ހަބަރު

ހިތްގައިމު ކޮރެއާ ސްޓައިލްގެ އެޕާޓްމެންޓްތައް ރާއްޖެއަށް

ކޮރެއާގެ ލަކްޒަރީ އެޕާޓްމެންޓްތައް ހުންނަ ސްޓައިލަށް، އެ ފެންވަރުގައި ރާއްޖޭގައި އެޕާޓްމެންޓްތަކެއް އަޅަން ނިންމައި، އެ އެޕާޓްމެންޓުތައް ގަތުމުގެ ފުރުސަތު މިވަނީ ހުޅުވާލާފަ އެވެ. އަދި އެ އެޕާޓްމެންޓްތައް އިމާރާތް ކުރުމުގެ މަސައްކަތަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ހަގީގީ ލަގްޒަރީ ރާއްޖެ ގެނައުމުގެ މަގުސަދުގައި ހުޅުމާލޭ ސެންޓަރަލް ޕާކް ކައިރީގައި މި އެޕާޓްމެންޓްތައް ހިމެނޭ ބިޔަ އިމާރާތް އެޅުމަށް ހަވާލުކޮށްފައިވަނީ ނަލަ ހިޔާ ކޮންސްޓްރަކްޝަނާ އެވެ. އިމާރާތްތައް ދީފައިވަނީ ނަމަކީ "ކޭ ޕާކް ރެސިޑެންސް" އެވެ. މި އިމާރާތަކީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯދި އިންވެސްޓްމެންޓްގެ އިމާރާތެކެވެ. އިމާރާތުގެ މަސައްކަތްކުރަނީ ކޯދި އިންވެސްޓްމެންޓްގެ ޝެއާ ހޯޑާ ކުންފުންޏެއް ކަމަށްވާ ހަންބޯޓެކްއާއެކު އެވެ. އެއީ ކޮރެއާގެ މަޝްހޫރު ކުންފުންޏެކެވެ.

ސާދަ ބުރިއަށް ނަގައި މި އިމާރާތުގައި ޖުމްލަ 110 އެޕާޓްމެންޓް އަޅާނެ އެވެ. އެއީ، 15،00 އަކަފޫޓާއި 12 އަކަފޫޓާ ދެމެދުގެ އެޕާޓްމެންޓްތަކެވެ. އެއީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. އިމާރާތުގެ ބޮޑު މިނަކީ 21،000 އަކަފޫޓެވެ. މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް 11 ބުރިއެއްގައި އެޅުމަށް ނިންމާފައިވާއިރު ތިރީ ބުރި ހެދުމަށް ހަމަޖެހިފައިވަނީ ކާރު ޕާކްކުރާ ސަރަހައްދެއްގެ ގޮތުގަ އެވެ. އެ ސަރަހައްދުން ކާރު ޕާކްކުރުމަށް ވެސް ޖާގަ ގަތުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. އަދި އިމާރާތުގެ ފުރަތަމަ ދެ ބުރިއަކީ ކޮމާޝަލް ދެ ބުރި އެވެ. އެ ދެ ބުރީގައި ސްވިމިން ޕޫލަކާއި ރެސްޓޯރެންޓްތަކާއި ޑޭ ކެއާ ސެންޓަރުތަކާއި ޖިމްތައް ހުންނާނެ އެވެ. ރެސްޓޯރެންޓަކީ ވެސް ކޮރެއަން ސްޓައިލްގެ ރެސްޓޯރެންޓެކެވެ.

އެޕާޓްމެންޓްތައް ބުކްކުރުމަށް މިހާރު ހުޅުވާލާފައިވާއިރު، އެޕާޓްމެންޓެއް އަގު އުޅެނީ ތިން މިލިއަނާއި ފަސް މިލިއަނާ ދެމެދު އެވެ. ފައިސާ އެއް ފަހަރާ ދެއްކުމަށް ވެސް ފުރުސަތު އޮތްއިރު، އިސްލާމިކް ބޭންކުން މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. އެއީ ފުރަތަމަ 20 ޕަސެންޓް ދެއްކުމަށްފަހު އެވެ. އިސްލާމިކް ބޭންކްގެ އިތުރުން ބީއެމްއެލްގެ އިސްލާމިކް ވިންޑޯއާ ވެސް ދަނީ ވާހަކަ ދައްކަމުންނެވެ. އަދި އެޕާޓްމެންޓްތައް ވަނީ އިންޝުއާ ވެސް ކޮށްފަ އެވެ.

މި އެޕާޓްމެންޓްތަކުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ކޯދިގެ މެނޭޖިން ޑިރެކްޓަރު ހަސަން މަމްދޫހު ވިދާޅުވީ، އެޕާޓްމެންޓްތަކުގެ މުޅިން ވެސް ހުންނާނީ ކޮރެއާ ބްރޭންޑްގެ ތަކެތި ކަމަށްވުމެވެ. އެގޮތުން ޓީވީ، އެއާކޯން ފަދަ އިލެކްޓްރޯނިކްސް ސަމާނު ހުންނާނީ ކޮރެއާގެ ބްރޭންޑެއް ކަމަށްވާ ސެމްސެންގާއި އެލްޖީގެ ސާމެނެވެ. އޭގެއިތުރަށް ޓައިލްސް އާއި ވޯލްޕޭޕާ އަދި ބޮކި ފަދަ ތަކެއްޗަކީ ވެސް ކޮރެއާގެ އުފެއްދުންތަކެވެ.

ކޮރެއާގެ މޮޅު ކޮލިޓީގެ ޓައިލްސް މި އެޕާޓްމެންޓްތަކުގައި ބޭނުންކުރާއިރު ޓައިލްސް ޖެހުމަށް ވެސް ކޮރެއާއިން މީހުން ގެނައުމަށް ވަނީ ނިންމާފަ އެވެ. އަދި، އެ އެޕާޓްމެންޓެއްގައި ޓައިލްސް ޖަހަނީ އެ އެޕާޓްމެންޓެއް ބުކްކުރާ ފަރާތް ބޭނުންވާ ޑިޒައިނެއްގެ ބޭނުންވާ ގޮތަށެވެ.

އޭގެއިތުރަށް މި އިމާރާތުގައި ސޯލާ ޕެނަލް ހަރުކުރުމަށް ވަނީ ނިންމާފަ އެވެ. އޭގެ ހަކަތަ ބޭނުންކުރާނީ އިމާރާތް ދިއްލުމަށާއި ލިފްޓަށެވެ. އިމާރާތުގައި ހަތަރު ލިފްޓެއް ހަރުކުރުމަށް ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ސްޓްރެޗާ ލިފްޓެއް ވެސް ހިމެނެ އެވެ. ކޮރެއާ މީހުންނަކީ ތަފާތު ގޮތްގޮތަށް އިމާރާތްތައް ދިއްލާ ބައެއްކަމުން މި އިމާރާތް ވެސް ހުންނަނީ އެފަދަ ގޮތަކަށް ދިއްލާފައި ކަމަށް ކޯދި އިންވެސްޓްމެންޓްގެ އެސިސްޓެންޓް އެމްޑީ އިސްމާއިލް ލަތީފް (ޖީކޭ) ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިމާރާތުގައި ޖަހާނީ ވެސް ކޮރެއާގެ ހާއްސަ ބިއްލޫރިއެކެވެ. އެއީ ހޫނު ހިފަހައްޓައިދޭ ބިއްލޫރިއެއް ކަމަށެވެ. އެޕާޓްމެންޓް ހަވާލުކުރާއިރު އެޕާޓްމެންޓްގެ ހުރިހާ ފްރުނީޗަރަކާއި ސަމާނެއް ފުރިހަމައަށް ހަމަކޮށްފައި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަސްލު ރާއްޖޭގައި ނެތް ލަގްޒަރީއެއް، އެހެންވެ އެ ލަގްޒަރީ ގެނައުމަށް މި މަސައްކަތް ކުރަނީ،" އިސްމާއިލް ލަތީފް ވިދާޅުވި އެވެ.

އެޕާޓްމެންޓްތައް ބުކްކުރުމަށް މިހާރު ކޯދި އޮފީހުން ދަނީ ފޯމް ދޫކުރަމުންނެވެ. އަދި އެ ކުންފުނީގެ ވެބްސައިޓް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ކުރިއަށް އޮތްތާ ވެބްސައިޓް މެދުވެރިކޮށް ވެސް އެޕާޓްމެންޓް ބުކް ކުރުމަށް ފޯމް ފުރޭނެ އެވެ.