ޕްރެޒިޑެންޓް ކަޕްގައި ޔުނައިޓަޑް ވިކްޓްރީ ކޮޅަށް ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ހެދި ހެޓްރިކާއެކު 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި ގުރޫޕް ދޭއް ގެ އެއް ވަނަ ޓީމުގެ ގޮތުގައި މާޒިޔާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މާޒިޔާއިން ޖެހި އަށް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ އަސައްކޮ އެވެ. ރޭގެ މެޗްގައި އަސައްކޮ ކާމިޔާބު ކުރި ހަތަރު ލަނޑާއެކު އޭނާ ވަނީ ލަނޑު ލިސްޓްގެ ކުރީގައި އޮތް ޓީސީގެ އަލީ ފާސިރު ސެންޓޭއާ ދެ ލަނޑަށް ގާތްކޮށްފަ އެވެ. ސެންޓޭ މިހާތަނަށް ކާމިޔާބު ކޮށްފައިވަނީ 34 ލަނޑެވެ. އަސައްކޮ ޖަހަފައިވަނީ 32 ލަނޑެވެ.
ގުރޫޕްގެ އެއް ވަނައިގައި މާޒިޔާ ސެމީ އަށް ދަތުރު ކުރުމުން ސެމީ ފައިނަލުގައި އެޓީމު ވާދަ ކުރަން ޖެހޭނީ ގުރޫޕް އެކެއްގެ ދެވަނަ ޓީމު ޓީސީ އާ ދެކޮޅަށެވެ. ޔޫވީ ބައްދަލު ކުރާނީ ގުރޫޕް އެކެއްގެ އެއް ވަނަ ޓީމު އީގަލްސްއާ ދެކޮޅަށެވެ.
މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްގައި ފުރަތަމަ ލަނޑު މެޗް ފެށިގެން ހަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ދެ ވަނަ ލަނޑު 14 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަސައްކޮ އެވެ. މިނެޓްފަހުން އަސައްކޮ ވަނީ މާޒިޔާގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖަހައި އަސައްކޮ ހެޓްރިކް ހެދީ މެޗްގެ 29 ވަނަ މިނެޓްގަ އެވެ. މާޒިޔާގެ ފަސް ވަނަ ލަނޑު 34 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު އިރުފާން (އިރޭ) އެވެ.
އެ ނަތީޖާއިން ފުރަތަމަ ހާފު ނިމުނުއިރު ހަ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓްގައި އަސައްކޮއެވެ. އެ ލަނޑަށް ފަހު ދަގަނޑޭ އާއި އަސައްކޮއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެން ގޮސްފައެވެ. ނަމަވެސް ގޯލްގެ ލައިން ހުރަސްކޮށް ބޯޅަ ފޮނުވާލެވިފައެއް ނުވެއެވެ.
ހަތް ވަނަ ލަނޑު ދަގަނޑޭ ކާމިޔާބު ކުރީ މެޗްގެ 70 ވަނަ މިނެޓް ގައެވެ. އޭގެ މިނެޓްފަހުން އަށް ވަނަ ލަނޑު ކާމިޔާބު ކުރީ މުހައްމަދު އުމޭރެވެ.
މިއި މިސީޒަންގައި ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. ސީޒަންގައި ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ޔުނައިޓަޑް ވިކްޓްރީގެ ފަރާތުން މިރޭގެ މެޗްގައި ފެނިގެން ދިޔައީ މެޗް ފަސޭހަ ކޮށްލައިގެން ކުޅުނު ތަނެވެ.