ލައިފްސްޓައިލް

ދަރިއަކު ހޯދަން މުސްކުޅި އުމުރެއް އޮވޭތަ؟

Nov 21, 2016

ނުވަތަ ސުވާލަކަށް ވާން ޖެހެނީ، ދަރިއަކު ހޯދަން ވަކި ހާއްސަ އުމުރެއް ކަނޑައެޅިފައިވޭތޯ އާއި ވާ ނަމަ އެ އުމުރަކީ ކޮބައިތޯ އެވެ؟

ދެބައި އުމުރަށް ގޮސްފައިވާ އަންހެނަކު ނުވަތަ އުމުރުން ދުވަސްވެފައިވާ އަންހެނަކު ބަލިވެ އިނދެއްޖެ ނަމަ އެ މީހަކަށް މިއަދު ވެސް ދުނިޔޭގެ އެންމެ ފަލަ ސުރުހީތަކުން ސަމާލުކަން ލިބިގެންދެ އެވެ. ނުވަތަ އުމުރުން 30 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ އަންހެނަކު ސިއްހީ މައްސަލައެއް ނެތި، ދަރިއަކު ނުހޯދައި އުޅުމަކީ ވެސް އެ މީހަކަށް މީހުންގެ ސަމާލުކަން ލިބިގެންދާ ކަމެކެވެ.

އެކަމަކު ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ނުވަތަ ފެންނަ މަންޒަރުތަކަށް ބަލާއިރު ދަރިން ހޯދުމަށް އަންހެނުން ބޭނުންވާ އުމުރު މައްޗަށް ޖެއްސުމުގެ ފޯރިއެއް މިހާރު އޮތީ ވަކިން ގަދަވެފަ އެވެ. ޒަމާނަށް އައިސްފައިވާ ކުރިއެރުމާއި ޓެކްނޮލޮޖީގެ ފަސޭހަތަކާ އެކު އަންހެން މީހާގެ ބިސް، ފިނިކޮށް ރައްކާކޮށްގެން، އެ ބިސް ބޭނުންކޮށްގެން ފަހުން ދަރިއަކު ހޯދުމުގެ މިނިވަންކަމާއި ޒަމާނީ ފަސޭހަ ވެސް އޮތްއިރު ކުދިން ހޯދަން ބައެއް މީހުން ބޭނުންވާ އުމުރު 60 އަށް ވުރެ މައްޗަށް ވެސް އަރައިގެން ގޮސްފައި އެބަހުއްޓެވެ.

މިސާލަކަށް އިނގިރޭސި ވިލާތަށް ބަލާ ނަމަ، އެގައުމުގައި ދަރިއަކަށް ބަލިވެއިން އެންމެ މުސްކުޅި އަންހެނާގެ އުމުރަކީ 66 އަހަރެވެ.

އަންހެނުން ދަރިން ހޯދަން ބޭނުންވާ އުމުރު ޗާޓުން މައްޗަށް ޖައްސަމުން އަންނައިރު ވަރަށް ގިނަ މީހުން މިއަދު ކުދިން ހޯދަން ބޭނުންވަނީ ކޮންމެވެސް ދާއިރާއަކުން ކިޔަވައި ނިމިގެން އާމްދަނީގެ ގޮތުން ވެސް ރަނގަޅަށް ހަމަޖެހިލުމަށް ފަހު އެވެ. ނުވަތަ ވަޒީފާ އިން ރިޓަޔާކޮށް ދަރިންނާ އެކު ދުވަހުގެ ހުރިހާ ވަގުތެއްގައި އުޅެވޭނެ ފަދަ މާހައުލަކަށް އިންތިޒާރުކުރާ މީހުން ވެސް ވަރަށް ގިނަ އެވެ.

ނަމަވެސް ތަޖުރިބާކާރުން ލަފާ ދެނީ މިގޮތަށް މަޑުނުކޮށް ނުވަތަ ބިސް ފިނިކޮށް ފަހަށް ރައްކާކުރުމުގެ ބަދަލުގައި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށެވެ. ސަބަބަކީ އުމުރު މަތިވަމުންދާ ވަރަކަށް، ދަރިން ހޯދުމުގެ ގާބިލުކަމުގައި އަންހެނުންނަށް ތަފާތު އެކި މައްސަލަތައް އިތުރުވާ ކަމަށް ސިއްހީ ދިރާސާތަކުން އެނގިފައިވާތީ އެވެ.

ދުނިޔޭގެ އެންމެ މުސްކުޅި އެކަމަކު އަލަތު މަންމައިން

ބައެއް އަންހެނުން އެމީހުންގެ ފުރާވަރުގައި ވެސް މަންމައިންނަށް ބަދަލުވެފައި އެބަހުއްޓެވެ. އަނެއް ބައި އަންހެނުން އަލަތު މަންމައިންނަށް ވެގެން ދަނީ ވިހި ފަންސަވީހުގަ އެވެ. އަދި ވަރަށް ގިނަ މީހުންގެ ވިސްނުމުގައި، 30 އަހަރުން މައްޗަށް ދިއުމަށް ފަހު ކުދިން ހޯދުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އަދި ކުދިން ލިބުމަކީ ވެސް އުނދަގޫ ކަމެކެވެ.

