ރާއްޖެ ކުޅިވަރު

ގައުމީ ސްވިމިންގް ކޯޗް ފަރޭ އަށް ޒުވާނުންގެ އެވޯޑް

Nov 24, 2016

ކުޅިވަރުގެ ދާއިރާއިން ގައުމީ ސްވިމިންގް ކޯޗް އިސްމާއިލް ފަރުހާން (ފަރޭ) އަށް ޒުވާނުންގެ ގައުމީ އެވޯޑް ލިބިއްޖެ އެވެ.

"ސްވިމިންގް ފީލްޑްގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށްވެސް އަޅުގަނޑު އެހީވެ ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަން." އެވޯޑް ލިބުމަށްފަހު ފަރޭ ބުންޏެވެ.

ފަރޭގެ އެވޯޑް އޭނާ ހާއްސަ ކުރީ ރާއްޖޭގެ ސްވިމިން ކޮމިޔުނިޓީއަށެވެ.

"ކޮންމެ ޒުވާނަކުވެސް ވިސްނަން އެބަޖެހޭ ކޮންމެ ދާއިރާއެއް ކަމުގައި ވީނަމަވެސް އެންމެ ފުރަތަމަ ކަމަކީ އިހްލާސްތެރި ކަމާއެކު އެ މަސައްކަތް ކުރުން އޭރުން ކޮންމެވެސް ދުވަހަކުން އެކަމުގެ އަގުވަޒަން ކުރާނެ ދުވަހެއް އަންނާނެ އަޅުގަނޑު ގަބޫލު ކުރަނީ އެވޯޑް އަޅުގަނޑަށް ލިބުނީ މާޒީގައި އަޅުގަނޑު ކުރެވުނު މަސައްކަތުން."

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ މުޅި ކުޅިވަރުގެ ދާއިރާއިން ޒުވާނުންގެ ގައުމީ އިނާމު ގައުމީ ސްވިމިންގް ކޯޗަށް ލިބުމަކީ ސްވިމިންގް އެސޯސިއޭޝަނަށް ލިބޭ ވަރަށް ބޮޑު ފަހްރެއް ކަމަށާއި އެކަން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށެވެ.

"ގައުމީ ކޯޗްގެ އިތުރުން ފަރުހާން އަކީ ރާއްޖެގެ އެހެން ކޯޗުންގެ މަސައްކަތްވެސް އެނަލައިސް ކުރާ ކޯޗެއް ވަރަށް ރަނގަޅަށް އެ މަސައްކަތް ކޮށްދެއްވާ، އެހާ ޒުވާން އުމުރުގައި ގައުމީ ސްވިމިންގް ކޯޗަށް ކުޅިވަރުގެ ދާއިރާއިން ޒުވާނުންގެ އެވޯޑް ލިބުމަކީ ސްވިމިންގް ކޮމިޔުނިޓީ އާއި އެސޯސިއޭޝަނަށްވެސް ލިބޭ ފަހްރެއް." އިސްމާއީލް ވިދާޅުވިއެވެ.

ޒުވަނުންގެ އެވޯޑް އިތުރު ހަތް ދާއިރާ އަކަށް ހާއްސަކޮށް ރޭ ވަނީ ދީފަ އެވެ. މީގެ އިތުރުން ޔޫތު މިނިސްޓަރުގެ ހާއްސަ އެވޯޑާއި ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ އެވޯޑްވެސް ދީފައިވެ އެވެ.