ވިޔަފާރި

މޯލްޑިވިއަން ޔޫރަޕަށް ފުޅާކުރަން އައިޓީބީގައި މަޝްވަރާ ކުރަނީ

  • މަޝްވަރާތައް ވަރަށް ކާމިޔާބު
  • ތިން ކުންފުންޏަށް ދައުވަތު ދީފި
  • ސީޕްލޭން ފުޅާކުރަންވެސް މަޝްވަރާކުރޭ

(ޖަރުމަނުން: މުހައްމަދު އަފްރާހު) -- ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުދުހުންތައް ޔޫރަޕަށް ފުޅާކުރުމަށް މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި ތިން ކުންފުންޏަކާ އެކު މަޝްވަރާ ފަށާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަން ހޮލިޑޭސްގެ ހެޑް މުހައްމަދު ރިޒްވީ ޖަރުމަނުގައި ހުންނަވާ "އަވަސް" އަށް ވިދާޅުވީ އައިޓީބީ ފެއާއަށް އެ ކުންފުނި އައުމުގެ މައިގަނޑު މަގުސަދަކީ ވިޔަފާރި ފުޅާ ކުރުން ކަމަށެވެ. އަދި ހާއްސަކޮށް އެއާލައިންގެ ދަތުރުތައް ޔޫރަޕަށް ފުޅާ ކުރުމަށް ހުރި އޮޕްޝަންތައް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބަލަނީ މޯލްޑިވިއަންގެ އޮޕަރޭޝަން އެކްޕެންޑް ކުރެވޭނެ އޮޕްޝަންސްތައް. ޓްރެވަލް ކުރެވޭނެ ގޮތްތައް. މިފަހަރު އައިސްގެން ފުދޭ ވަރަކަށް ކާމިޔާބުކޮށް މި ދަނީ. ދެތިން ޕާޓީއެއް އިންޓްރެސްޓް ފާހަގަ ކޮށްފި. އެ މީހުންނަށް މާލެ އަންނަން އިންވައިޓްވެސް ކޮށްފިން. އިތުރު ޑިސްކަޝަންއަށްދާ ތާން ޖެހޭނީ ޑީޓެއިލްއަށް ދާން،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ބޭނުންވަނީ ޔޫރަޕަށް ސީދާ ދަތުރުތައް ފަށަން ކަމަށާއި ނަމަވެސް މިކަން ކުރުމުގައި ގިނަ ދަތިތަކެއް މިވަގުތު އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އިތުރު ބޯޓުތައް ގެނެސްގެން ނަމަވެސް މިހާރު ދަތުރު ކުރާ މަންޒިލްތައް ގިނަ ކުރުމަކީ އަޒުމެއް ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

"މިވަގުތު މި އޮތީ އެއާބަސްގެ ދެ ބޯޓު.އެހެންވެއްޖިޔާ އަޅުގަނޑުމެންގެ ދެ ޓެކްނިކަލް ސްޓޮޕެއް އާދެ މެދުއިރުމަތި ނޫނީ ދިއްލީގައި. އެހެންވެ ރަނގަޅަށްދާނަމަ އިތުރު ބޯޓު ގެނެސްގެން ޑައިރެކްޓް ކުރެވޭ ވަރުކުރާނެ،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަންގެ ސީޕްލޭން ފުޅާކުރަންވެސް ވާހަކަ ދެކެވޭ ކަމަށެވެ. އަދި އެ ވިޔަފާރީގައި މި އަހަރު އެ ކުންފުންޏަށް ވަރަށް ކާމިޔާބުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މޯލްޑިވިއަންއަކީ ރާއްޖޭގެ ގައުމީ އެއާލައިންނެވެ. މި ކުންފުނީގެ ބޯޓުތައް ޗައިނާގެ ފަސް މަންޒިލަކާއި އިންޑިޔާ އަދި ބަންގްލަދޭޝަ އާއި ތައިލެންޑްފަދަ މަންޒިލްތަކަށްވެސް ދަތުރުތައް ކުރެ އެވެ.