ނަމަވެސް 50 އަހަރުން މައްޗަށް ގޮސް ދަރިމައިވުމުގެ ފުރުސަތު ގެއްލިފައިވާ އެތައް އަންހެނަކު ފާއިތުވި އަހަރުތަކުގައި ބަލިވެ އިނދެ ވިހައިފައިވެ އެވެ. އެގޮތުން ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ މުސްކުޅި އުމުރުގައި އަލަތު ދަރިފުޅަށް ބަލިވެ އިނީ އިންޑިއާގެ އަންހެނެކެވެ. ޑަލިންޖާ ކައޫރް ނަމަކަށް ކިޔާ މި އަންހެން މީހާ ބަލިވެއިނދެ ވިހެއީ 72 އަހަރުގަ އެވެ. އެއީ މި އަހަރުގެ އެޕްރީލް މަހު އެވެ.

އިނގިރޭސި ވިލާތާއި ޔުކްރެއިން އަދި ރޮމޭނިއާ އަށް ބަލާއިރު 66 އަހަރުގައި އަލަތު ދަރިފުޅަށް ބަލިވެ އިން އަންހެނުން އެބަ ތިއްބެވެ. އިޒްރޭލުގައި އަލަތު ދަރިފުޅަށް މީހަކު ބަލިވެ އިން އެންމެ މުސްކުޅި އުމުރަކީ 65 އަހަރެވެ.

އަލަތު ދަރިފުޅަށް ބަލިވެ އިންނަ އެންމެ މުސްކުޅި އުމުރު ބާއްވާލާފައި، އެންމެ އާންމު ނުވަތަ އެންމެ ގިނަ ގައުމުތަކުގައި އެވްރެޖު އުމުރަށް ބަލަނީ ނަމަ އެ އުމުރަކީ 27 އަހަރެވެ. ޔޫރަޕަށް ބަލާ ނަމަ ގިނަ ގައުމުތަކުގައި އަންހެނުން އަލަތު ދަރިފުޅު ހޯދާ އުމުރަކީ 27 އަހަރު ނުވަތަ 28 އަހަރެވެ.

އޭޝިއާ އިން ދެކުނު ކޮރެއާ އާއި ޖަޕާން އަދި އޮސްޓްރޭލިއާ އަށް ބަލާއިރު އެވްރެޖު އުމުރަކީ 30 އަހަރެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަލަތު ދަރިފުޅަށް ބަލިވެ އިންނަ އާންމު އުމުރު އުޅެނީ 18 އަހަރާއި 30 އަހަރާ ދެމެދުގަ އެވެ.

އެންމެ ޒުވާން އުމުރުގައި ކުދިން ހޯދާ މީހުން ގިނައީ ފަގީރު ގައުމުތަކުގަ އެވެ. އެގޮތުން ބަންގްލާދޭޝް އާއި އެންގޯލާ އަދި މާލީ ޔޫގެންޑާ ފަދަ ގައުމުތަކުގައި 18 އަހަރު ފުރޭ އަންހެން ކުއްޖާ އަކީ އާންމުކޮށް މަންމައެކެވެ.

އުމުރުން ދުވަސްވަންދެން މަޑުކުރާނެ ކަމެއް ނެތް

ޒަމާނީ ކުރިއެރުންތަކާއި ހޯދުންތަކާއި ފަސޭހަ އަށް ބަލާއިރު އުމުރުން 25 އަހަރުގައި އަންހެން މީހާގެ ބިސް ނެގުމަށް ފަހު ފިނިކޮށް ރައްކާތެރިކަން މަތީގައި، އެއްވެސް ގެއްލުމެއް ނުލިބޭ ފަދަ ގޮތަކަށް އެ ތާޒާކަމުގައި ދެމެހެއްޓިދާނެ އެވެ. އަދި ދަރިއަކު ހޯދާ ހިތްވުމުން، ކިތަންމެ މުސްކުޅިވެފައި ހުއްޓަސް އެ ބިސް ބޭނުންކުރުމުން އެނބުރި ދާނީ 25 އަހަރުގެ ތާޒާ ކަމަށެވެ.

ނަމަވެސް މިގޮތަސް ބިސް ފިނިކޮށް ރައްކާކުރުމަކީ ތަޖުރިބާކާރުން އެހާ ހިތްވަރު ދޭ ކަމެއް ނޫނެވެ. ސަބަބަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

އަންހެނުން އުފަންވާއިރު ކޮންމެ އަންހެނަކަށް ވެސް ވަނީ ވަކި މިންވަރަކަށް ބިސް އުފެއްދުމުގެ ގާބިލުކަން ލިބި ނިމިފަ އެވެ. އުމުރުގެ ދުވަސްތައް ހޭދަވަމުންދާ ގޮތަކަށް އާ ބިސްތަކެއް އުފެއްދުމުގެ ގާބިލުކަމެއް ނުލިބެ އެވެ. ނަތީޖާއެއްގެ ގޮތުން އުމުރުން ދުވަސްވާ ވަރަކަށް، މި ބިސްތަކުގެ ކޮލިޓީ ވެއްޓި މަދުވާން ފަށަ އެވެ. އަންހެން މީހާގެ އުމުރުން 30 އަހަރުވާއިރު ބާކީ ހުންނަނީ ބިހުގެ 12 ޕަސެންޓެވެ.

މީގެ އިތުރުން އަންހެނުން ފުރާފުރިހަމަވެ، އުމުރުން މަައްޗަށް ދިއުމަކީ ބިހުގެ ކޮލިޓީ ދަށްވެ، ބައިގެން ދިއުމުގެ ފުރުސަތު ވެސް ބޮޑުވާ ކަމެކެވެ.