ރާއްޖެ ކުޅިވަރު

އަމާޒަކީ ގައުމީ ކުޅިވަރު ކަލަންޑަރުގައި ބަށި ހިމެނުން: ޝަހީރު

Nov 20, 2016

ޔޫތު މިނިސްޓްރީއާ ގުޅިގެން ބަށިބޯޅައިގެ ގައުމީ މުބާރާތެއް ގައުމީ ކުޅިވަރު ކަލަންޑަރުގައި ހިމެނުމަކީ އެސްޓީއޯގެ ވަރަށް ބޮޑު އަމާޒެއް ކަމަށް އެސްޓީއޯ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ބަށިބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީރު ވިދާޅުވީ ބަށިބޯޅަ ވަރަށް ބޮޑަށް ވަޅު ޖެހިފައިވަނިކޮށް އެސްޓީއޯއިން މީގެ ދެތިން އަހަރު ކުރިން ފެށި މުބާރާތުން ޒަމާނީ ބަށިބޯޅައިގެ ފޯރި މުޅި ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށެވެ.

"މިހާރު މި މުބާރަތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބަށިބޯޅަ މުބާރަތަކީ އެސްޓީއޯގެ ބަށި މުބާރާތް އަދި މިއީ އެންމެ ބޮޑު އިނާމުވެސް ލިބޭ ބަށި މުބާރާތް ވެސްމެ،" ޝަހީރު ވިދާޅުވި އެވެ.

މުބާރާތް ހުޅުއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެވުމުގެ ގޮތުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ރާއްޖޭގެ ޒަމާނުންސުރެ ކުޅެމުންދާ ކުޅިވަރުކަށް ބަށިބޯޅަ ވުމާއެކު އެކުޅިވަރުތަރައްގީ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

މިއަދު ފެށި އެސޓީއޯ ބަށިބޯޅާ މުބާރާތުގައި 16 ޓީމަކުން ވާދަކުރެ އެވެ. މުބާރާތް ކުރިއަށް ކުރިއަށް ގެންދަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކްއާޓާ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.