ވިޔަފާރި

މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފި

  • މި ބަދަލު އައީ ތެލުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރުމުން
  • ކޮންމެ ކޮޅަކަށް 100 ރުފިޔާގެ ހެޔޮވުމެއް
  • 17 ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކާނެ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުން ވިއްކާ ޓިކެޓްގެ އަގު ކޮޅަކުން ގާތްގަނޑަކަށް 100ރ. ހެޔޮކޮށްފި އެވެ.

މޯލްޑިވިއަން އިން ބުނީ ތެލުގެ ޑިއުޓީ އަށް ގެނެސްފައިވާ ހެޔޮ ބަދަލާއެކު "ޖެޓް-1" ފިއުލްގެ އަގު ހެޔޮވުމުން ޓިކެޓްގައި ހިމެނޭ ފިއުލް ސާޗާޖް މިހާރު އަގު ހެޔޮކޮށްފައިވާ ކަމަށެވެ.

ފިއުލް ސާޗާޖްއަށް މިގެނައި ބަދަލާ އެކު، ޓިކެޓު އަގަށް މޯލްޑިވިއަންއިން ގެނައި ބަދަލާއެކު، އެތެރޭގެ އުދުހުންތަކުން ކޮޅަަކަށް ގާތްނގަޑަކަށް 100ރ. ހެޔޮވެފައިވާ ކަމަށެވެ.

އަގަށް ގެނައި މި ބަދަލާއެކު، މާލެ- ގަން އަދި މާލެ- ފުވައްމުލަކު ޓިކެޓު ވިއްކާނީ ކޮޅަކަށް 889.88ރ. އަށެވެ. އަދި މާލެ-ކާޑެއްދޫ އާއި މާލެ ޖީކޭކޭ ޓިކެޓު ވިއްކާނީ 786.62ރ. އަށެވެ. އަދި މާލެ- ކޫއްޑޫ އަދި މާލެ- ތިމަރަފުށި ޓިކެޓު ވިއްކާނީ 854.36ރ. އަށެވެ. މީގެ އިތުރުން މާލެ- ދަރަވަންދޫ ޓިކެޓު 598.90ރ. އަށް ވިއްކާއިރު މާލެ- އިފުރު ޓިކެޓުގެ އަގު ހުރީ 799.24ރ. އަށެވެ. އަދި މާލެ- ހަނިމާދޫ ޓިކެޓު ވިއްކަނީ 854.36ރ. އަށެވެ. އަދި މާލެ- ކުޑަހުވަދޫ ޓިކެޓު ވިއްކާނީ 799.24ރ. އަށެވެ.

މި އަގުގައި ޓިކެޓް ވިއްކާނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެވެ.

މޯލްޑިވިއަން ޓިކެޓުގެ އަގު ހެޔޮކޮށްފައި މިވަނީ ކުރިން ޑިއުޓީގެ ގޮތުގައި ނަގަމުން އައި 10 ޕަސެންޓުގެ ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުުރުމާ ގުޅިގެންނެވެ. މި ބަދަލާއެކު އެމްއޭސީއެލްއިން ވަނީ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން ބޭރުގެ ދަތުރުތަކަށް ޖެޓް ފިއުލް ލިޓަރެއް ދެން ވިއްކަނީ 0.69 ސެންޓް (10.68ރ) އަށެވެ. އެއީ ލީޓަރަކުން 36 ލާރީގެ ހެޔޮވުމެކެވެ. އަދި އެތެރޭގެ އުދުހުންތަކަށް ވިއްކާ ތެލުން ލީޓަރަކުން 74 ލާރި ވަނީ ހެޔޮކޮށްފަ އެވެ.