ވިޔަފާރި

މޯލްޑިވިއަންގެ ލަންކާ ދަތުރުތައް އަންނަ މަހު ފަށަނީ

Apr 8, 2017

ގައުމީ އެއާލައިން މޯލްޑިވިއަން އިން ސްރީލަންކާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް އަންނަ މަހު ފަށާނެ ކަން އެ އެއާލައިނުން އިއުލާނުކޮށްފި އެވެ. މޯލްޑިވިއަން އިން ދަތުރު ކުރާނީ ވެރިރަށް ކޮލަމްބޯއާ 20އަކަށް މިނެޓް ދުރުމިނުގައި އޮންނަ ރަތަމަލާނާ އެއާޕޯޓަށެވެ.

ކޮލަމްބޯގެ ރަތަމަލާނާ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމާ ބެހޭ ގޮތުން އައިލެންޑު އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު "ރާއްޖެ މިއަދު" ގައި ވިދާޅުވެފައިވާ ގޮތުގައި އަންނަ މަހު ދަތުރުތައް ފެށޭ ވަރަށް މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ. އަދި މި ދަތުރުތައް ކުރަނީ އަގު ބޮޑުކޮށް ނޫން ކަން އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ މި ދަތުރުތައް ފަށާއިރު ހަފްތާއަކު ތިން ފަހަރު ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލިބޭ ތަރުޙީބަށް ބެލުމަށްފަހު، ކޮންމެ ދުވަހަކު އެއް ފްލައިޓު ލަންކާއަށް އޮޕަރޭޓް ކުރަން ވިސްނާ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

އެ ކުންފުނީގެ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "އަވަސް" އަށް ކުރިން ވިދާޅުވި ގޮތުގައި ކޮލަމްބޯގެ ރަޓަމަލާނާ އެއާޕޯޓަށް ދަތުރުތައް ފެށުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށާއި، އެކަމާ ގުޅޭ މަސައްކަތްތައް ލަންކާ ސަރުކާރުން ވެސް ފަށާފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ލަންކާ އެއާޕޯޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް މޯލްޑިވިއަންގެ އުދުހުންތައް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޓަމަލާނާ އެއާޕޯޓަކީ ލަންކާގެ ފުރަތަމަ އެއާޕޯޓް ނަމަވެސް ކަތްނައިކާގައި ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމާ އެކު އެ އެއާޕޯޓް ވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފަ އެވެ. އަދި އެތަނަށް އިންޓަނޭޝަނަލް ފްލައިޓެއް ނުޖައްސާތާ މިހާރު ވަނީ 50 އަހަރުވެފަ އެވެ. އެހެން ކަމުން އަލުން އިންޓަނޭޝަނަލް ފްލައިޓެއް ޖެއްސުމަށް އެ އެއާޕޯޓްގައި ކުރަން ޖެހޭ ބައެއް މަސައްކަތްތައްް ސްރީލަންކާ އިން މިހާރު ވެސް ވަނީ ފަށައިފަ އެވެ.

"މި އެއާޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް ނުބާއްވާތާ 50 އަހަރު ވެއްޖެ. އެހެންވެ އެކަމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ. އެކަމަށް މިހާރު އެ ބޭފުޅުން ވެސް މަސައްކަތް ކުރަނީ،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ލަންކާއަށް ދަތުރު ފެށުމުގެ ހުއްދަ ލިބިފައިވަނީ މިދިޔަ މަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ލަންކާގެ ސިވިލް އޭވިއޭޝަން މިިނިސްޓަރު ނިމަލް ސިރިޕާލަ ޑިސިލްވާއާ ބައްދަލު ކުރައަވާ ބޭއްވި މަޝްރަތަކަށް ފަހު އެވެ. މަޝްވަރާތަކުގައި މޯލްޑިވިއަންގެ ސީދާ ދަތުރުތައް ސްރީލަންކާއަށް ފެށުމަށް ކުރަންޖެހޭ ކަންކަން ރާއްޖެ އާއި ލަންކާ އިން ގުޅިގެން ނިންމާލުުމަށް ވެސްވަނީ ނިންމައިފަ އެވެ.

ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ކޮލަމްބޯއަށް ދިޔުމަށް 40 މިނެޓް ދަތުރު ކުރަން ޖެހުނު ނަމަވެސް ރަޓަމަލާނާ އެއާޕޯޓުުން ކޮލަމްބޯއަށް ދިޔުމަށް ނަގާނީ އެންމެ 20 އަކަށް މިނެޓެވެ. މިއީ އެ ގައުމުގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓްވެސްމެ އެވެ.