ދިވެހި ސިނަމާ

25 ޝޯ ހައުސްފުލްކޮށް، ވަދާއީ ޝޯތަކަށް "4426" ތައްޔާރުވެއްޖެ

Nov 20, 2016
1

އޮލިމްޕަހުގައި 25 ޝޯ ހައުސްފުލްކޮށް، އަހަރުގެ އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ފާތިމަތު ނަހުލާގެ ބިރުވެރި ފިލްމު "4426" އޭގެ ވަދާއީ ޝޯތަކަށް ތައްޔާރުވެއްޖެ އެވެ.

ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ 25 ޝޯ އޮލިމްޕަހުގައި ހައުސްފުލްކޮށްފައިވާއިރު އަތޮޅު ތެރޭގައި ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައިވާ ޝޯތަކާއި އަވަށްޓެރި ސްރީ ލަންކާގައި ކުރިއަށް ގެންދިޔަ ކާމިޔާބު ޝޯތައް ވެސް ވަކިން ފާހަގަކޮށްލެވެ އެވެ. މި ބޮޑު ކާމިޔާބީ އަށް ފަހު މިހާރު ޓިކެޓް ވިއްކަމުން ދަނީ ފިލްމުގެ 26 ވަނަ ޝޯ އާއި 27 ވަނަ ޝޯ އަށެވެ.

ޓިކެޓެއްގެ އަގަކީ 100ރ. އެވެ.

ބަތަލާ މަރިޔަމް އައްޒަ އާއި މުހައްމަދު ޖުމައްޔިލް އަދި ޔޫސުފް ޝަފީއު އާއި ޝީލާ ނަޖީބުގެ އިތުރުން ކުޅަދާނަ ގިނަ ތަރިންތަކެއް މުހިންމު ރޯލުތަކަކުން ފެނިގެންދާ "4426" އަކީ ގެއެއްގެ ތެރޭގައި ބަންދުވާ ބަޔަކަށް ކުރިމަތިވާ ބިރުވެރި އަދި ނުރައްކާތެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާއި އޮހުނު ތައުރީފަށް ބަލާއިރު މިއީ ފަހުގެ ތާރީޚެއްގައި ބެލުންތެރިންނާ ހަމަ އަށް އައި އެންމެ ރަނގަޅު އެއް ދިވެހި ފިލްމުކަން ފާހަގަކޮށްލެވެ އެވެ.

މި ފިލްމަކީ އާންމުކޮށް ދިވެހި ސިނަމާ އަށް މެލޯޑްރާމާތައް ގެނެސްދޭ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓް ބެނާގައި އަދި އޭނާގެ ފިލްމީ ހަޔާތުގައި ވެސް ގެނެސްދިން ފުރަތަމަ ބިރުވެރި ފިލްމެވެ. މި ފިލްމުގެ ޕްރޮމޯޝަންތަކުގައި ނަހުލާ ކުރިން ބުނެފައި ވަނީ އޭނާ މި ފިލްމެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ވަޅުޖެހިފައި އޮތް ފިލްމީ ދާއިރާ ކޮޅަށް ނެގުން ކަމަށެވެ.

އެގޮތުން ކުރިން އޮލިމްޕަހުގައި ގާއިމުކޮށްފައިވާ ރިކޯޑްތައް މުގުރާލުމަކީ މިފަހަރުގެ އަމާޒު ކަމަށް ނަހުލާ ބުނެ އެވެ. ނަމަވެސް 27 ޝޯ އަށް ފަހު "4426" ނަގައިފި ނަމަ ނަހުލާ އަށް އޭނާގެ ކުރީގެ ރިކޯޑްތަކެއް ނުމުގުރޭނެ އެވެ.

ނަހުލާ މި ފިލްމެއް ޑައިރެކްޓްކުރުމުގެ ކުރިން، އެންމެފަހުން ލިޔެ ޑައިރެކްޓްކުރި "ޔޫސުފް" ގެ 50 ޝޯ 2007 ވަނަ އަހަރު އޮލިމްޕަހުގައި ދެއްކި އެވެ. ނަހުލާ ބުނަނީ އެ ހިތްހަމަޖެހޭނީ އެ ރިކޯޑް މުގުރި 50 އަށް ވުރެ ގިނަ ޝޯ ދެއްކުމުން ކަމަށެވެ.

އެހެން ކަމުން މި ވަގުތަށް "ވަދާއީ ޝޯތަކެއް" އައިސް 4426ގެ ޝޯތައް މެދުކެނޑިގެން ދިޔަ ނަމަވެސް ނަހުލާ ބުނަނީ އޮލިމްޕަހަށް ވަގުތު ވީވަރަކުން އަދިވެސް އޭނާގެ ބިރުވެރި ފިލްމުގެ ޝޯތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެނބުރި އައިސް ނަހުލާ ވަނީ އާ ފިލްމުތަކެއް ވެސް އިއުލާނުކޮށްފަ އެވެ. އެގޮތުން މަރިޔަމް އައްޒަ އާއި ޖުމައްޔިލް ލީޑް ރޯލަށް ލައިގެން އޭނާ ވަނީ "ބީ" ގެ ނަމުގައި ރޮމޭންޓިކް ފިލްމެއް ވެސް އިއުލާނުކޮށްފަ އެވެ. އެ ފިލްމު އަންނަ އަހަރުގެ މެދު ތެރޭގައި ބެލުންތެރިންނާ ހަމަ އަށް އަންނާނެ ކަމަށް ނަހުލާ ބުނެ އެވެ.