ރާއްޖެ ކުޅިވަރު

މިރޭ ނުކުންނާނީ ޔޫވީން މާޒިޔާއަށް ދިން ލަނޑު ހަނދާންބަހައްޓައިގެން: ސާންތީ

ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމު މާޒިޔާ އަށް އެފްއޭކަޕްގައި ލަނޑު ދިން ޓީމަކީ ޔުނައިޓަޑް ވިކްޓްރީ އެވެ. އެފްއޭ ކަޕްގެ ތަށި ދިފާއު ކުރަން ނިކުތް މާޒިޔާ ކްއާޓާ ފައިނަލުން ކެޓީ ޔުނައިޓަޑް ވިކްޓްރީ އަތުން ބަލިވުމުންނެވެ.

އަނެއްކާވެސް ދިވެހި ފުޓްބޯޅައިގައި މި ރެއަކީ އެކަހަލަ ރެއެކެވެ. ޔުނައިޓަޑް ވިކްޓްރީއާ ދެކޮޅަށް ޕްރެޒިޑެންޓް ކަޕްގެ ސެމީފައިނަލް މެޗްގައި މިރޭ ނިކުންނަނީ މާޒިޔާ އަށް ފަހު، މިވަގުތު ދިވެހި ފުޓްބޯޅައިގައި ޑޮމިނޭޓް ކުރަމުން އަންނަ ޓީމު ކުލަބު އީގަލްސް އެވެ.

މި ސީޒަންގައި އީގަލްސްއަށް ޔޫވީ އަތުން މޮޅުވެވިފައެއް ނުވެއެވެ. އެހެންވެ އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނީ ޔޫވީ އަންޑަ އެސްޓިމޭޓް ކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް ޓީމެއް އަންޑަ އެސްޓިމޭޓް ކުރާ ކޯޗެއް ނޫން ހާއްސަކޮށް ޔޫވީ އަތުން ސީޒަންގައި މިހާތަނަށް މޮޅުވެވިފައި ނެތުމަކީ އީގަލްސް އަށް ޔޫވީ އަންޑަ އެސްޓިމޭޓް ކުރެވެން ނެތް ސަބަބެއް،" މެޗާ ބެހޭގޮތުން އަވަސް އަށް ދެއްވި އިންޓަވިއުގައި ސާންތީ ބުންޏެވެ.

މެޗަށް ނިކުންނައިރު އީގަލްސް އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާ ކުރަމުން އައީ އިބްރާހިމް މުބީން (މުއްކި) އަށް ޓީސީ މެޗްގައި ދެއްކި ރަތް ކާޑާ ގުޅިގެން ސީޒަންގެ ބާކީ އޮތް ދެ މެޗަށް ސަސްޕެންޑް ކުރުމެވެ.

ނަމަވެސް މުބާރާތުގައި ކުޅުނު ދެ މެޗުން އީގަލްސް ކޮޅަށް ލަނޑެއް ނުވަދެ ނިއުރޭޑިއަންޓާއި ޓީސީއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެފައިވުމަކީ އެޓީމަށް އޮތް ވަރަށް ބޮޑު ހިތްވަރެއް ކަމަށް ސާންތީ ފާހަގަ ކުރި އެވެ.

ސެމީ ފައިނަލަށް ދަތުރު ކޮށްފައި އޮތުމުން ޕްރެޒިޑެންޓް ގުރޫޕް ސްޓޭޖްގެ ފަހު މެޗްގައި މާޒިޔާއާ ދެކޮޅަށް ޔޫވީ ކުޅުނީ މެޗް ފަސޭހަކޮށް ލައިގެންނެވެ. އެމެޗްގައި މުހިންމު ކުޅުންތެރިން ކަމުގައިވާ ގޯލްކީޕަރު ސީރިޔާގެ މުހައްމަދު އަލް ޔޫސުފާއި ރަފޭލް ބެޓިއަމް މާޓް ރަފީނިއާއަށް ވެސް ވަނީ ރެސްޓް ދީފަ އެވެ.

އެދުވަހުގެ މެޗް ޔޫވީ ފަސޭހަ ކޮށްލުމުގެ މާނައަކީ ޓީމުގެ ކުޅުންތެރިންނަށް ރެސްޓް ދީ އީގަލްސްއާ ދެކޮޅަށް މިރޭ ކުޅޭ ސެމީ ފައިނަލް މެޗްގައި އެކުޅުންތެރިން ފަރާތުން ވަރުގަދަ ފައިޓެއް ދިނުމެވެ.