ޕްރެޒިޑެންޓް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗްގެ ފުރިހަމަ ވަގުތު އެއްވަރުވާން ދަނިކޮށް މުސްތަފާ ސެޑިކް ކާމިޔާބު ކުރި ލަނޑުން 3-2 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ފައިނަލަށް އީގަލްސް ދަތުރުކޮށްފިއެވެ.
މެޗްގެ އެންމެ ފަހު މިނެޓްގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ކުރިމަތި ލުމެއްގައި ޔޫވީގެ ދެ ކުލުންތެރިން ކަމަށްވާ ކެރިކް އެންޑްރިޖް އާއި އިބްރާހިމް ޝަފުރާޒު (ޝަފަލޭ) އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ.
މާޒިޔާއާ ދެކޮޅަށް ގުރޫޕް ސްޓޭޖް މެޗްގައި ގިނަ ކުޅުންތެރިންތަކަށް ރެސްޓް ދިނުމަށްފަހު މިރޭގެ މެޗަށް ނިކުތް ޔވީން ވަނީ މުޅި މެޗްގައި އީގަލްސްއަށް ވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މެޗްގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓްގައި ޔޫވީ އަށް ކާމިޔާބު ކޮށްދިނީ އަލީ ހައިސަމްއެވެ. އޭގެ ހަތް މިނެޓްފަހުން އީގަލްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރިސްޓޭ ނައުމޯވް އެވެ.
ދެ ވަނަ ހާފުގައި އީގަލްސްއިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އީގަލްސްގެ ހަމަލާތަކުގައި ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ރިސްޓޭ އާއި ސެޑިކްގެ ކޮމްބިނޭޝަން ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ.
ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި އީގަލްސް އަށް ލީޑް ނަގައިދިނީ ރިސްޓޭ ދިން ހިތްގައިމު ޕާހަކަުން ސެޑިކްއެވެ.
އެ ލަނޑު ޖެހިތާ ފަސް މިނެޓް ނުވަނީސް އީގަލްސްގެ ޑިފެންޑަރުން ކައިރިން ނައްޓާ ލުމަށްފަހު ޔޫވީ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބު ކުރީ ހުސައިން ޝިމާޒު (ކޮކީ) އެވެ.
އެ ލަނޑަށް ފަހުވެސް ޔޫވީ އަށް ވަނީ ލަނޑު ޖަހާނެ ރަނަގަޅު ފުރުސަތެއް ލިބިފައެވެ. ޔޫވީގެ ކެރިކް ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ގޯލްގެ ކަނަށް ފޮނުވާލަން އުޅުނު ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.
ރިސްޓޭ އާއި ސެޑިކް ވަނީ ދެ ފަހަރެއްގެ މަތިން ހަމަލާ އުފައްދައި ޔޫވީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެދެކުޅުންތެރިންވެސް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް އެ ދެފަހަރު ވެސް ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ.
އީގަލްސް މޮޅުކޮށްދިން ލަނޑު ސެޑިކް ކާމިޔާބު ކުރީ މެޗް ނިމެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށެވެ.
މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލް މެޗްގައި މާދަމާ ރޭ ބައްދަލު ކުރާނީ މާޒިޔާ އާއި ޓީސީއެވެ.