ވިޔަފާރި

ޖަރުމަނުގައި އެންމެންގެ ލޯތައް އިކްއޭޓިކް ވައިބް އަށް

(ޖަރުމަންގެ، ބާލިން އިން މުހައްމަދު އަފްރާހު) -- ޖަރުމަނުގައި ކުރިއަށްދާ އައިޓީބީ ބާލިން ފެއާގައި ލަވަ ހުށަހަޅައިދޭ މިއުޒިކް ބޭންޑް "އިކުއޭޓިކް ވައިބް" އަށް އެ ގައުމުން ތައުރީފު އޮހެން ފަށައިފި އެވެ.

ކުރިން "ދަ ފައިވް" ގެ ނަމުގައި ހިންގި ބޭންޑުން "އިކުއޭޓިކް ވައިބް" ގެ ނަމުގައި ބްރޭންޑާއެކު ޖަރުމަނުގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި ޕަފޯމް ކުރަމުންދާއިރު، މި ބޭންޑުގެ ހުށަހެޅުންތަކަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ބޭންޑުގައި ހިމެނެނީ ލީޑް ވޯކަލިސްޓަކީ ޝައްމޫން މުހައްމަދު (ޝައްމު) ގެ އިތުރުން އަމީން އާއި ޝިނާން އަދި މަބީ އާއި ހުސައިނެވެ.

ޖަރުމަނު ފެއާއާ ދިމާކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބޭއްވި "މޯލްޑިވިއަން ނައިޓް" ގައި އެ ބޭންޑުން ވަނީ ގިނަ ހުށަހެޅުންތަކެއް ގެނެސްދީފަ އެވެ. މި ހުށަހެޅު ތަކަށް ދައުވަތު ދީގެން ގޮސްތިބި މީހުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އެ ބޭންޑުން ވަނީ އަމިއްލަ ރާގުތަކުގެ އިތުރުން ޖަރުމަނު ލަވައެއްވެސް ހުށަހަޅައިދީފަ އެވެ.

އިކްއޭޓިކް ވައިބް އިން މޯލްޑިވިއަން ނައިޓްގެ އިތުރުން، އައިޓީބީ ފެއާގައި ހަދާފައިވާ ރާއްޖޭގެ ސްޓޯލްގައި ވެސް ވަނީ ޕަފޯމް ކޮށްފަ އެވެ. އެ ބޭންޑަށް މި ފުރުސަތު ލިބުނީ ބޭންޑެއް ހޯދަން ހުށަހެޅި ބިޑް ކާމިޔާބު ކޮށްގެންނެވެ.

އިކްއޭޓިކް ވައިބް ލީޑް ވޯކަލިސްޓަކީ ޝައްމޫން މުހައްމަދު (ޝައްމު) "އަވަސް" އަށް ބުނީ އައިޓީބީގެ ސަބަބުން އެ ބޭންޑަށް ގިނަ ފުރުސަތު ތަކެއް ތަނަވަސް ވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ރާއްޖޭން ބޭރަށް. އިންޓަނޭޝަނަލީވެސް ރަނގަޅު ފުރުސަތު ތަކެއް އެބަލިބޭ،" ޝައްމު ބުންޏެވެ.

އެކަމަކު، އެ ފުރުސަތު ތަކެއް އޭނާ ނުބުނެ އެވެ. ނަމަވެސް "އަވަސް" އަށް އެނގިފައިވާ ގޮތުގައި ބޭރުގެ އެހެން ގައުމުތަކުން ވަނީ މި ބޭންޑަށް ހުށަހެޅުންތައް ލިބިފަ އެވެ.

އިކްއޭޓިކް ވައިބްއިން މިދިޔަ އަހަރު "ކުލަތައް" ގެ ނަމުގައި އަމިއްލަ ރާގުގެ އަލަބަމެއް ނެރެފައިވެ އެވެ. މި ބޭންޑުގެ ފުރަތަމަ އަލްބަމް ޕްރޮޑިއުސްކޮށްފައި ވަނީ ޖަރުމަންގެ ޕްރޮޑިއުސަރެކެވެ.