ހަބަރު

ދެ ނޫސްވެރިންނަށް އުފުލި ދައުވާ ގެންދަން ގޮވާލައިފި

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދަން ރާއްޖެ ޓީވީއިން މިއަދު ގޮވާލައިފި އެވެ.

އެ ޓީވީ ސްޓޭޝަނުން މިއަދު މިގޮތަށް ގޮވާލާފައިމިވަނީ އިއްޔެ ކުރިމިނަލް ކޯޓުން އެ ދެ ނޫސްވެރިންގެ މައްސަލާގައި އަޑުއެހުންތައް ނިންމާލައި އަންނަ މަހުގެ 19 ވަނަ ދުވަހު ހުކުމްކުރުމަށް ނިންމުމާ ގުޅިގެންނެވެ.

ދެ ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 7:45 ހާއިރު، ފުލުހުންނާއި ސިފައިން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައިވަނިކޮށް އިސްކަންދަރު ކޮށީ ދޭއް ކައިރީގައި ތިބި މީހުންތަކެއް ދުރަށް ދިޔުމަށް އެންގި ވަގުތު އެތާގައި ހުރި ރާއްޖެ ޓީވީ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން އޭނާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް، ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ނޫސްވެރިޔާ ވިސާމް ފަހަތުން ބައްދާލުމަށްފަހު ފަހަތައް ދަމާފައިވާ ކަމަށެވެ. ވިޝާމްއަށް ދައުވާކުރަނީ މިހެންވެ އެވެ.

ލީވާންއަށް ދައުވާކުރަނީ، ދައުވާގައިވާ ގޮތުން، ފިޔާޒު ހައްޔަރު ކުރަން ފުލުހުން އޭނާގެ ގައިގާ އަތް އެޅުވުމުން ލީވާން، ފިޔާޒުގެ ގައިން ފުލުހުންގެ އަތް ނައްޓާލުމުންނެވެ. މި މައްސަލާގައި ފިޔާޒުގެ މައްޗަށް ވެސް ދައުވާކޮށް ޝަރީއަތް ވަނީ ފަށާފަ އެވެ.

އެ ސްޓޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ސްޓޭޝަނުގެ ނޫސްވެރިންގެ މައްޗަށް ދައުވާކޮށްފައިވަނީ އެމީހުން ނުކުރާ ކަމެއްގެ މައްޗަށް ކަމަށެވެ. އަދި އަދަބު ދިނުމަށް މަސައްކަތްކުރަމުންދަނީ ނުހައްގުން ކަމަށެވެ.

"ނުހައްގުން އެއްވެސް ކުށެއް ނެތް ރާއްޖެ ޓީވީގެ ޒުވާން ނޫސްވެރިންތަކަކަށް އަދަބު ލިބުމުގެ ކުރިން އެކަމުން ސަލާމަތްކުރުމަށް މަސައްކަތްކޮށްދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކަށާއި އަދި އަމިއްލަ ޖަމްއިއްޔާތަކަށް މި ސްޓޭޝަނުން ގޮވައިލަން،" ބަޔާނުގައިވެ އެވެ.

މި މައްސަލަ ވިސާމާއި ލީވާންގެ މައްޗަށް ސާބިތުވެއްޖެނަމަ 12،000 ރުފިޔާގެ ޖޫރިމަނާއެއް ނުވަތަ ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.