ހަބަރު

އުރީދޫގެ ވޯކް ގްރޫޕްގައި އޭވިއޭޝަން ސެކިއުރިޓީ ބައިވެރިވެއްޖެ

މުއައްސަސާގެ ހުރިހާ މުވައްޒަފުން ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ އުރީދޫގެ ވޯކް ގްރޫޕްގައި އޭވިއޭޝަން ސެކިއުރިޓީއިން މިއަދު ބައިވެރިވެއްޖެ އެވެ.

އުރީދޫ ވޯކް ގްރޫޕްގައި ބައިވެރިވެ އެކުންފުނިން މިއަދުވަނީ އޭވިއޭޝަން ސެކިއުރިޓީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ބާލާޖީ ސްރިނިވާސަން އެވެ. އަދި އޭވިއޭޝަން ސެކިއުރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމާންޑާ މޭޖާ މުހައްމަދު ފަސީހު އެވެ.

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސް ހިލޭ ކުރެވޭނެ ކަމަށެވެ. އަދި މުވައްޒަފުންގެ އާއިލާތަކަށް ވެސް ހިލޭ މުވާސަލާތު ކުރެވޭނެ ކަމަށެވެ.

އުރީދޫއިން ބުނީ މިއީ އުރީދޫގެ ހިދުމަތްތައް މެދުވެރިކޮށް ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިގެން އެކުންފުނިތައް ކުރިއެރުވުމުގައި އެއްބާރުލުން ދޭން ފައްދާފައިވާ ވޯކް ގްރޫޕެއް ކަމަށެވެ. މި ވޯކް ގްރޫޕް ޕެކޭޖުގައި ހަތަރު އަދަދުގެ ކުރު ނަމްބަރެއް ބޭނުންކޮށްގެން އެ ގްރޫޕްގައި ހިމެނޭ ފަރާތްތަކަށް ހިލޭ ގުޅާލާ އެސްއެމްއެސް ކުރެވޭނެ އެވެ.

ކޯޕަރޭޓް ކުންފުނިތަކަށް ހާއްސަކޮށް އުރީދޫއިން ތައާރަފްކޮށްފައިވާ މި ޕެކޭޖު މެދުވެރިކޮށް، އެކި ލޮކޭޝަންތަކުގައިވާ އޮފީސްތަކާއި ކުންފުނީގެ މުވައްޒަފުން އެއް މޮބައިލް ނެޓުވޯކެއް ތެރޭގައި ގުޅުވާލަދީ ކުންފުނީގެ ތެރޭގައި މުއާމަލާތް ކުރަން ފަސޭހަވެގެންދާނެ އެވެ.

އުރީދޫއިން ބުނީ ވޯކް ގްރޫޕްގައިވާ ކޮންމެ މުވައްޒަފަކަށް އެ މުވައްޒަފެއްގެ އާއިލާގެ ކޮންމެސް އެއް ފަރާތަކަށް ހިލޭ އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރެވޭނެ ކަމަށެވެ. މި ވޯކް ގްރޫޕްގެ ހިދުމަތް ބޭނުންކުރާ ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ހާއްސަ ޕޯޓަލް މެދުވެރިކޮށް ކުންފުނިން ދައްކަން ޖެހޭ ބިލް ޗެކު ކުރުމާއި، އާ ކަނެކްޝަންތަކަށް އެދުމާއި ވޯކް ގްރޫގެ ލިސްޓަށް އުނި އިތުރު ގެނެވޭނެ ކަމަށެވެ. މި ގްރޫޕްގެ ތެރެއިން ވަކި ވަކި ގްރޫޕްތައް އުފައްދާ އެސްއެމްއެސް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.