ރިޕޯޓް

އިންވެސްޓްމަންޓް އިޝްތިހާރު ކުރުން އިތުރު ކުރަން ޖެހޭ

Nov 24, 2016
1
  • ފޯރަމް ތަކުން ފައިދާ ފެންނަމުން ދޭ
  • ބައެއް މީހުނަށް އަދިވެސް ކަންކަން އޮތީ ނޭނގި
  • ފޯރަމް ބާއްވާ ގޮތް ވަރުގަދަ ކުރަން ޖެހޭ

"ޑެސްޓިނޭޝަން ޕްރޮމޯޝަން" ގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. ނަމަވެސް އިންވެސްޓްމަންޓް އިޝްތިހާރު ކުރުން މީގެ ކުރީގައި އޮތީ "އެއް ފަރާތުގައި" ބާއްވާފަ އެވެ. އެކަން ކުރާތަނެއް ނުފެނެ އެވެ. ސުވާލަކީ މިއީ ކިހާ ވަރެއްގެ މުހިންމު ކަމެއް ހެޔެވެ؟

"އަސްލު ރާއްޖޭގައި ހުރި ފުރުސަތުތައް ގިނަ ބަޔަކަށް ނޭނގެ. ރީތި ގޮނޑުދޮއްތަކެއް އޮންނަކަން އެކަނި މި އެނގެނީ،" އިންޑިޔާގައި ބުދަ ދުވަހު ނިމުނު އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވި، އިންޑިޔާގެ ވިޔަފާރިވެރިއަކު "އަވަސް" އަށް ބުންޏެވެ.

ނިއު ދިއްލީގައި ނިމިގެންދިޔަ އިންވެސްޓްމަންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ގައުމުގެ ބައެއް ވިޔަފާރިވެރިން ބައިވެރިވި އެވެ. ނަމަވެސް މީގެތެރެއިން ގިނަ ބަޔަކަށް ރާއްޖޭގެ މައުލޫމާތު އެންމެ ރަނގަޅަށް ނޭނގެ އެވެ. މިކަން އެނގެނީ ބައެއް މީހުންގެ ވާހަކަ ތަކުންނެވެ. މިގޮތުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތު ތަކާއި، ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތައް އެއްގޮތަކަށް ނޭނގޭ ކިތަންމެ ބަޔަކު މި ފޯރަމްގައި ތިއްބެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރުމުން، އޭގެ ބަދަލު ލިބިގެންދާ ގޮތް އެއްގޮތަކަށްވެސް ނޭނގެ އެވެ.

ނިއު ދިއްލީ ތާޖު ހޮޓަލުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގެ ޕްރެޒެންޓޭޝަންގައި ބައިވެރިވި، އިންޑިޔާގެ ވިޔަފާރިވެރިއެއް ކަމަށްދާ ސުބާސް ނާރަން "އަވަސް" އަށް ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރުމުން ލިބޭ މަންފާތައް އިންޑިޔާގެ ގިނަ ވިޔަފާރިވެރިންނަށް ނޭނގޭ ކަމަށެވެ.

"އިންޑިޔާގައި ހަމައެކަނި ތިބީ ޓާޓާ ނޫނީ މަހެންދުރަ ކުންފުންޏެއް ނޫން. އެވަރު ނުވިއަސް ބޮޑެތި ކުންފުނިތައް އެބަހުރި. މިސާލަކަށް ޓޫރިޒަމްގައި ވެސް ހަމަ ރަނގަޅަށް އިންވެސްޓް ކުރެވޭނެ ކުންފުނިތައް އެބަހުރި. އެކަމަކު ގިނަ މީހުންނަށް ނޭނގެނީ،" ސުބާސް ވިދާޅުވި އެވެ.

އިންޑިޔާގައި ކުރިއަށް ދިޔަ އިންވެސްޓްމަންޓް ފޯރަމްގެ ހަވާސާގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވިދާޅުވީ އިންވެސްޓްމަންޓް އިޝްތިހާރު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ސަރުކާރުން އެކަމަށް ހާއްސަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ.

"އިންވެސްޓްމަންޓް ފޯރަމްތައް ބޭއްވުމުން ހަމައެކަނި ފައިދާވަނީ އިންވެސްޓްމަންޓް ދާއިރާއަކަށް އެކަންޏެއް ނޫން. މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްވެސް އިޝްތިހާރުވޭ،" ސައީދު ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފޯރަމް ތަކުން ބޮޑު ފައިދާއެއް

