ވިޔަފާރި

ރާއްޖޭގެ ފުރަތަމަ އިންވެސްޓްމެންޓް ފަންޑް ރަޖިސްޓްރީކޮށްދީފި

ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިންވެސްޓްކޮށްދޭ ފުރަތަމަ އިންވެސްޓްމެންޓް ފަންޑުގެ ގޮތުގައި، "ވޯޓާ ކްރެސް ގްރޯތު ފަންޑް ޕްރައިވެޓް ލިމިޓެޑް" ރަޖިސްޓަރީކޮށްދީފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުންޏާ ރަޖިސްޓްރޭޝަން ހަވާލުކޮށްދެއްވީ ސީއެމްޑީއޭގެ ޗެއާމަން އަހުމަދު ނަސީރެވެ.

އިންވެސްޓްމަންޓް ފަންޑަކީ، ފަންޑުގެ ބައިވެރިންގެ އަތުން ނެގޭ ސަބްސްކްރިޕްޝަން ފީ، އިން ބޭންކް ޑިޕޮސިޓް އަދި އެހެން ވެސް މުދަލެއްގައި އިންވެސްޓުކޮށް، އެއިން ލިބޭ ފައިދާ އިން މާލީ ނަފާތައް ލިބޭ އެކި އިގްތިސާދީ އަދި މާލީ ކަންކަމުގައި ބައިވެރިވެގެން ފަންޑްގައި ހިމެނޭ ފަރާތްތަކަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށް ގާއިމުކުރެވޭ ގާނޫނީ ސަހުސެކެވެ.

މި ފަންޑު ރަޖިސްޓްރޭޝަން ތައާރަފްކުުރުމުގެ މައިގަނޑު މަގްސަދަކީ ސީއެމްޑީއޭ އިން ބުނި ގޮތުގައި ރާއްޖޭގައި ގާއިމްކުރެވޭ އިންވެސްޓްމަންޓް ފަންޑްތަކަކީ އާންމުން އިތުބާރުކުރާ ފަންޑުތަކަކަށް ހެދުުމެވެ. އަދި ކުރިމަގުގައި މިފަދަ ފަންޑުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތު އާންމުނަށް ހުޅުވާލުމާއި، ހަރުދަނާ ނިޒާމެއްގެ ދަށުން ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބައިވެރިވާ އިންވެސްޓަރުން އިތުރުކުރުމާއި، ފައިސާ ހޯދުމަށް މާކެޓުގައި ހުރި ފުރުސަތުތައް އިތުރުކުރުމަކީ މަގުސަދެއް ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.

ސީއެމްޑީއޭ އިން އަދި ބުނި ގޮތުގައި، އިންވެސްޓްމަންޓް ފަންޑުތަކަކީ ރާއްޖެއަށް ވަރަށް ބީރައްޓެހި އެއްޗެއް ނަމަވެސް މުސްތަގުބަލުގައި އޭގެ ފައިދާ ކުރާނެ އެވެ. ރާއްޖޭގެ ވިޔަފާރިވެރިން އިންވެސްޓުކުުރުމަށް ފައިސާ ހޯދަނީ ހަމައެކަނި ބޭންކުތައް މެދުވެރިކޮށް ކަމަށާއި ކެޕިޓަލް މާކެޓްގެ ޒަރިއްޔާއިންނާއި އަދި ބޮންޑު ވިއްކައިގެން ވިޔަފާރިތަކަށް އިންވެސްޓުކުރުމަށް ރާއްޖެ އަދި ބީރަށްޓެހިކަން ވެސް ސީއެމްޑީއޭއިން ފާހަގަ ކުރެ އެވެ.

"އަޅުގަނޑުމެންނަށް ފެނޭ ބޮޑެތި ވިޔަފާރިވެރިން ކުދި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭތަން. އިންވެސްޓްމަންޓް ފަންޑުގެ ދަށުން އެކަން ރަސްމީ ސިފައެއްގައި ކުރުމަށް ފުރުސަތު މި ލިބެނީ. މި ފަންޑަކީ އަލަށް ފަށާ ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް." ސީއެމްޑީއޭގެ ޗެއާ ނަސީރު ވިދާޅުވި އެވެ.

ފަންޑް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ފަންޑެއް ހިންގޭނީ، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނާޝިޕަކަށެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ފަންޑަކުން، ފަންޑަށް ސަބްސްކްރައިބްކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލެވޭނީ، ޕަބްލިކް ކުންފުންޏަކަށް ނުވަތަ 10 ޕާޓްނަރުންނަށް ވުރެ ގިނަ ޕާޓްނަރުން ހިމެނޭ ޕާޓްނަރޝިޕްތަކަށެވެ.

ވޯޓާ ކްރެސް ގްރޯތު ފަންޑް ޕްރައިވެޓް ލިމިޓެޑް އިން ބުނީ މިއަދު ރަޖިސްޓްރީ ކުރި ފަންޑަކީ ބޭރުގެ އިންވެސްޓަރުންނަށް ޓާގެޓުކޮށްގެން ރަޖިސްޓާ ކުރެވުނު ޕްރައިވެޓް އިކުއިޓީ ފަންޑެއް ނަމަވެސް މިފަންޑުން އާންމުކޮށް ހިއްސާވިއްކައިގެން އާންމުންގެ ބައިވެރިވުން ލިބޭކަހަލަ ފަންޑުތަކެއް ތައާރަފްކުރާނެ ކަމަށެވެ. އަދި ފުރަތަމަ ހުޅުވާލާ ފަންޑަކީ ރާއްޖޭގެ ފައިދާހުރި އިންޑަސްޓްރީތަކަށް އިންވެސްޓްމެންޓްތައް ކުރާނެ ފަންޑެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކަމަކީ ރާއްޖެއަށް އިގްތިސޯދަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފައިދާވާނެ ކަމެއް ކަމަށް ވޯޓާ ކްރެސް އިން ފާހަގަ ކުރެ އެވެ.