ރާއްޖެ ކުޅިވަރު

ބަލިވިޔަސް ދެގޮތެއްނުވެ ޓޮމް ދިވެހި ފުޓްބޯޅައާ އެކު

Nov 21, 2016

އެފްއޭއެމްގެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް ފުޓްބޯޅަ އަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް އެފްއޭއެމްގެ ކުރިގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ރައީސްކަން ތޯރިގް ކުރެއްވީ ގާތްގަނޑަކަށް ތިން މަސް ދުވަހުއެވެ. ނަމަވެސް އިންތިހާބަކަށް ދާން ޖެހުނީ އޭނާގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ އެކްސްކޯގެ ފަސް މެންބަރުން އިސްތިއުފަދީ ރައީސް ކަމުގެ ބާރު ގެއްލުމުންނެވެ.

އިއްޔެ ބޭއްވި އިންތިހާބު މިހާރުގެ ރައީސް ބައްސާމް ކާމިޔާބު ކުރެއްވީ ތޯރިގްއާ ވާދަ ކުރައްވައި ތިން ވޯޓްގެ ތަފާތުންނެވެ. ބައްސާމް އަށް 14 ވޯޓް ލިބިވަޑައިގެންނެވިއިރު ތޯރިގަށް ލިބުނީ 11 ވޯޓެވެ.

ތޯރިގް ވިދާޅުވީ އިންތިހާބުގައި އޭނާ އަށް އެއްބާރުލުން ދެއްވި ބޭފުޅުންނާއި އިންތިހާބުގައި ވޯޓް ދެއްވި ކުލަބުތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"ދިވެހި ފުޓްބޯޅަ އަށް ހިދުމަތް ކުރުމުގައި އަދިވެސް ދެމިހުންނާނަން." ތޯރިގް އޭނާގެ ފޭސްބުކްގައި ވިދާޅުވެފައިވެއެވެ.