ތޯރިގު އިބްރާހިމް

ވަސީލަތްތައް ދެެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުން މުހިންމު: ތޯރިގު

Nov 22, 2016

ފަތުރުވެރި ކަމުގެ ތަކެތި ދެެމެހެއްޓެނވި ގޮތުގައި އުފައްދާ ބޭނުން ކުރުމަކީ ވަރަށް ބޭނުންތެރި އަދި ރާއްޖެއަށް މުހިންމު ކަމެއް ކަމަށް މިނިސްޓާ އޮފް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ތޯރިގު މިހެން ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) އާއި ގުޅިގެން ބޭއްވި ދެ ދުވަހުގެ ބައްދަލުވުމުގައި މިއަދު އެވެ. ކަސްޓަމް ބިލްޑިންގައި ފެށި އެ ބައްދަލުވުން އިފުތިތާހުކޮށް ދެއްވައި މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގައި ބޭނުންކުރާތަކެތި ޒިންމާދާރު ގޮތެއްގައި އުފައްދައި ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އުފެއްދުމާއި ބޭނުން ކުރުމަކީ ވެސް ދެމެހެއްޓެނިވި ގޮތުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކުގައި އުފައްދާ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭނެ ގޮތަކީ ކޮބައިކަން ބެލުމާއި ސަކެޕްގެ މެންބަރު ގައުމުތަކުގެ ޓޫރިޒަމް އިންޑަސްޓްރީގައި އެ މަސައްކަތް ކުރާގޮތުގެ ތަޖުރިބާ ހިއްސާކުރުން ވެސް މުހިންމު ކަމަށެވެ.

"ފަތުރުވެރިކަން އަޅުގަނޑުމެން ތަރައްގީ ކުރަންޖެހެނީ ދެމެހެއްޓެވި ގޮތެއްގައި. އުފެއްދުމާއި ބޭނުން ކުރުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެން ބޭނުން ކުރަންވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަދު ފެށި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އުފައްދައި ބޭނުންކުރާ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓާއި ރަށްޓެހިގޮތަށް ބޭނުންކުރުމާ ބެހޭ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ޝްރީލަންކާއިން ބައިވެރިވި އެވެ.