ރާއްޖެ ކުޅިވަރު

ގައުމީ ކޯޗަކަށް އަލުން ސްޓުވާޓް ގެނައުމުގެ ފުރުސަތު ބޮޑު

Nov 21, 2016
1

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކުރިންވެސް ކުރި އޮސްޓްރޭލިއާގެ ޑަރެން ސްޓުވާޓް ގެނައުމުގެ ފުރުސަތު ބޮޑުކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ސްޓުވާޓް ފުރަތަމަ ހަމަޖެއްސީ މިއަހަރު އޯގަސްޓް މަހު އެފްއޭއެމްގެ ކުރީގެ އެކްސްކޯގެ ދައުރުގަ އެވެ.

އޭރު ސްޓުވާޓް ކޯޗަކަށް ހަމަޖެއްސި ނަމަވެސް އޭނާއާއެކު ރަސްމީ ކޮންޓްރެކްޓެއް ހަދާފައެއް ނުވެ އެވެ. އަނގަބަހުން އެއް ބަސްވެފައިވަނީ ތިން މަސް ދުވަހަށެވެ.

ބައްސާމް ވިދާޅުވީ ކޯޗަކު ހަމަޖެއްސުމުގައި އެފްއޭއެމްގެ ކަމާބެހޭ ކޮމިޓީގައި މަޝްވަރާ ކުރާނެ ކަމަށާއި ސްޓުވާޓް ވެސް އިންތިޒާރު ކޮށްގެން ހުރީ އެފްއޭއެމްގެ އިންތިހާބަށްފަހު ދެން ނިންމާނެ ގޮތަކަށް ކަމަށެވެ.

"ގިނަ ބަޔަކު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކޯޗް ހަވާލުވި ކުރު މުއްދަތުގައިވެސް ކުރި މަސައްކަތް. އެކަން ފުޓްބޯޅައިގެ ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ." ބައްސާމް ވިދާޅުވި އެވެ.

ސްޓުވާޓްގެ ކޯޗް ކަމުގެ ދަށުގައި ރާއްޖެ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް މެޗް ނިމުނީ އެއް ވަރު ވެގެންނެވެ. އެ މެޗު ތަކުގައި ރާއްޖެއިން 10 ލަނޑު ޖެހިއިރު ރާއްޖެ ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.