ލައިފްސްޓައިލް

ކުށުގެމަތީ ދެމިނުހުރެ އޮތީ އަވަހަށް ތައުބާވުން!

Nov 25, 2016

އިންސާނާއަކީ ކުށް ކުރެވޭ މީހެކެވެ. ކުށް ކުރެވޭނެ މީހެކެވެ. އިންސާނާ ހައްދަވާފައިވަނީ ކުށްކުރެވޭ ގޮތަށެވެ. އެހެން ކަމުން އިންސާނާ ހެއްދެވި ފަރާތުން ވަނީ އެކަން ދަސްކޮށްދެއްވާ ފައެވެ. ކުށް ކުރެވުނީމަ ފާފަ ފުއްސެވުމަށް ވަނީ އަންގަވައި ދެއްވައިފަ ފައެވެ. އެކަމަކު ނޭގި ނަމަވެސް ކުށް ކުރެވެ އެވެ. އެހެން ކަމުން އިސްތިޢުފާރު ކުރުމަކީ އިންސާނާ އަބަދު ކުރަން ޖެހޭ ކަމެކެވެ. މުސްލިމުންނަށް ނަމޫނާ އެއްކަމުގައި ފޮނުއްވި މުޙައްމަދު ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކޮންމެ ދުވަހަކު 100 ފަހަރު އިސްތިޢުފާރު ކުރައްވަ އެވެ. އެހެން ކަމުން ކޮންމެ މީހަކުވެސް އެގޮތަށް ޢަމަލު ކުރުމަކީ ކޮންމެހެން ވެސް ބޭނުން ކަމެކެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "މީސްތަކުންނޭވެ. ﷲ ގެ ޙަޟުރަތުން މަޢާފް ކުރުމަށް އެދި ދަންނަވާ ށެވެ. ތިމަންކަލޭގެފާނު ކޮންމެ ދުވަހަކު 100 ފަހަރު އިސްތިޢުފާރު ކުރަމެވެ." (ސަޙީޙް މުސްލިމް 6523 )

ކީރިތި ޤުރުއާނުގެ އެތަށް އާޔަތެއްގައި ފާފަ ފުއްސެވުމަށް އެދި ދެންނެވުމަށް ވަނީ އަންގަވާ ފައެވެ. ﷲ އަކީ ފާފަ ފުއްސަވާ ރަޙްމާން ވަންތަ ރަޙީމް ވަންތަ ރަސްކަލާނގެ އެވެ.

ކީރިތި ޤުރުއާނުގެ ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގެ މާނާގައި ވަނީ "ކަލޭގެފާނު ވިދާޅުވާށެވެ. އެއުރެންގެ އަމިއްލަ ނަފްސު ތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައި ނުލާށެވެ. ހަމަކަށަވަރުން ﷲ އީ ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެ އެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެ އެވެ."

ކުށެއް ކުރެވުމުން އެކުށަކަށް މަޢާފަށް އެދުމަކީ އެންމެ ރަނގަޅު މީހުންގެ ގޮތެވެ.

މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ޙަދީޘެއްގެ މާނާގައި ވެއެވެ.

"އާދަމުގެ ދަރިންނަކީ ކުށްކުރާ ބައެކެވެ. އަދި އެންމެ ރަނގަޅު މީހުންނަކީ ކުށް ކުރެވުމުން މާފަށް އެދި ރުޖޫއަވާ މީހުންނެވެ". (އައްތިރްމިޒީ)

ކުށަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކުރުމަށް މަނާ ކޮށްފައިވާ ކަންތަކެވެ. ކޮންމެ އިންސާނަކީ ﷲ ގެ އަޅެކެވެ. އެހެން ކަމުން ﷲ ނަޙީ ކުރައްވާފައިވާ ކޮންމެ ކަމެއް ކުރުމަކީ ކުށެކެވެ. ﷲ މީސްތަކުންނަށް ދީން ދަސްކޮށްދެއްވުމަށް ފޮނުއްވި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މަނާ ކުރެއްވި ކަންތައްތަކަކީ ކުށެވެ. އެހެން ކަމުން ކުށަކީ ކޮބައިކަމާއި ކުށްކުރެވެނީ ކިހިނެއް ކަމާއި ކުށްކުރެވުނީމަ ހަދާނީ ކިހިނެއްކަން އެގޭނީ އެކަންތައް އުގެނި ދަސްކުރީމަ އެވެ.

ކުށްތަކުގެތެރޭގައި ވަނީ ބޮޑެތި ކުށް ތަކާއި ކުދި ކުށް ތަކެވެ. ކުދި ކުށްތައް އެމީހާ ކުރާ ހެޔޮ ޢަމަލުގެ ސަބަބުންވެސް ފުހެވިގެން ދާނެ އެވެ. ބޮޑެތި ކުށްތައް ފުހެވިގެން ދާނީ އެމީހަކު ތައުބާ ވުމުންނެވެ. ތައުބާ ވުމަކީ އެކުށް ކުރެވުނީތީ ދެރަވެ ހިތާމަކޮށް އެކުށް ތަކުރާރު ނުކުރުމެވެ. މީހެއްގެ ޙައްގަކަށް އަރައިގަނެވިފައިވާނަމަ އެޙައްގެއް އަދާކޮށް އެމީހެއްގެ ކިބައިން މަޢާފަށް އެދުމެވެ. ކިތަންމެ ބޮޑު ކުށެއްނަމަވެސް އެމީހަކު ތައުބާ ވެއްޖެނަމަ ﷲ އެފާފަ ފުއްސަވާނެ އެވެ.

