ވިޔަފާރި

މާކެޓިން ވަރުގަދަ ކުރުމާއެކު ޖަރުމަނު ޓޫރިސްޓުން އިތުރުވެއްޖެ

މާކެޓިން ވަރުގަދަ ކުރުމާއެކު ޖަރުމަނު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށައިފި އެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ގައުމާ އެކު ޔޫރަޕުން އަންނަ ބައެއް ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ އެވެ. ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަހު ރާއްޖެއަށް 11،172 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރި 8،810 ޓޫރިސްޓުންނާ އަޅާބަލާއިރު ގާތްގަނޑަކަށް 26 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހުން ޖަރުމަނުން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވީއިރު މިއީ 2015 ވަނަ އަހަރު ފެށިގެން ޖަރުމަނު ޓޫރިސްޓުންގެ އަދަދު އެންމެ ބޮޑަށް އިތުުރުވީ އެއް މަހެވެ.

ޖަރުމަނު ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް މިނިސްޓްރީ އަދި ޓޫރިޒަމް އިންޑަސްޓްރީން ކުރަމުން ގެންދާ މަސައްކަތުންނެވެ. މިދިޔަ އަހަރު އެމްއެމްޕީއާރުސީން ވަނީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ޖަރުމަނުގައި ރާއްޖެ ޕްރޮމޯޓް ކުރުން ފުޅާކޮށްފަ އެވެ. މިގޮތުން ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީގައި ރާއްޖެ ފުޅާކޮށް ޕްރޮމޯޓްކޮށްފައިވެ އެވެ.