެނަރަލް ކަަމަށް ޖަވާގެ ނަން ވަނީ ފާސްކޮށްފަ އެވެ. ޖެނަރަލްސެކެޓްރީ ކަމަށް ޖަވާ ގެނައުމަށް އެކްސްކޯގެ ހުރިހާ މެންބަރުން ވެސް ވަނީ ވޯޓް ދެއްވާފައެވެ.

"އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީއަކީ ފުޓްބޯޅައިގެ އާއިލާއާ ރަނގަޅު ގުޅުމެއް ބޭއްވުމުގެ އިތުރަށް ފުޓްބޯޅައިގެ ނޮލެޖް ހުރި އަދި އެޑްމިނިސްޓްރޭޓިވް ލެވަލްގައިވެސް މަސައްކަތް ކުރެއްވޭ ބޭފުޅަކަށް ވާންޖެހޭ ޖަވާއަކީ އެފަދަ ބޭފުޅެއް" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ޖެނަރަލް ސެކެޓްރީ ކަމަށް މިހަކު ހަމަޖައްސައި އަދި ވަކި ކުރުންވެސް ކުރިއަށް ގެންދެވޭނީ އެފްއޭއެމް އެކްސްކޯގެ ބައްދަލުވުމަކުން ފާސް ކުރުމަށްފަހު އެވެ.

ޖަވާ ވަނީ އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހްމަދުގެ ދައުރުގައިވެސް ޖެނަރަލްސެކެޓްރީގެ މަގާމު ފުރުއްވާފައެވެ. އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ގެ ދައުރުގައި ޖަވާ ވަނީ ގައުމީ ޓީމުގެ މެނޭޖަރުކަމުގެ މަސްއޫލިއްޔަތު ވެސް އުފުއްލަވާފައެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީގެ މަގާމު މިއަދާ ހަމަޔަށް ފުރުއްވީ މިހާރުގެ ރައީސް ބައްސާމްއެވެ. ކުރީގެ ރައީސް އަހްމަދު ތޯރިގްގެ ދައުރުގައި ޖެނަރަލް ސެކެޓްރީ ކަމުން ބައްސާމް ވަކިކޮށްފައިވަނިކޮށް ޓޮމްގެ އެކްސްކޯގައި ހިމެނުނު ބޭފުޅުން އިސްތިއުފާ ދެއްވުމުން ޓޮމްގެ ރައީސް ކަމުގެ މަސްއޫލިއްޔަތު ގެއްލުމުން އެފްއޭއެމް ހިންގުމާވެސް ޖަވާ ވަނީ ހަވާލުވެފަ އެވެ.