ކުށްމަތީ ދެމިހުރުމަކީ ޝައިޠާނީ ޢަމަލެކެވެ. ފަހުން ތައުބާ ވާން ނުވަތަ ފަހުން ރަނގަޅު ގޮތަށް ޢަމަލު ކުރަން ފަސްކުރުމަކީ ޝައިޠާނާ އަށް ހެއްލުމެވެ. ހެޔޮ ޢަމަލު ތަށް ކުރަން ފަސް ކޮށްގެން ނުވާނެ އެވެ. ހެޔޮ ޢަމަލު ތައް ކުރަން ބިރު ގަނެގެން ނުވާނެ އެވެ. ރަނގަޅު ކަންތައް ކޮށްގެން ލިބޭ ދެރަޔަކީ އިމްތިހާނެކެވެ. އިމްތިހާނުން ފާސްވާނީ ކެތްތެރި ވެގެންނެވެ.

ކުދި ކުށްތަކުގަޔާއި ބޭކާރު ކަންތައް ކުރުން ގިނަކުރުމަކީ އެމީހެއްގެ ހެޔޮ ޢަމަލު ތައް މަދުވެގެން ދާނެ ކަމެކެވެ. އެހެން ކަމުން ހެޔޮ ޢަމަލު ގިނަ ކުރަން ބޭނުންވާ މީހަކު ގިނަގިނައިން އިސްތިޢުފާރުކޮށް ބޭކާރު ގޮތުގައި ވަގުތު ހޭދަ ކުރުން ދޫކޮށްލަން ވާނެ އެވެ. ކުށް ކުރުމަކީ އެމީހާ އަށް ލިބޭ ރިޒުގު ދަތިވެގެންދާނެ ކަމެކެވެ.

ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އަޅާ އޭނާ ކުރާ ފާފައިގެ ސަބަބުން އޭނާ އަށް ލިބެން ހުރި ރިޒުގުން މަޙްރޫމް ވެގެން ދެއެވެ." (އިބްނު މާޖާ 2204 )

ކުށެއް ކުރެވުނީތީ އެކަމާ މާޔޫސްވެ ކަންބޮޑުވާކަށް ނުޖެހެއެވެ. އެއީ އިންސާނާގެ ޠަބީޢަތެވެ. ކުށަށް މަޢާފަށް އެދި އެކުށް ރަނގަޅު ކޮށްލާފަ ކުރިއަށް ދިއުމަކީ ބުއްދިވެރިންގެ ގޮތެވެ. އިންސާނުން އެކަކު އަނެކަކަށް ކުށް ހޯދާ ކުށް ދައްކަން ވެއްޖެނަމަ އަބަދު ފެންނާނީ ކުށް ކުރާ ތަނެވެ. ރަނގަޅު ކަންތަކެއް ނުފެންނާނެ އެވެ. މީހަކު ކުށެއް ކުރުމުން އެކުށުގެ ވާހަކަ ދެއްކުމަށް ވުރެ އެކުށް ރަނގަޅު ކުރުމަށް އެހީތެރި ވުމަކީ އެންމެ ރަނގަޅު ގޮތެވެ. ރަނގަޅު ކަންތައް ކުރުމުން ސަޕޯޓް ދީ ހިތްވަރު ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރަނގަޅު ކަންތައް ގިނަ ކުރަން ބޭނުން ނަމަ ރަނގަޅު ކަންތަކަށް ހިތްވަރު ދީ އެއްބާރުލުން ދޭށެވެ. ގޯސް ކަންތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ރަނގަޅު ވާހަކަ ދެއްކުން ގިނަ ކުރާށެވެ. ރަނގަޅު ކަންތައްތައް ގިނަވުމުން މުޖުތަމަޢުގައި އަމާން ކަން އުފެދި ގޯސްކަންތައްތައް ފުހެވިގެންދާނެ އެވެ. އެއީ ހެޔޮ ޢަމަލު ތަކަކީ ގޯސް ކަންތައްތަށް ނެތިކޮށްލާ ކަމެކެވެ. އެހެންގޮތަކަށް ދަންނަވާ ނަމަ ޙައްގަކީ ބާތިލް ނެތި ކޮށްލާ ކަމެކެވެ.

އިންސާނަކަށް ވީތީ ކުށް ކުރެވޭނެ އެވެ. ކުށް ކުރެވުނީމަ ކުށް ގަބޫލު ކޮށް ތައުބާ ވާން ވާނެ އެވެ. މަޢާފަށް އެދެން ވާނެ އެވެ. ކުށްތަކުން ދުރުވުމަށްޓަކައި ކުރަން ޖެހޭ ކަމަކީ ކީރިތި ޤުރްއާން އުގެނި އެއަށް ޢަމަލު ކުރުމެވެ. ޤުރުއާން އުގެނި އެގޮތަށް ޢަމަލު ނުކުރާމީހަކީ ކުށްވެރި އެކެވެ. ކީރިތި ޤުރުއާން އުގެނި އެއަށް ޢަމަލު ކުރުމުން ނޫނީ ސާލިޙް މީހަކަށް ވެގެން ނުދާނެ އެވެ. ނަމާދުކޮށް ޤުރުއާން ކިޔަވާ ރޯދަ ހިފާ ޒަކާތްދީ ދުލުން ރަނގަޅު ވާހަކަ އެއް ނޫނީ ނުދައްކާ، ކަންފަތުން ރަނގަޅު އެއްޗެއް ނޫނީ އަޑު ނާހާ، ލޮލުން ރަނގަޅު އެއްޗެއް ނޫނީ ނުބަލާ ގިނަ ގިނައިން ﷲ ހަނދުމަކޮށް އިސްތިޢުފާރުކޮށް ރަނގަޅު މީހުންނާ އެކު އުޅުމުން ކުށްތަކުން ރައްކާތެރިވާނެ އެވެ.