މިއުޒިކް

"ސައްޔޯނީ"ގެ ލަވަކިޔުންތެރިޔާ އާއެކު އުނޫޝާގެ އާ ލަވައެއް

ބޮލީވުޑް ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު ލިބިފައިވާ ދިވެހި އާޓިސްޓަކީ މޯލްޑިވިއަން އައިޑޮލްގެ ޖަޖު މަރިޔަމް އުނޫޝާ އެވެ. އަނެއްކާވެސް އުނޫޝާ މިވަނީ ބޭރުގެ އާޓިސްޓަކާއެކު އާ ލަވައެއް ރެކޯޑުކޮށްފަ އެވެ.

ހިންދީ ލަވަ "ސައްޔޯނީ" ކިޔާފައިވާ ލަވަކިޔުންތެރިޔާ އަލީ އަޒްމަތު އާ އެކު އުނޫޝާ މިވަނީ އާ ލަވައެއް ރިކޯޑުކޮށްފަ އެވެ. އަލި އަޒްމަތު އަކީ ޕާކިސްތާނުގެ ބޭންޑެއް ކަމަށްވާ "ޖުނޫން"ގެ އާޓިސްޓެކެވެ. މޯލްޑިވިއަން އައިޑޮލްގެ ރޭގެ ޝޯގައި އުނޫޝާ ބުނީ ވަރަށް އަވަހަށް މި ލަވަ ރިލީޒް ކުރާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އެންމެ ފުރަތަމަ ބޮލީވުޑް ފިލްމަކަށް އުނޫޝާ ކިޔާފައިވަނީ "ހޭވައްލާ" ނަމަކަށް ކިޔާ ލަވަ އެކެވެ. އެއީ 2012 ވަނަ އަހަރު ނެރުނު "ޖިސްމު 2" އަށެވެ.

އަލީ އަޒްމަތު އަކީ ލަވަ ކިޔުންތެރިއެއްގެ އިތުރުން ލަވަ ލިޔެ އަދި އެކްޓުވެސް ކުރާ ފަރާތެކެވެ. އަޒްމަތު އަކީ ޔޫއެން ގެ ޖެނެރަލް އެސެމްބްލީގައި ލަވައެއް ހުށަހަޅާލުމުގެ ފުރުސަތު ލިބުނު ފުރަތަމަ އާޓިސްޓެވެ. އެ ފަހަރު ޖުނޫން ބޭންޑާއެކު އޭނާ ހުށަހަޅާފައިވަނީ "ދޯސްތީ" މި ލަވަ އެވެ. މާނަ އަކީ އެކުވެރިކަމެވެ. އެލަވަ އަކީ ދުނިޔެއަށް ސުލްހަ ގެނައުމަށް އޭރު ޔޫއެން އިން ކުރަމުންދިޔަ މަސައްކަތްތައް ޕްރޮމޯޓް ކުރުމުގެ ގޮތުން ހަދާފައިވާ ލަވަ އެވެ.

މި ލަވަ އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ ލަވަ އެކެވެ. މިހާތަނަށް އެތައް ސަތޭކަ ލަވައެއް އަޒްމަތު ރެކޯޑުކޮށްފައިވާއިރު "ސައްޔޯނީ" އަކީ އެންމެ ފާހަގަކޮށްލެވޭ އެއް ލަވަ އެވެ.

އަޒުމަތު ވަނީ ލަވައިގެ ދާއިރާއިން ގިނަ އެވޯޑުތަކެއްވެސް ހޯދާފަ އެވެ.