ކުޅިވަރު

ސްކައި ސްޕޯޓްސް ތައާރަފްކުރުމަށް ރަސްފަންނުގައި ހަރަކާތެއް

މި އަންނަ ހޮނިހިރު ދުވަހަކީ ރާއްޖޭގެ ކުޅިވަރު ހަޔާތުގައި އަނެއްކާވެސް ތާރީހީ ދުވަހެކެވެ. ބައިނަލްއަގްވަމީ ފެނަވަރުގައި ވާދަވެރިކަން ބޮޑު މަގުބޫލު ކުޅިވަރެއް ކަމުގައިވާ ސްކައި ސްޕޯޓްސް ރާއްޖެއަށް ތާރަފުކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް އިންތިޒާމު ކުރެވޭ ދުވަހެވެ.

މާލޭގެ ހިތްގައިމު ރަސްފަންނު ސަރަހައްދުގައި ހޮނިހިރު ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ބައިނަލްއަގްވާމީ ހަތަރު ޕެރަގްލައިޑަރުން ނުވަތަ ޖައްވުގައި ޕެރަޝޫޓް އަޅައިގެން ހަރަކާތްތެރިވާ ހަތަރު އެތުލިޓުންގެ ހަރަކާތް ފެނިގެންދާނެއެވެ.

"ހަތަރު ވަރަކަށް އަހަރުވެއްޖެ މި އެސޯސިއޭޝަން އަޅުގަނޑުމެން އުފައްދައިގެން މަސައްކަތް ކުރާތާ ރާއްޖޭގައި އަދި ނުބޭއްވުނަސް އަޅުގަނޑުމެން ވާނީ ބައިނަލްއަގްވާމީ ފަރާތްތަކާއެކު މިކަމަށް މަސައްކަތްކޮށްފަ އަދި ރާއްޖޭގައި މި ކުޅިވަރަށް ހުއްދަ ލިބުނީ އުންމީދު ކުރަނީ އަޅުގަނޑުމެންގެ ޕާޓްނަރުންނާއެކު މި ހަރަކާތް ކާމިޔާބު ކުރެވޭނެ ކަމަށް،" ރާއްޖޭގެ ސްކައި ސްޕޯޓްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވިއެވެ.

ނަމަވެސް ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކަށަވަރުކޮށް، ސްކައި ސްޕޯޓްސް އެވަނީ ރާއްޖޭގައި އެ ކުޅިވަރުގެ އިފްތިތާހީ ހަރަކާތަށް ތައްޔާރުވެފައެވެ. ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެ އެސޮސިއޭޝަނަކާއެކު ހަރަކާތްތެރިވަނީ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ކަމަށްވާ 'ސްކައި ގައިސް' އެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމުގައި ހޮނިހިރު ދުވަހު ބާއްވާ ހަރަކާތުގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކައި ގައިސްގެ ފަރާތުން ވަނީ އެ ހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ހަދައިދޭނެ ކަމުގެ "ޔަގީންކަން" ދީފައެވެ.

ޖައްވުގައި ތަފާތު ގޮތްގޮތަށް އެނބުރި ޑައިވްކޮށް އާނމުންނަށް ޝައުގުވެރި ހަރަކާތަކަށް ހެދިއްޖެނަ ދެން އޮތީ އެ ކުޅިވަރު ރާއްޖޭގެ ގައުމީ އެސޯސިއޭޝަންގެ ގޮތުގައި ނަން ކުރުމެވެ. އަދި އެއަށްފަހު ރާއްޖޭގައިވެސް ސްކައި ސްޕޯޓްސްގެ މުބާރާތްތަކުގެ އިތުރުން މި ކުޅިވަރުގެ ރާއްޖޭގެ އެތުލީޓުންވެސް ބޭރުގެ މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

"އަޅުގަނޑުމެންގެ އުންމީދެއް މި އެސޯސިއޭޝަނަކީ ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް ހެދުން އެފުރުސަތު ލިބުން އެންމެ ގާތީވެސް އަޅުގަނޑުމެންގެ މި އެސޯސިއޭޝަނަށް،" ލަތީފު ވިދާޅުވިއެވެ.

ސްކައި ސްޕޯޓްސް އަކީ ކުޅިވަރެއްގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ހަރަކާތެއްވެސްމެއެވެ. ވިޔާފަރީގެ އުސޫލުން މިހަރާކާތް ރާއްޖޭގެ ރިސޯޓްތަކާއި ފަތުވެރިންގެ މަންޒިލުތަކުގައި ކުރިއަށް ގެންދިއުމަށް ސްކައި ސްޕޯޓްސް އެސޯސިއޭޝަނުން އޮތީ ތައްޔާރަށެވެ.