ފިނިޕޭޖް

ޝަލަބީ ނިއު ދިއްލީ އަށް، މިފަހަރު ކިޔަނީ ހިންދީ ލަވަ

Nov 20, 2016
3

މޯލްޑިވިއަން އައިޑޮލްގެ ރަނަރަޕް ޝަލަބީ އިބްރާހިމް އިންޑިއާގެ ނިއު ދިއްލީގައި ޕާފޯމްކުރުމަށް ހަމަޖެހިފައިވާ ޝޯއަކަށް ހިންދީ ކްލެސިކަލް ލަވަތަކާ އެކު ނިކަން ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް ޝަލަބީގެ މެނޭޖަރު ބުނެފި އެވެ.

ނިއު ދިއްލީގައި މިއަދުން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ހަވާސާގައި ކުރިއަށް ގެންދާ ހާއްސަ މި ޝޯގައި ޝަލަބީ ހިންދީ ހަތް ލަވައެއް ހުށަހަޅައިދޭނެ އެވެ. އިންޑިއާގެ އެންމެ މަޝްހޫރު ކްލެސިކަލް، ޣަޒަލް ލަވަތަކާ އެކު ޕާފޯމްކުރާ މި ޝޯގައި ޝަލަބީއާ އެކު ބޭންޑެއްގެ ގޮތުގައި ބައިވެރިވަނީ މޯލްޑިވިއަން އައިޑޮލްގައި ވެސް އިން ހައުސް ބޭންޑެއްގެ ގޮތުގައި ކުޅުނު ޕާމްޓޯންސް އެވެ.

ޝަލަބީގެ ޝޯ އޮންނާނީ އިންވެސްޓް ފޯރަމް ކުރިއަށް ގެންދާ ނިއު ދިއްލީގެ ތާޖު ހޮޓެލްގައި ބާއްވާ ގާލާ ޑިނާއެއްގެ ހަވާސާގަ އެވެ.

މޯލްޑިވިއަން އައިޑޮލް އަށް ފަހު މިފަދަ ތަފާތު އެކި ސްޓޭޖުތަކުގައި ޝަލަބީ ޕާފޯމްކުރަމުން އަންނައިރު އޭނާ އަކީ މި ޝޯ އިން އުފެއްދި އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު "ބްރޭންޑް" ކަން ފާހަގަކޮށްލަން ޖެހެ އެވެ. މޯލްޑިވިއަން އައިޑޮލް އަކަށް ނުހޮވުނު ނަމަވެސް ޝަލަބީ ދަނީ އޭނާ އަކީ "ހިތްތަކުގެ އައިޑޮލް" ކަން ސާބިތުކޮށް ދެމުންނެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރި އަރަމުން އަންނައިރު މި ދާއިރާގައި ލިބިފައިވާ މަޝްހޫރުކަން ބޭނުންކޮށްގެން ޝަލަބީ ކުރިއަށް ގެންދާ އިންސާނީ ހިދުމަތްތަކާއި ފޯރުކޮށްދޭ އެހީތައް ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ހާއްސަ އެހީ ބޭނުންވާ ކުދިންނަށް އެހީވުމާއި ލަވަކިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ފަދަ ހަރަކާތްތަކުން ވެސް ޝަލަބީ ފާހަގަކޮށްލެވެ އެވެ.

ނިއު ދިއްލީ އަށް ފަހު ޝަލަބީގެ ޝޯއެއް އަންނަ ޑިސެމްބަރު މަހު މެލޭޝިއާގައި ވެސް ބޭއްވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.