ރާއްޖޭގައި ހިންގަމުން ދިޔަ ގޭންގުތަކުގެ މާރަމާރީތައް ކޮންޓްރޯލްކޮށް ވެށި އަމާން ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފާހަގަ ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީގައި ބޭއްވި ހަފްލާއަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަޒްލީން ވިދާޅުވީ ޒުވާނުންނަކީ އިހްތިރާމް ލިބޭ އަދި މަތީ މަގާމުތަކުގައި އުޅޭ ބަޔަކަށް ހެދުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ސަޕްލައިކޮށްދޭ ފަރާތްތައް ހުއްޓުވާ ޒުވާނުންނަށް ގިނަ ވަޒީފާތަކެއް ހޯދައިދިނުމުގެ އިތުރުން ކުދި ކުށްތައްކޮށްގެން މާފް ދެވޭ ހާލަތުގައި ތިބި ޒުވާނުން ވެސް މުޖުތަމައުގައި އިސްލާހުވެގެން އުޅުމުގެ ފުރުސަތު ދެނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިދާޅުވީ އޭގެ ސަބަބުން ރާއްޖެއަކީ ކުރިއާ ހިލާފަށް އަމާންތަނަކަށް ވެފައިވާ ކަމަށާއި މަގުމަތީ ހިނގާ ނުރައްކާތެރި ގޭންގު މާރަމާރީތައް ކާމިޔާބު ކަމާއެކު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
"މީގެ ކުރިން މަގުތަކަށް އޮތީ ވަރަށް ނާމާންކޮށް. ނަމަވެސް މިއަދު ބިތް ޖެހިފައި ތިބި ޒުވާނުންނެއް ނުފެނޭ. ކޮންމެ އަންހެން ބޭފުޅެއްގެ ޕާސް މަގުމަތިން ޖަހައިގަންނަ ތަނެއް ނުފެނޭ. މާރަމާރީއާ ގޭންގް ވައިލެންސް ހިންގާ ތަނެއް ނުފެނެ. އެހެންވެ އަމަން އަމާންކަން ގާއިމް ކުރުމަށްޓަކައި ސުލްހަ މަސްލަސް ކަމާއެކު ޕްރައިމެރީ މަސައްކަތް ވަރަށް ކާމިޔާބު ކުރެވިއްޖެ،" އަޒްލީން ވިދާޅުވި އެވެ.
އަޒްލީން އިތުރަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުން ފުޅަކީ ޒުވާނުން އިސްލާހުވުމާއެކު ވަޒީފާގެ ފުރުސަތު ދެއްވާ ގައުމު ތަރައްގީ ކުރުމުގެ މަސައްކަތުގައި ބައިވެރިކުރުވުން ކަމަށެވެ. އެގޮތުން ހޯމް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް 2018 ގެ ކުރިން ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގޭންގް މާރާމާރީތައް ހުއްޓުވަން މީގެ ކުރިން ވަނީ މޮނިކޮން އޯޑަރު ނެރެ ބައެއް މީހުންގެ ފައިގައި ޓެގް އަޅުވާފަ އެވެ.