އެލައިޑް އިންޝިއުރެންސް ގައުމީ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެ ވަނަ މެޗްގައި އެންމެ ފަހުގެ ޗެމްޕިއަން ސިފައިންގެ ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ ކުޅުނު މެޗުގެ މޯލްޑިވިއަން ކާމިޔާބު ކުރީ 3-2 ސެޓުންނެވެ. ފުރަތަމަ ދެ ސެޓްވެސް މޯލްޑިވިއަން ކާމިޔާބު ކުރީ 25-21 ން ނެވެ. ތިން ވަނަ ސެޓް ފޯރިގަދަ ކުޅުމަކަށް ފަހު ޑީއެސްސީ ކާމިޔާބު ކުރީ 27-25 ން ނެވެ. އަދި އަނެއް ސެޓް 25-23 ން ނެވެ. މޯލްޑިވިއަން މެޗުން މޮޅުވި ސެޓް ކާމިޔާބު ކުރީ 17-15 ން ނެވެ.
ދެ ވަނަ ސެމީ ފައިނަލް މެޗުން ބަލިވި ނަމަވެސް ޑީއެސްސީއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ. އެއީ ސެމީ ފައިނަލް ތިން ވަނަ މެޗްގައި ޕޮލިހާ ދެކޮޅަށް ކުޅޭ މެޗު ގައެވެ.
ޕޮލިސް ތިން ވަނަ ސެމީއަށް އަށް ދަތުރު ކުރީ ފުރަތަމަ ސެމީ ފައިނަލް މެޗްގައި ސްޓެލްކޯގ މައްޗަށްެ ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ.
އަންހެން މުބާރާތުގެ ފައިނަލަށް މިސްކިތް މަގު
އަލްމުދިޝް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ފުވައްމުލަކު މިސްކިތް މަގު އެންމެެންގެ ގުޅުން ވަނީ ދަތުރުކޮށްފަ އެވެ.
މިސްކިތް މަގު ފައިނަލަށް ދަތުރު ކުރީ މޯލްޑިވިއަންއާ ދެކޮޅަށް އިއްޔަ ހަވިރު ކުޅުނު މެޗް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިގެންނެވެ. މިސްކިތް މަގު ސެޓްތައް ކާމިޔާބު ކުރީ 25-20، 25-15، 25-17 ން ނެވެ.
އަންހެން މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ހޯދަން ވާދަ ކުރާނީ ސެމީ ފައިނަލް ފުރަތަމަ މެޗްގައި ފައިސްޑާ ބަލިކުރި އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބާއި މިސްކިތްމަގު އަތުން ބަލިވި މޯލްޑިވިއަންއެވެ.