ފިނިޕޭޖް

"ކުރު ވާހަކަ": ސިމްބޮލިކްގެ އާ ވާހަކަ

ރޭ ކުއްލިއަކަށް އެންމެ ދައްކަން ފެށީ ކުރު ވާހަކައެއްގެ ވާހަކަ އެވެ. އެ ވާހަކަ ދިގުވާނަމަ މާފުކޮށްދިނުމަށް އެދޭ ވާހަކަ އެވެ. މި ވާހަކައެއްގެ އަވާގައި އެތައް ޒުވާނުންނެއް މިހާރު އެވަނީ ޖައްސާފަ އެވެ. މި "ކުރު ވާހަކަ" އަކީ ހިޕްހޮޕް މިއުޒިކް ވީޑިއޯތައް އުފައްދަމުން އަންނަ، ސިމްބޮލިކް ރެކޯޑްސްއިން ނެރުނު އެމީހުންގެ 10 ވަނަ ލަވަ އެވެ.

"ކުރު ވާހަކަ، ކުރު ވާހަކަ، މި ކިޔައިދެނީ ކުރު ވާހަކަ، ކުރު ވާހަކަ ދިގުވާނަމަ މާފަށް އެދެމޭ ދިގުވާނަމަ" މި ލަވަ މިހާރު ވަނީ ގިނަ ޒުވާނުންގެ ދޫމަތީގަ އެވެ.

ޒުވާނުންނަށް ގުޅޭ ގޮތަށް ހަދާފައިވާ މި ލަވަ ޝޫޓްކޮށްފައިވަނީ މަހިބަދޫގަ އެވެ. ލަވައިން ފެށިގެން ދަނީ އެ ރަށުގެ ކާސްޓުންނެވެ. ލަވައިގެ އާޓް ޑިރެކްޓަރަކީ އިސްމާއިލް ނާއިލް (ބްލަޑް) އެވެ.

މި ރީތި ލަވަ ކިޔާފައިވަނީ ނަބީލް ނިޔާޒް (ޓޯއީ) އަދި ރައްޔާން މުހައްމަދު (ރައިޑޭ) އެވެ. ޓޯއީ އަދި ރައިޑޭއަކީ މިހާރު ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ ދެ ފަންނުވެރިންނެވެ. ސިމްބޮލިކްގެ ފަހުގެ ލަވަތަކުން އެ ދެ އަޑު މީގެކުރިން ވެސް އިވިފައިވެ އެވެ.

ސިމްބޮލިކްއިން "ކުރު ވާހަކަ" ލަވަ ރޭ ރިލީޒްކުރިއިރު ލަވައާއެކު ސިމްބޮލިކްގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރުތަކެއް ވެސް ވަނީ ދީފަ އެވެ. މިފަދަ ލަވަތައް މި ނިމުނީ ނޫން ކަމަށް ވަނީ ބުނެފަ އެވެ. އަދިވެސް އާ ކަންކަން ސިމްބޮލިކްއިން ކުރަން ތައްޔާރަށް ތިބިކަން ވަނީ ހާމަކޮށްފަ އެވެ.

ސިމްބޮލިކްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު (އޭޑީ) ބުނީ، ވަރަށް އަވަހަށް ސިމްބޮލިކްގެ ރެކޯޑް ލެބެލް ދަށުން މިޔުޒިކް ބޭންޑެއް ފެނިގެން ދާނެ ކަމަށާއި އެ ބޭންޑަކީ ރާއްޖޭގެ ނަން މަޝްހޫރު ބޭންޑެއް ކަމަށެވެ. ނަމަވެސް އެ ބޭންޑަކީ ކޮން ބޭންޑެއްކަން އަދި ސަޕްރައިޒެއް ގޮތުގައި ބާއްވާނީ ކަމަށް އޭޑީ ބުންޏެވެ.

"ވަރަށް އަވަހަށް ކުޑަކުޑަ ހަފުލާއެއް ބާއްވާފައި އިއުލާން ކުރާނަން،" އޭޑީ ބުންޏެވެ.

އޭޑީ ބުނީ ސިމްބޮލިކްގެ އަލްބަމް ވެސް ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި މި އަހަރުގެ މެދު ތެރޭގައި ރިލީޒްކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ދެގޮތެއް ނުވެ ސިމްބޮލިކްއަށް ފޭންސް ދޭ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، އަދި ކުރިއަށް އޮތީ،" އޭޑީ ބުންޏެވެ.

ސިމްބޮލިކް ރެކޯޑްސްއަކީ ހިޕްހޮޕް މިއުޒިކަށް ހާއްސަވެގެން އުފެދުނު ކުންފުންޏެއް ނަމަވެސް އެ ކުންފުނި މިހާރު ވަނީ ފުޅާވެ، ހުރިހާ ވައްތަރެއްގެ މިޔުޒިކަށް ވެސް ހާއްސަ ކުންފުންޏަކަށް ހަދާފަ އެވެ. އޯޑިއޯ އަދި ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި އޭރިއަލް ފޮޓޯ އަދި ވީޑިއޯ ގްރަފީގެ މަސައްކަތާއި އެޑް ހަދައިދިނުމުގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު ކޮށްދެ އެވެ.