ޕްރެޒިޑެންޓް ކަޕްގެ ގުރޫޕް އެކެއްގައި ނިއުރޭޑިއަންޓްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ޓީސީ ފުޓްބޯޅަ ކުލަބު ސެމީ ފައިނަލަށް ދަތުރު ކުރިއިރު ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކުލަބު ނިއުރޭޑިއަންޓް ހުސްއަތާ ސީޒަން ނިންމާލައިފި އެވެ.
މިއީ 2011 ވަނަ އަހަރުގެ ފަހުން އެޓީމުން ހުސްއަތާ ނިންމާލި ފުރަތަމަ ސީޒަނެވެ. މިދިޔަ ފަސް އަހަރަށް ވުރެ ބަލިކަށިކޮށް ފެނުނު ނިއު ވަނީ މިއަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ ފަސް ވަނަ ހޯދައި އެފްއޭ ކަޕްގެ ތިން ވަނަ ހޯދާފަ އެވެ.
ޓީސީ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައިރު ގުރޫޕް އެކެއްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދީ ކުލަބު އީގަލްސް އެވެ. އެޓީމަށް އެއް ވަނަ ލިބުނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރުމުންނެވެ.
ސެމީ ފައިނަލްގައި ޓީސީ އާއި އީގަލްސް ބައްދަލު ކުރާން ޖެހޭނީ ޔުނައިޓަޑް ވިކްޓްރީ އާއި މާޒިޔާ އެވެ. މިރޭ މި ދެޓީމު ކުޅޭ މެޗުން ގުރޫޕްގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމު ކަށަވަރުވެގެންދާނެ އެވެ. އީގަލްސް ވާދަ ކުރާނީ ގުރޫޕް ދޭއް ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. ޓީސީ ވާދަ ކުރާނީ ގުރޫޕްގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ޓީސީގެ ފުރަތަމަ ލަނޑު މެޗް ފެށިގެން ހަތަރު ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނާއިޒު ހަސަން (ދާދު) އެވެ. ދެ ވަނަ ލަނޑު 23 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ނިޒާމްއެވެ. ތިން ވަނަ ލަނޑު 37 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ވަހީދު ހަސަންއެވެ.
ހަތަރު ވަނަ ލަނޑު 72 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ ފާސިރު ސެންޓޭ އެވެ.