ވިޔަފާރި

ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުން މިއޮތީ

(ޖަރުމަންގެ، ބާލިން އިން މުހައްމަދު އަފްރާހު) -- "ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުމެއް ނޯންނާނެ އެވެ.!" މިއީ އިހުޒަމާނުގެ ހަރުބަހެކެވެ. ނަމަވެސް މިފަހަރު މި ލިޔަނީ ހަރުބަހުގެ ވާހަކައެއް ނޫނެވެ. އެއީ މިހާރު ޖަރުމަނުގެ، ބާލިންގައި ކުރިއަށްދާ އައިޓީބީ ފެއާއިން ދިމާވި ހުނަރުވެރި ކުންފުންޏެއްގެ ވާހަކަ އެވެ. އެމީހުންގެ މަސައްކަތަކީ ފަތްކެޔޮ ގަހުގެ އުކާލާ ބައި ބޭނުކޮށްގެން ތަފާތު އެއްޗިހި ވިއުމެވެ. އެކަމުގައި އުޅެނީ އަންހެން ކަނބަލުންނެވެ.

"މި މަސައްކަތަކީ ތުރުކީގައި ވަރަށް މަގުބޫލު އެއްޗެއް. މި ތަކެތި ވަރަށް ވިކޭނެ،" ކުންފުނީގެ ފަރާތުން އައިޓީބީ ތަމްސީލް ކުރަން އައިސްހުރި ރަހީމީ "އަވަސް" އަށް ބުންޏެވެ. އޭނާ ބުނީ މިހާރު ތުރުކީގެ އެތައް ސަރަހައްދަކަށް މި ތަކެތި ގެންދާ ކަމަށެވެ. އޭގެ ތެރޭގައި ހެދުމާއި ފައިވާން ފައިފުހި ފަދަ ތަކެތި މިގޮތަށް އަންނަނީ ތައްޔާރު ކުރަމުންނެވެ.

"ބޮޑެތި ފިހާރަތަކުންވެސް މިތަކެތި ގެންދޭ. އެންމެ ގިނައިން މީހުން މި ގަންނަނީ ހެދުން،" "އަލާނިޔާ" ގެ އޮފިޝަލް ބުންޏެވެ.

ތުރުކީގައި މިހާރު އެ މަސައްކަތް ކުރިނަމަވެސް މި މަސައްކަތް އެ ގައުމަށް އުފަންވީ މިސްރުންނެވެ. އެއީ 1930 ގެ އަހަރުތަކުގައި އެގައުމަށް ހިޖުރަކުރި އާއިލީއެކެވެ. އާއިލީ ވިޔަފާރިއެއްގެ ގޮތުގައި އުފަންވެ، މިހާރު މި ވިޔަފާރިއަކީ އެތައް މިލިއަން ޑޮލަރުގެ ވިޔަފާރި އަކަށް މި އޮތީ ބަދަލުވެފަ އެވެ.

ފަތްކެޔޮ ގަހުގެ ނިރުން ނަގާ، ""ބަނާނާ ފައިބާ"އިން އުފައްދާ މި ތަކެތި، "އަލާނިޔާ" ބްރޭންޑްގެ ދަށުން ބާޒާރަށް ނެރޭ އިރު، މި ވިޔަފާރީގެ ދަށުން އުފައްދާ ތަކެތީގެ ތެރޭގައި ހެދުމާއި ބޫޓު އަދި ކުނަލާއި ފައިވާން ފަދަ ތަކެތި ހިމެނެ އެވެ.

ރާއްޖެއަކީ ވެސް ފަތްކެޔޮ ގިނައިން ހައްދާ ގައުމެކެވެ. ނަަމަވެސް ރާއްޖޭގައި ދޮންކެޔޮގަނޑު ކަނޑާލުމަށްފަހު ނިރު އެއްލާލަނީ އެވެ. އެކަމަކު މީގެ ބަދަލުގައި މިފަދަ އެއްޗިހި އުފެއްދިދާނެ އެވެ. އުފެއްދުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރާއިރުމިއީ ވެސް ކުރެވިދާނެކަމެކެވެ. ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުން މިއޮތީ ފެންނާށެވެ.