ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ހުކުރު ދުވަހުގެ ރޭ ރައީސް ވަހީދުގެ ބަޔޮގްރަފީ ނެރެނީ

Nov 20, 2016
3

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބަޔޮގްރަފީ، އަންނަ ހުކުރު ދުވަހުގެރޭ ނެރެން ނިންމައިފި އެވެ. މިއީ އެމަނިކުފާނުގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެވިގެން ނެރޭ މިފަދަ ފުރަތަމަ ފޮތެވެ.

ރައީސް ވަހީދުގެ އޮފީހުން ބުނީ ނޫސްވެރިޔާ މުހައްމަދު ޖަމީލް ލިޔުއްވާފައިވާ އެ ފޮތް އަންނަ ހުކުރު ދުވަހުގެ ރޭ ނެރޭނީ ހޮޓެލް ޖެންގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށާއި 347 ސޮފުހާގެ އެ ފޮތުގެ ހާޑް ކަަަވަރުގެ ކޮޕީ އާއި ސޮފްޓް ކަވަރުގެ ކޮޕީ ވެސް އެރޭ ނެރޭނެ ކަމަށެވެ.

ޖަމީލް ލިޔުއްވާފައިވާ ރައީސް ވަހީދުގެ ބަޔޮގްރަފީގައި އެމަނިކުފާނުގެ ތުއްޕުޅު އަދި ޒުވާން ދުވަސްވަރުގެ ދިރިއުޅުއްވުމާއި ތައުލީމީ ހަޔާތާއި ޒާތީ ދިރިއުޅުއްވުމާއި ސިޔާސީ ހަޔާތުގެ ހުރިހާ ދިމާއެއްގެ އިތުރުން އެމަނިކުފާނު ރާއްޖޭގެ ނައިބު ރައީސް ކަމާއި ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން ނިންމަވަން ޖެހިވަޑައިގެންނެވި މުހިންމު ހުރިހާ ކަމެއްގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.

މީގެ އިތުރުން ރައީސް ވަހީދުގެ އަރިހުގައި މަސައްތަކަތް ކުރެއްވި ބޭބޭފުޅުންނާއި އެމަނިކުފާނުގެ ރަހުމަތްތެރިންނާއި ސިޔާސީ ވާދަވެރިން އެމަނިކުފާނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތައް މި ބަޔަގްރަފީގައި ހިމަނާފައިވާއިރު ރައީސް ވަހީދާ ގުޅިގެން މިހާތަނަށް އަދި ސާފުވެފައި ނުވާ ވަރަށް ގިނަ އާ ވާހަކަތައް މި ފޮތުން ތިލަވެގެން އަންނާނެ އެވެ.

ފޮތް ލިޔުއްވި ނޫސްވެރިޔާއަކީ މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު އަމީނު ދީދީގެ ހަޔާތްޕުޅުގެ މައްޗަށް "އޯކިޑު" ގެ ނަމުގައި ވެސް ފޮތެއް ލިޔުއްވާފައިވާ ނޫސްވެރިއެއް އަދި ލިޔުންތެރި އެވެ. ޖަމީލަކީ މިހާރުވެސް ޕަބްލިކް ސާވިސް މީޑިއާގެ އެގްޒެކްޓިވް އެޑިޓަރެވެ.

މެލޭޝިޔާގައި ޗާޕްކޮށްފައިވާ މި ބަޔަގްރަފީގެ ހާޑްކަވަރު ކޮޕީއެއްގެ އަގަކީ 300ރ. އެވެ. ސޮފްޓް ކޮޕީއެއްގެ އަކީ 200 ރ. އެވެ.