ރާއްޖެ ކުޅިވަރު

އެފްއޭއެމްގެ އާ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުން ދިވެހިންނަށް

Nov 22, 2016
3

މި އަހަރު މެއި މަހު 31 ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބަށް ފަހު އޭރު ރައީސް ކަމަށް ވަޑައިގެންނެވި އަހްމަދު ތޯރިގް (ޓޮމް) އެންމެ ބޮޑު އިސްކަމެއް ދެއްވީ އެފްއޭއެމްގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށެވެ.

އެ ސްޓެރެޓެޖިކް ޕްލޭން އެކުލަވާލުމަށް ބައިނަލްއަގްވާމީ ކުންފުންޏަކާ ވެސް ހަވާލުކުރި އެވެ. އޭރު ޓޮމް ވިދާޅުވީ އެ ކުންފުންޏަކީ ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ އިތުރުން ބައިނަލްއަގްވާމީ ބައެއް އެހެން ކުޅިވަރު އެސޯސިއޭޝަންތަކުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައިފައިވާ ކުންފުންޏެއް ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބަށް ފަހު މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ އާ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި މިފަހަރު ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާނީ ދިވެހިން ކަމަށެވެ.

ޓޮމްގެ ދައުރުގައި ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަތުމަށް އޭސީ މިލާންގެ ކުރީގެ އެސިސްޓެންޓް ކޯޗް ޖެންގްސް ބެންގްސްބޯ ވެސް ގެނެސް ޕްލޭންތަކެއް އެކުލަވާލާފައެވެ.

ބައިނަލްއަގްވާމީ ފަރާތްތަކާ ސްޓެރެޓެޖިކް ޕްލޭނެއް އެކުލަވާލަން ކުރިން ހަވާލު ކޮށްފައިވާއިރު އެ ޕްލޭންއަށް އިންތިޒާރު ނުކޮށް އާ ސްޓްރެޓެޖިކް ޕްލޭނަކަށް ދިޔަ ސަބަބާ ބެހޭގޮތުން ބައްސާމް ވިދާޅުވީ ރާއްޖޭގެ ޕްލޭނަކީ ކޮބައިކަން އެނގޭނީ ދިވެހިންނަށް ކަމަށާއި އަދި ފީފާގެ ވިސްނުމަކީވެސް އެއީ ކަމަށެވެ. އަދި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައި ފުޓްބޯޅައިގެ ކޮމިޔުނިޓީގެ ބައިވެރިވުން ހޯއްދަވާނެ ކަމަށެވެ.

"ފީފާއިން ވެސް އަޅުގަނޑުމެންނަށް އިރުޝާދު ދީފައި އޮތީ ދިވެހިންގެ މިހާރު އޮތް ހާލަތު ދެނެގަނެ ރާއްޖެއަށް ބޭނުންވާ ޕްލޭނެއް ހަދަން އެނގޭނީ ދިވެހިންނަށް ކަމަށް،" ބައްސާމް ވިދާޅުވިއެވެ.