ސަރުކާރުން އިންވެސްޓްމަންޓް ފޯރަމެއް ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރެވެ. މީގެ ކުރިން ރާއްޖެ އިޝްތިހާރު ކުރަމުން ދިޔައީ ހަމައެކަނި ޓޫރިޒަމް ޕްރޮމޯޝަނަށެވެ. އެއީ ބޭރުގައި އިންތިޒާމުކުރާ ފެއާތައް މެދުވެރިކޮށެވެ. ނަމަވެސް ފުރަތަމަ ސިންގަޕޫގައި އިންވެސްޓްމަންޓް ފޯރަމެއް އިންތިޒާމުކޮށް، އަދި ޗައިނާގައި ބޭއްވުމަށްފަހު، މިވަނީ އިންޑިޔާގައި ވެސް ބާއްވާފަ އެވެ. ސުވާލަކީ މި ފަދަ އިންވެސްޓަމަންޓް ފޯރަމްތަކުން ލިބޭ ފައިދާއަކީ ކޮބައި ހެއްޔެވެ؟

އިންވެސްޓްމަންޓް ފޯރަމްއަކީ "ފޮށި ފުރާ" އިންވެސްޓްމަންޓް ބަލާދާ ދަތުރެއް ނޫނެވެ. މިއީ އެހެންވާ ކަމެއް ނޫނެވެ. ނަމަވެސް މި ފަދަ ފޯރަމްތައް ރާއްޖެ ފަދަ ކުޑަ ގައުމަކުން ބޮޑެތި ގައުމުތަކުގައި ބޭއްވުމަކީ ބޮޑު އިޝްތިހާރަ ކަށްވެފަ އެވެ. އަދި މިއީ އެހާމެ މުހިންމުވެސް ކަމެކެވެ. ނަމަވެސް މިހެންބުނާއިރު މި ފަދަ ފޯރަމްތައް ބޭއްވުމުގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ވެސް ފާހަގަ ކުރަން ޖެހެ އެވެ. މިސާލަކަށް ފޯރަމްތައް ރާވާއިރު އެ ގައުމުތަކުގެ ބޮޑެތި މީޑިޔާތައް ވީ ވަރަކުން ފޯރަމްގައި އިންވޯލް ކުރުން މިއީ ވަރަށް މުހިންމު ކަމެކެވެ. މިއީ ފްރީ އެޑްވައިޓްސްމަންޓެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްތަކުން ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތައް ބޭރުގެ ފަރާތްތަކަށް އެނގިގެންދާ ކަމަށެވެ.

"ޗައިނީޒް ވިޔަފާރިތަކަށް ލޯހުޅުވާލަ ދެވުނު އިންވެސްޓްމަންޓް ފޯރަމަކީ އަޅުގަނޑު ބުނާނީ ސިންގަޕޫރު އިންވެސްޓްމަންޓް ފޯރަމޭ. ހާއްސަކޮށް ރައީސް ޔާމީންގެ އިކޮނޮމޮމިކް ޓްރާސްފޮމޭޝަންއަށް ލޯ ހުޅުވައިގެން ދިޔައީ އިންވެސްޓްމަންޓް ފޯރަމުންނޭ. ހާއްސަކޮށް އިތުބާރު ލިބިގެން ދިޔަ މި ފޯރަމްތަކުން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މި އަހަރުގެ ފޯރަމް ކާމިޔާބު ތަ؟

މި އަހަރުގެ ފޯރަމް 400 ބައިވެރިންނާއެކު ނިއުދިއްލީގައި ނިމިގެންދިޔައިރު މި އަހަރުގެ ފޯރަމް ކާމިޔާބު ހެއްޔެވެ؟

ނިއު ދިއްލީގައި ނިމިގެންދިޔަ ފޯރަމަށް ދިޔަ މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ މި ފޯރަމް ވިޔަފާރި ތަކަށް ގޯސްކަމަށް ބުނެވެން ނެތް ކަމަށެވެ. އެއް އެއީ މި އަހަރުގެ ފޯރަމަށް ދިޔަ ބައެއް ކުންފުނިތަކަށް ރަނގަޅު ފުރުސަތު ތަކެއް ލިބިފައިވުމެވެ. އަދި މިކަން އެއް ކިބާގައި ބާއްވާފައި، ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލު އިންޑިޔާގައި އިޝްތިހާ ކުރަން މި ފަދަ ފުރުސަތުތެއް ހުޅުވުމަކީ ވަކިން ކުޑަ ކާމިޔާބީއެއް ނޫނެވެ. އެއީ މި ފޯރަމްގެ ސަބަބުން އިންޑިޔާގެ ވިޔަފާރީގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކަށް ރާއްޖޭގެ އިންވެސްޓްމަންޓް ކްލައިމެޓް ވަނީ އިޝްތިހާރު ވެފަ އެވެ.

ކޮންމެ އަކަސް މި އަހަރުގެ ފޯރަމް ނިމިގެން ގޮސްފި އެވެ. ދެން އަންނަ އަހަރު އޮތީ ދޯހާގަ އެވެ. މިގޮތަށް ގިނައިން ފޯރަމްތައް ބޭއްވުމަކީ މުސްތަގުބަލަށް ބަލާއިރު، ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލަށް އޮތް ފައިދާ އެކޭ ބުނެވިދާނެ އެވެ. އެކަމަކު މިކަން ކުރަންވީ ބޮޑަށް އިޝްތިހާރުވާނެ ގޮތް ބަލައިގެންނެވެ.