މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގެ ދެ ވަނަ ޖާގަ ޕޮލިސް ކުލަބު ހޯދިއިރު، ފިރިހެން ޑިވިޝަންގެ ފައިނަލްގެ ދެ ވަނަ ޖާގަ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ހޯދައިފިއެވެ.
އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ޕޮލިސް ކުލަބު ދަތުރު ކުރީ ތިން ވަނަ ސެމީ ފައިނަލް މެޗްގައި މޯލްޑިވިއަން 3-1 ސެޓުން ބަލި ކުރުމަށްފަހު އެވެ.
ފައިނަލުގައި ޕޮލިސް ވާދަ ކުރާނީ ފުވައްމުލަކު މިސްކިތް މަގު އެންމެންގެ ގުޅުމާ ދެކޮޅަށެވެ.
އެލައިޑް އިންޝިއުރެންސް ފިރިހެން ޑިވިޝަންގެ ފައިނަލަށް ޑީއެސްސީ ދަތުރުކުރީ ތިން ވަނަ ސެމީ ފައިނަލް މެޗްގައި ޕޮލިސް ކުލަބު 3-1 ސެޓުން ބަލި ކުރުމަށްފަހު އެވެ.
އަންހެން ޑިވިޝަންގެ މެޗް ފުރަތަމަ ދެ ސެޓް ޕޮލިސް ކާމިޔާބު ކުރީ 25-14 އަދި 26-24 އިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ތިން ވަނަ ސެޓް މޯލްޑިވިއަން ކާމިޔާބު ކުރީ 30-28 އިންނެވެ. މެޗުން މޮޅުވި ސެޓް ޕޮލިސް ކާމިޔާބު ކުރީ 25-16 އިންނެވެ.
އަންހެން ޑިވިޝަންގެ ތިން ވަނަ ޓީމަކީ މޯލްޑިވިއަން އެވެ.
ފިރިހެން ޑިވިޝަންގެ މެޗްގެ ފުރަތަމަ ދެ ސެޓް ޑީއެސްސީ ކާމިޔާބު ކުރީ 25-23، 25-19 އިންނެވެ. ތިން ވަަނަ ސެޓް ޕޮލިސް ކުލަބު ކާމިޔާބު ކުރީ 25-22 އިންނެވެ. މެޗުން މޮޅުވި ސެޓް ޑީއެސްސީ ކާމިޔަބު ކުރީ 25-19 އިން ނެވެ. ފިރިހެން ޑިވިޝަންގެ ތިން ވަނަ ޓީމަކީ ޕޮލިސް ކުލަބެވެ.
މުބަރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ވެގެންދާނީ ފޯރިގަދަ މެޗަކަށެވެ. މޯލްޑިވިއަން އާއި ޑީއެސްސީ އަކީ މިއަހަރު އެންމެ ވާދަވެރިކޮށް ފެންނަ ދެ ޓީމެވެ. މިއަހަރު ބޭއްވި އެސޯސިއޭޝަން ކަޕް މޯލްޑިވިއަން ކާމިޔާބު ކުރީ ޑީއެސްސީ ބަލި ކުރުމަށްފަހު އެވެ. އަދި ގައުމީ ވޮލީ ލީގްވެސް ޑީއެސްސީ ކާމިޔާބު ކުރީ މޯލްޑިވިއަން ބަލިކުރުމަށްފަހު އެވެ.